ވިޔަފާރި

މެދުއިރުމަތީ މާކެޓު ފަތަހަކުރުމަށް 62 ކުންފުންޏަކާއެކު އެމްއެމްޕީއާރުސީން އޭޓީއެމް 2022އަށް


މެދު އިރުމަތީގެ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ފެއަރ އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގައި ރާއްޖެ ޕްރޮމޯޓު ކުރުމުގެ މަސައްކަތް އެމްއެމްޕީއާރްސީން ފަށަފިއެވެ.

ދުބާއީގެ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރ ނުވަތަ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި މިމަހުގެ 9 އިން 12 އަށް ކުރިއަށް ގެންދާ މި ފެއަރގައި ރާއްޖޭގެ 62 ކުންފުންޏަކުން ބައިވެރިވެއެވެ. މިއީ މިފަދަ ފެއަރއެއްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ އެންމެ ބޮޑު ޓީމެވެ. އަދި މިއީ މިއަހަރު މިހާތަނަށް އެމްއެމްޕީއާރްސީން ބައިވެރިވާ އެންމެ ބޮޑު ހަރަކާތްވެސްމެއެވެ.

މި ހަރަކާތަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކާއި، ފަތުރުވެރިކަމުގެ ހިދުމަތްތައް އަދި ޕްރޮޑަކްޓްތައް ވިއްކާ ފަރާތްތައް އެއް ތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދީ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބާއްވާ ހަރަކާތެކެވެ.

އޭޓީއެމް 2022 ބައިވެރިވުމާއި ގުޅޭގޮތުން އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވީ، މިއީ މަތީ ފަންތީގެ ފަތުރުވެރިކަމަކަމަށް ރާއްޖެ އިސްތިހާރުކޮށްލުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށެވެ.

ތައްޔިބް ވިދާޅުވީ ގޮތުގައި، މެދު އިރުމަތީ މާކެޓަކީ ތަފާތު އަދި މަތީ ފަންތީގެ ތަޖުރިބާ ބޭނުންވާ މާކެޓެއް ކަމަށެވެ. އަދި ރާއްޖެއަކީ މިފަދަ ޙިދުމަތްތައް ފުޅާދައިރާއެއްގައި ދޭ ޤައުމަކަށްވެފައި ރާއްޖެއާއި ބެހޭ މިފަދަ ހުރިހާ މަޢުލޫމާތެއް މި ފެއަރގެ ތެރެއިން ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެ ދުނިޔޭގެ ލީޑިންގް ޑެސްޓިނޭޝަންގެ ލަޤަބު ހޯދީ ކިހިނެތްކަން މި ސަރަހައްދުގެ ފަތުރުވެރިންނަށް އަންގައިދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ހަރަކާތުގެ ތެރެއިން ރާއްޖެއިން މުހިންމު ބައްދަލުވުންތަކާއި، ނެޓްވޯކިން ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައި ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އަދި މި އިވެންޓްގެ ހަވާސާގައި އެމްއެމްޕީއާރުސީ ގަތަރު އެއަރވޭސް ހާއްސަ އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރާއްޖޭ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގެ ރަންޔޫބީލާ ގުޅޭ ވަކި ޕްރެސް ކޮންފަރެންސްއެއްވެސް އޭޓީއެމް ހަރަކާތުގެ ހަވާސާގައި ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

އޭޓީއެމް 2022ގެ ތެރެއިން މެދުއިރުމަތީގެ މާކެޓުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ އަދި ރައްކާތެރި މަންޒިލްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސެގްމެންޓުތައްކަމަށްވާ ލަގްޒަރީ، ހަނީމޫން، ރޮމޭންޓިކް، ފެމިލީ އަދި އެޑްވެންޗާގެ އިތުރުން މައިސްގެ ކްލައިންޓުންނަށް ރާއްޖެއިން ލިބޭ ހިދުމަތްތައް މި ހަރަކާތް މެދުވެރިކޮށް އިޝްތިހާރުކުރުމުގެ ފުރުސަތު ލިބޭ ކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް، އަދި ލިވަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް މެދުއިރުމަތީގެ ފަރާތްތަކަށް އިޝްތިހާރުކުރުންވެސް ހިމެނޭނެ ކަމަށް އެކުންފުނިން ފާޙަގަ ކުރެއެވެ.

އެމްއެމްޕީއާރްސީން ވިދާޅުވީ ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރާއި ގުޅޭ ގޮތުން އެމްއެމްޕީއާރްސީން އެކުލަވާލާފައިވާ ޝޯޓް-ޓާމް ސްޓްރެޓެޖީގެ ދަށުން އެހެން މާކެޓުތަކުގައި ރާއްޖެ ކުރިއެރުވުމަށް ހިނގާ ހަރަކާތްތަކުގެ ބަޔަކަށްވެސް އޭޓީއެމް 2022 ވެގެންދާކަމަށެވެ.