ވިޔަފާރި

ފަތުރުވެރިކަމުގެ 50އާ ގުޅިގެން ރ.މީދޫގައި ކަލިނަރީ އެގްޒިބިޝަނެއް


ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރ.މީދޫގައި ކަލިނަރީ އާރޓްސް ޝޯވްކޭޝް އެގްޒިބިޝަނެއް ބާއްވައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަނގަ ކުރުމަށް ބޭއްވޭ ހަރަކާތްތަކާއި ގުޅުވައި ރ.އަތޮޅު ކައުންސިލުން އިސްނަގައިގެން ޓުއަރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ހަރަކާތްތަކަކީ ރ.ޓޫރިޒަމް އެކްސްޕޯ 2022ގެ ދަށުން ބާއްވާ ޙަރަކާތްތަކެކެވެ. މި އެގްޒިބިޝަން ފެށުމުގެ ރަސްމިއްޔާތުގައި ރ.އަތޮޅު ކައުންސިލް މެންބަރުންނާއި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރ.މީދުގައި ހޮނިހިރުދުވަހު މެނދުރު ފެށި ކަލިނަރީ އާރޓްސް ޝޯވްކޭޝް އެގްޒިބިޝަނާކީ ރިސޯޓްތަކުގައި ތައްޔާރުކުރާ މުހިންމު ބައެއް ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކުރުމުގެ ހުނަރު ދައްކާލުމަށް ބާއްވާ ކެއްކުމުގެ މައުރަޒެކެވެ. އެގޮތުން ކުރިއަށް ގެންދާ މި ޙަރަކާތުގައި މީދުއާ ކައިރި ރަށްރަށުގެ ސްކޫލުތަކުގެ ސާނަވީ ގްރޭޑް ތަކުގެ ދަރިވަރުންވެސް ބައިވެރިވެއެވެ.

މިހަރަކާތް ފަށްޓަވައި ދެއްވައި ޓުއަރިޒަމް މިިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު އާތިފް ވިދާޅުވީ، ޓުއަރިޒަމް މިނިސްޓްރީގެ އުންމީދަކީ މި ހަރަކާތަކީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ހަރަކާތަކަށް ވެގެން ދިއުން ކަމަށެވެ. އެގޮތުން ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ފަތުރުވެރިކަން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުންކަމަށް އޭނާ ވިދާޅުވިއެވެ.

މި ޙަރަކާތުގައި ރ.އަތޮޅުގައި ޙަރަކާތްތެރިވާ 6 ރިސޯޓަކުން ވަނީ ބައިވެރިވެފައެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރ.އަތޮޅު ކައުންސިލުގެ ރައީސް ހުސައިން ނާސިފްވަނީ މިފަދަ ޙަރަކާތްތަކަށް ރިސޯޓުތަކުން ލިބުނު އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސްކޫލު ދަރިވަރުންވެސް ހިމަނައިގެން އިތުރު ހަރަކާތްތައް ކުރިއަށްގެންދަން ރާވާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ރ.ޓޫރިޒަމް އެކްސްޕޯ 2022ގައި ހިމެނޭ ހަރަކާތްތަކުގެ ތެރޭގައި ކަލިނަރީ ޗެލެންޖަށްފަހު ދެން އޮންނާނީ އަންނަ ޖޫންމަހުގެ 18ވަނަ ދުވަހު ހުޅުދުއްފާރުގައި ބޭއްވުމަށް ހަމަޖެހިފައިވާ (ވޯޓަރ ސްޕޯރޓްސް) މޫދު ކުޅިވަރުގެ ހަރަކާތްތަކެވެ. މި އިވެންޓުގައި އާންމުކޮށް ރިސޯޓްތަކުގައި މޫދު ކުޅިވަރުތަކުގައި ބޭނުންކުރާ އާލާތްތަކާއި އެތަކި ބޭނުންކުރާގޮތުގެ ހުނަރުތައް ފެނިގެންދާނެއެވެ. 

ރ.ޓޫރިޒަމް އެކްސްޕޯ 2022ގެ އެންމެ ފަހު އަދި ގާލާ ނައިޓް ބޭއްވުމަށް ނިންމާފައިވަނީ އޯގަސްޓް 20ވަނަ ދުވަހު ދުވާފަރުގައެވެ. އެގޮތުން ބާއްވާ ގާލާ ނައިޓްގައި ގިނަ އެވޯޑްތަކެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް ޚިދުމަތްކޮށް ދެއްވާފައިވާ ފަރާތްތަކާއި އިޖުތިމާއީ ކަންކަމުގައި އަތޮޅަށް އެހީތެރިކަން ދެއްވާފައިވާ ފަރާތްތަކާއި ރ.ޓޫރިޒަމް އެކްސްޕޯގެ ޗެލެންޖުތަކުން ވަނަތައް ހާސިލް ކުރެއްވާ ފަރާތްތަކާއި އިވެންޓްތައް ބޭއްވުމަށް އެހީތެރިކަން ދެއްވި ފަރާތްތަކަށް އެވޯޑް ދިނުމަށްވެސް ހަމަޖެހިފައި ވެއެވެ.