ކުޅިވަރު

ފަސް އަހަރު ފަހުން ބްރެޒިލް އެއްވަނައަށް


ފީފާ އިން ނެރުނު ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމަށް ބްރެޒިލް ޖެހިލައިފި އެވެ. ބްރެޒިލް އެއްވަނައަށް ޖެހިލީ ވޭތުވެދިޔަ ތިން އަހަރު އެއްވަނައިގައި އޮތް ބެލްޖިއަމް ފަހަތަށް ޖައްސާލައިފަ އެވެ.

މިހާތަނަށް ވޯލްޑް ކަޕް މުބާރާތެއް ކާމިޔާބުކޮށްފައި ނުވާ ބެލްޖިއަމް ވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މެދުކެނޑުމެއް ނެތި ރޭންކިންގެ އެއްވަނަ ދިފާއު ކޮށްފަ އެވެ. ގަތަރު ވޯލްޑް ކަޕުގެ ގުރުގައި ޓީމުތައް ސީޑް ކޮށްފައި ވަނީ އެންމެ ފަހުގެ ރޭންކިންގެ ތަރުތީބުންނެވެ.

ބްރެޒިލް ރޭންކިންގެ އެއްވަނައިގައި އޮތް ނަމަވެސް ގުރުއަތު ނެގިއިރު ބްރެޒިލް ހިމަނާފައި ވަނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރަށް ފަހު އެވެ. މިފަހަރުގެ ރޭންކިންގެ ގަދަ 10 ޓީމުގެ ތެރެއިން ވޯލްޑް ކަޕުން ޖާގަ ނުލިބެނީ ހަމައެކަނި ހަވަނައިގައި އޮތް އިޓަލީ އަށެވެ. ގަދަ 10 އިން މިފަހަރު އަލަށް ޖާގަ ހޯދީ، ތިން ދަރަޖައިގެ ކުރިއެރުމަކާ އެކު ނުވަވަނައަށް ޖެހިލި މެކްސިކޯ އެވެ. އޭގެ ކުރިން ނުވަވަނައިގައި އޮތް ޑެންމާކް ވަނީ 11 ވަނައަށް ވެއްޓިފަ އެވެ.

ރޭންކިންގެ އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ކޮސްޓަ ރިކާ އާއި ނިއުޒިލެންޑެވެ. ކޮސްޓަ ރިކާ 11 ދަރަޖައިގެ ކުރިއެރުމަކާ އެކު ރޭންކިންގެ 31 ވަނައަށް ޖެހިލި އިރު، ނިއުޒިލެންޑް ވަނީ 10 ދަރަޖައިގެ ކުރިއެރުމަކާ އެކު 101 ވަނައަށް ޖެހިލައިފަ އެވެ.

އެންމެ ފަހުން ބްރެޒިލް ދުނިޔޭގެ ރޭންކިންގެ އެއްވަނައަށް ޖެހިލީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. މިއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ބްރެޒިލް، ރޭންކިންގެ އެއްވަނައިގައި އޮވެ، ގުރު ނަގާ ފުރަތަމަ މުބާރާތެވެ.