ވިޔަފާރި

މިއަހަރު ނިމޭއިރު 100 ރަށެއްގައި ފަތުރުވެރިކަން ތަޢާރަފް ކުރުމަކީ އަމާޒެއް


މިއަހަރު ނިމެންވާއިރަށް ފަތުރުވެރިކަން 100 އަށް ވުރެ ގިނަ ރަށާއި ހަމައަށް ގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިހެން ވިދާޅުވެފައިވަނީ 'އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާކެޓް އޮންލައިން' (އައިއެމްޓީއެމް) އަށް ދެއްވި ބަސްތީގަތުމެއްގައެވެ. މިއީ ދާދި ފަހުން އ.ދގެ އާންމު މަޖިލީހުގެ ރައީސް އަދި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ދައުވަތަކަށް ބޭއްވި ތީމެޓިކް ޑިބޭޓުގައި މިނިސްޓަރ ދެއްކެވި ވާހަކަތަކާއި ގުޅުވައިގެން ދެއްވާފައިވާ ބަސްދީގަތުމެކެވެ.

އައިއެމްޓީއެމްއާއި ވާހަކަދައްކަވަމުން މިނިސްޓަރވަނީ ރާއްޖޭގެ ފަތުރުވެރިކަން ކޮމިއުނިޓީ ބޭސްޑް ފަތުރުވެރިކަމަށް ވެގެންދާ ގޮތަށް އަލިއަޅުއްވާފައެވެ. ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާގައި ގެންގުޅުއްވާ އެންމެ މުހިންމު އެއް ސިޔާސަތަކީ، ފަތުރުވެރިކަން 2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކާއި ހިސާބަށް ފޯރުކޮށްދިނުމެއެވެ. އެގޮތުން ކޮންމެ ރަށެއްގެވެސް ސަޤާފަތާއި އާދަކާދަތަކާއެކު އެރަށެއްގެ ޤުދުރަތީވެށި ހިމާޔަތްކޮށް ބޭނުން ކުރުމަށް ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމަށް އެރަށެއްގެ ޤުދުރަތީ މާހައުލުގައިވާ ދިރުންތަކާއި، ވަށައިގެންވާ މާހައުލުގެ ފަތުރުވެރިކަމުގެ ހިއްސާއެއްގެ ގޮތުގައި ބޭނުން ކުރުމަށް މަސައްކަތް ކުރެވޭނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ރަށު ކައުންސިލްތަކާއި ގުޅިގެން މިހާރު ކުރިއަށް ގެންދާ ޓުއަރިޒަމް ޑައިވާސިފިކޭޝަން އިން ލޯކަލް އައިލޭންޑް ޕްރޮޖެކްޓުގެ ބޭނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިމަޝްރޫއުގެ ދަށުން ބައެއް ރަށްތަކުގައި ގެސްޓްހައުސް ހޮޓެލް ހިންގުމަށް ލުއިފަސޭހަތަކެއް ވެސް ވަނީ ދީފައެވެ. އެގޮތުން ރެސްޓޯރެންޓްތައް އެތަނުގައި ނުވަތަ ރަށުގައި ނެތަސް ކައިރި ރަށެއްގައި ހުރިނަމަ ފުރުސަތުދިނުން ފަދަ ލުއިތައް މިނިސްޓްރީން ދެމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިއާއެކު މިނިސްޓްރީގެ އަމާޒަކީ މިއަހަރު އެކަނިވެސް 100 ރަށަށް ޓުއަރިޒަމް ފުޅާކޮށް އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ތަޢާރަފްކުރުމެވެ. މިކަމަށް ފަސޭހަ ކުރުމަށް ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމުގެ އިތުރުން އެއަރޕޯޓުތަކާއި އެހެނިހެން މަޝްރޫޢުތައް ކުރިއަށްދާކަން މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކުރަން ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު، ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 617719 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 50 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކޮށް އެކި ބާވަތްތަކުގެ ފަތުރުވެރިކަން މިނިސްޓްރީން ދަނީ ތަޢާރަފްކުރަމުންނެވެ. އެގޮތުން މިހާރު ރަށްރަށުގައި ގެސްޓު ހައުސް ނުވަތަ ހޮޓެލް ނޫނަސް، ހޯމްސްޓޭއި މޮޑެލްގެ ދަށުން ފަތުރުވެރިން ގޭގޭގައި ބޭތިއްބޭނެ އުސޫލެއް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.