ވިޔަފާރި

މުދާ ކްލިއަރކުރުން - ކުރިން 6 ގަޑިއިރު، މިހާރު އެންމެ 15 މިނެޓް


ކުރިން 6 ގަޑިއިރުން ކުރާ ކްލިއަރެންސް މިހާރު އެންމެ 15 މިނެޓުން ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެމްޕީއެލްގެ ޙިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.

ބުދަ ދުވަހުގެ ރޭ އެމްޕީއެލްއިން ކްރޮސްރޯޑުގައި ބޭއްވި ރަސްމީއްޔާތެއްގައި "ޕޯޓް ޑިޖިޓަލްކޮށް" ނަމުގައި އެކުންފުނިން ފެށި ކެމްޕެއިން ވަނީ ލޯންޗުކޮށްފައެވެ.

"ޕޯޓް ޑިޖިޓަލްކޮށް" ނަމުގައި އެމްޕީއެލްއިން ފެށި ކެމެޕެއިން ލޯންޗުކޮށްދެއްވީ ހަޔާރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއެވެ. އެމްޕީއެލްއިން ބުނީ މި ކެމްޕެއިނަކީ ޙިދުމަތް ހޯދާ ފަރާތްތަކާއި އެކުންފުނިން ޙިދުމަތްދޭ ފަރާތްތަކަށް ވީހާވެސް ފަސޭހަކޮށް ވަގުތު ސަލާމަތްކޮށްދިނުމުގެ ގޮތުން ފެށި ކެމްޕެއިންއެކެވެ.

މިހަފްލާގައި އެކުންފުނިން ވަނީ ބަނދަރު ޕޯޓަލްއަށް ކަސްޓަމަރ ޕޯޓަލްއެއް އިތުރުކޮށް ތަޢާރަފްކޮށްފައެވެ. މިއީ ޙިދުމަތް ހޯދާ ފަރާތްތަކަށް އެއްތަނަކުން ހުރިހާ ޙިދުމަތެއް އަދި މަޢުލޫމާތެއް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއްކަމަށް އެމްޕީއެލްއިން ބުނެއެވެ. އެ ޕޯޓަލްއިން އުޅަނދުފަހަރު އަންނާނެކަމަށް ލަފާކުރެވޭ ވަގުތުގެ މައުލޫމާތާއި، މިހާރު ޕޯޓުގައި ހުރި އުޅަނދުފަހަރުތަކާއި، ކޮންޓެއިނަރ ޑިސްޗާޖު ޑީޓެއިލްސްއާއި، މަހުންމަހަށް ޕޯޓުގެ ސްޓެޓިސްޓިކްސްގެ މައުލޫމާތު ލިބެން ހުންނާނެއެވެ. އަދި ކްލިއަރިންގ ޕްރޮސެސްއާއި ބެހޭ މައުލޫމާތާއި، ފްރީކުއެންޓް ކްލިއަރިންގ އެޖޭނޓުން، ޝިޕިންގް އެޖޭންޓުންނާއި ބެހޭ މައުލޫމާތާއި ޓެރިފްއާއި ބެހޭ މައުލޫމާތުގެ އިތުރަށް ކުންފުނީގެ ޕޮލިސީތަކުގެ މައުލޫމާތުވެސް ލިބެން ހުންނާނެކަމަށް އެމްޕީއެލްއިން ބުނެއެވެ.

އޮންލައިންކޮށް ޙިދުމަތް ދޭން ފެށުމުގެ ކުރީން، މުދައު ކްލިއަރކުރުމަށް ކުރިން 6 ގަޑިއިރު ހޭދަވި ނަމަވެސް، މިހާރު އެ ހުރިހާ ކަމެއް އެންމެ 15 މިނެޓުން ކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި މިއާއެކު ކޮންމެތަނެއްގައިވެސް ހުރެގެން، އީގޭޓް ފާހަށް އެދެވޭނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ އެކުންފުނީގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް ކަރުދާހަށް އެކުންފުނިން ބަރޯސާވާ މިންވަރު 99 އިންސައްތަ ކުޑަކުރުން ކަމަށެވެ. އަދި ވޯލްޑް ބޭންކުން ނެރޭ "އީޒް އޮފް ޑުއިން ބިޒްނަސް" ލިސްޓުގައި އެންމެ ރަނގަޅު 20 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ. އެމްޕީއެލްއިން ބުނީ މިހާރު 147 ވަނައިގައި އޮތަސް ޕޭޕާލެސް ވެއްޖެނަމަ 20 ވަނައާ ހަމައަށް ދެވޭނެ ކަމަށެވެ.

އެމްޕީއެލްއިން ބުނީ އެކުންފުނީގެ ޑިޖިޓަލައިޒޭޝަން މަސައްކަތުގެ ދަށުން ފަސޭހަކަމާއިއެކު މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް އެއްތަނަކުން ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާނެ ކަމަށެވެ.