ވިޔަފާރި

ޝަންގިރިއްލާ ރިސޯޓު ހުޅުވުމަށް އޮތް ހައްލަކީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު


ރިސޯޓުތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާއަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ ޤާނޫނީ އިސްލާހު ފާސްވެގެން ނޫނީ ޝަންގިރިއްލާ ރިސޯޓް ނުހުޅުވޭނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މިނިސްޓަރާއި ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ޓުއަރިޒަމް މިނިސްޓަރ ޑރ. މައުސޫމްގެ އަރިހުން ޝަންގިރިއްލާ ރިސޯޓު ނުހުޅުވި އޮތް ސަބަބާއި އަދި ހުޅުވޭނެ ތާޜީޙެއް ހިތަދޫ ދެކުނުގެ ދާއިރާގެ މެންބަރ އިބްރާހިމް ނާޒިލް ވަނީ ސުވާލުކޮށްފައެވެ.

މެންބަރު ނާޒިލުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، ޝަންގިރިއްލާގެ 30 އިންސައްތަ ހިއްސާ ސަރުކާރަށް އޮންނައިރު ސަރުކާރުން ތަފާތު މަސައްކަތްތަކެއް ރިސޯޓު ހުޅުވުމަށް ކޮށްފައިވާކަމަށެވެ. އެގޮތުން މަޝްވަރާތަކަށްފަހު ފަތުރުވެރިކަމުގެ ޤާނޫނަށް 11 ވަނަ އިސްލާހު ހުށަހަޅާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، ޝަންގިރައްލާ އަލުން ހުޅުވުމަށް ބަލާއިރު ސަރުކާރަށް މިހާރު އޮތް ގޮތަކީ ސަރުކާރަށް ހިއްސާ ގަތުން ކަމަށެވެ. ނަމަވެސް ޤާނޫނުގައި މިހާރުގެ އޮތް ގޮތުން ރިސޯޓުގެ ބޮޑުމިނަށް ބަލައި، ހިއްސާގެ އަގު 80 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހިއްސާ ގަތުމަށް 80 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާތީ އެކަމާ އަޅުގަނޑުމެން ކުރި މަޝްވަރާ ކޮޅަކު ނުޖެހި ފަހުން، ހާއްސަކޮށް އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނާއި އަޅުގަނޑުމެން ނުރަސްމީ ސިފައެއްގައި ކުރި މަޝްވަރާތަކުގެ އަލީގައި އަޅުގަނޑުމެން ވާނެ ޤާނޫނަށް އެ ބަދަލު ގެންނަން ހުށަހަޅާފަ. ފަތުރުވެރިކަމުގެ ޤާނޫނަށް ގެންނަ 11 ވަނަ އިސްލާހުގައި އަޅުގަނޑުމެންވާނެ ސަރުކާރުގެ ހިއްސާ ރިސޯޓުތަކުގައި ހިމެނޭ ކަންތައް ބަދަލު ކުރުމަށް ގެންގުޅޭ ފޯމިއުލާ ބަދަލުކޮށްލަން ފީޒިބިލް ގޮތަކަށް ބަދަލުކޮށްލަން ހުށަހަޅާފަ. އެހެންވެއްޖެއިއްޔާ އަޅުގަނޑު ހިތުން ޝަންގްރިއްލާ ހުޅުވޭނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ދެކުނު ސަރަހައްދުގެ ފަތުރުވެރިކަން ރަނގަޅަށް ފަށައިގަތުމަށް ޝަންގްރިއްލާއިން އަޕްމާކެޓު އެނދުތައް ފޯރުކޮށްދޭން ޖެހެއެވެ. އެއީ މިވަގުތު ހުރި ފަތުރުވެރިކަމުގެ އެހެން ޕްރޮޑަކްޓުތަކުން އަޕްމާކެޓް އެނދުތައް ނުލިބޭތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޖަވާބަށްފަހު، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޝަންގްރިއްލާ މައްސަލައިގެ ވާހަކަ މަޖިލީހުގައި ވަރަށް ގިނައިން ދެކެވޭ ކަމަށާއި، އެހެން ކަމުން މައްސަލައިގެ މުހިންމުކަން ސާފުވާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޤާނޫނަށް ގެންނަން ޖެހޭ ބަދަލެއް މަޖިލީހުންގެ ގެންނާނެ ކުރިއެކޭ އެއްގޮތަށް ގެންނާނެ ކަމަށެވެ. ނަމަވެސް މިއިން ކޮންމެ ބަދަލެއްވެސް ގުޅެނީ ތާށިވެފައިއޮތް މައްސަލައަކާއިކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ބައެއް ފަހަރު ބަދަލަށް ފަހުވެސް މައްސަލަކުރިއަށް ނުދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރ މައުސޫމް މީގެ ކުރީން ވިދާޅުވީ ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮވެ އެ ރިސޯޓް ނުހުޅުވިގެން ދިއުމަކީ ރައްޔިތުންގެ ސުވާލު އިތުރަށް ބޮޑުވި ކަމެއް ކަމަށާއި، އައްޑޫ އިންވެސްޓް ޕްރައިވެޓް ލިމިޓެޑާއި، އެއްކޮށްވެފައިވާ އެގްރީމެންޓްގެ ސަބަބުން ރިސޯޓަށް ގެއްލުންވާ ހާލަތުގައި ސަރުކާރުން އެ ގެއްލުމުގައި ހިއްސާވާން ޖެހޭ ކަމަށެވެ.

އައްޑޫގައި ދެވަނައަށް އޮތް އެންމެ ބޮޑު ރިސޯޓުކަމުގައި ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. މި ރިސޯޓު ބަނދުކޮށްފައިވަނީ ކޯވިޑުގެ ހާލަތާއި ގުޅިގެން ނަމަވެސް ރިސޯޓު އަލުން ހުޅުވުމަށް ސަރުކާރުން މިހާތަނަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ޝަންގްރިއްލާ ރިސޯޓަކީ 2009 ވަނަ އަހަރު އައްޑޫގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓެވެ.

އައްޑޫގައި މިހާތަނަށް ހެދިފައި އޮތީ 3 ރިސޯޓެވެ. އެއީ ޝަންގްރިއްލާ ރިސޯޓުގެ އިތުރުން، ކެނެރީފް ރިސޯޓު އަދި ސައުތުޕާމް ރިސޯޓެވެ. ކޯވިޑުގެތެރޭގައި ކެނެރީފް ރިސޯޓުވެސް ބަނދުކުރިއެވެ. ނަމަވެސް އެ ރިސޯޓުގެ މަރާމާތު މަސައްކަތެއްކޮށް މުވައްޒަފުން ނަގާ މިއަހަރު ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ވަނީ އަލުން ހުޅުވާފައެވެ.