މުނިފޫހިފިލުވުން

292 ފަހަރު "ސްޕައިޑާ މޭން" ބަލައިގެން ރިކޯޑް ފޮތަށް


"އެވެންޖާސް:އެންޑް ގޭމް" 191 ފަހަރު ބަލައިގެން މީގެކުރިން ރެކޯޑް ހަދާފައިވާ ފްލޮރިޑާގެ ރާމިރޯ އަލާނިސް އަނެއްކާވެސް އައު ރެކޯޑެއް ހަދައިފިއެވެ. މި ފަހަރު އޭނާ ވަނީ "ސްޕައިޑާ މޭން:ނޯ ވޭ ހޯމް" 292 ބަލައިގެން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.

މި ރެކޯޑް މީގެކުރިން އޮތީ މިދިޔަ އަހަރު "ކާމިލޮޓް:ފަސްޓު އިންސްޓޯލްމެންޓް" 204 ފަހަރު ބަލައިގެން ރެކޯޑް ހޯދި އަރުނާޑް ކްލެއިން އެވެ.

މި ރެކޯޑް ހެދުމަށްޓަކައި އަލާނިސް ވަނީ މިދިޔަ އަހަރު ޑިސެމްބަރު 16 ން މިއަހަރުގެ މާޗް 15 އަށް 3 މަސްދުވަހު މި ފިލްމު ބަލާފައެވެ. އެއީ 720 ގަޑިއިރެވެ. އަދި ފިލްމު ބަލަން ސިނަމާއަށް ދާން ޓިކެޓް ނެގުމަށް ތިން މަސް ދުވަސްތެރޭގައި ގާތްގަޑަކަށް 3400 ޑޮލަރު އަލާނިސް ވަނީ ހޭދަކޮށްފައެވެ.

މީގެއިތުރުން އެ ރެކޯޑް ހެދެނީ ފިލްމު ބަލަން ފަށާފައި އެހެން އެއްވެސް ކަމެއް ކުރަން ފިލްމު ޕޯސް ނުކޮށް ބަލައިގެން ކަމަށްވާތީ ފިލްމު ބެލި ގަޑިތަކުގައި އަލާނިސް ހުންނަނީ ފާހާނާއަށްވެސް ނުގޮހެވެ.

ރެކޯޑް ހަދާ ނިމުނުއިރު އަލާނިސް އަށް ވަނީ ފިލްމުގެ ސްކްރިޕްޓު ރަގަޅަށް ދަސްވެފައެވެ. އަދި ފިލްމުގެ ކެރެކްޓާތަކާއިއެކު ފަރިތަކަމާއިއެކު ޑައިލޮގު ކިޔާލެވޭނެކަމަށްވެސް އަލާނިސް ބުނެއެވެ.
އަލާނިސް މި ރެކޯޑް ހަދާފައިވަނީ އޭނާގެ މާމައަށްޓައއެވެ.

މާވެލް ކޮމިކްސްގެ ސުޕަރ ހީރޯ ސްޕައިޑަރމޭންގެ އައު ވާހަކަތަކެއް ގެނެސްދޭ "ސްޕައިޑާމޭން:ނޯ ވޭ ހޯމް" އަކީ 2017 ވަނަ އަހަރު ނުކުތް " ސްޕައިޑަރމޭން ހޯމް ކަމިން" ގެ ސީކުއެލްއެކެވެ. މާވެލާއި ކޮލްމަބިއާ ޕިކްޗާސްގެ އިތުރުން ސިނޯ ޕިކްޗާސް ގުޅިގެން އުފެއްދި މި ފިލްމުގެ ޑައިރެކްޓަރަކީ ޖޮން ވޮޓްސްއެވެ.

މި ފިލްމުގައި ޕީޓާ ޕާކާ ސްޕައިޑާމޭންގެ ރޯލުން ފެނިގެންދާނީ ޓޮމް ހޮލެންޑްއެވެ. ދެން ފެނުނު ތަރިންގެ ތެރޭގައި " ސްޕައިޑަރމޭން ހޯމް ކަމިން"ގެ ތަރިންތައްވެސް ހިމެނެއެވެ. މި ފިލްމުން ވަނީ 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.