ދުނިޔޭގެ ވިޔަފާރި

ރަޝިޔާއާއި ދެކޮޅަށް އަޅާ ފިޔަވަޅުތަކާއެކު ޑޮލަރުގެ ބާރުވެރިކަމަށް އަސަރުކުރާނެ: އައިއެމްއެފް


ރަޝިޔާއާއި ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރުގެ ބާރު ދައްވުމުގެ ފުރުސަތު ބޮޑުކަމަށް އައިއެމްއެފްގެ ޗީފް އިކޮނޮމިސްޓް ގީތާ ގޯޕިނާތު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ މާލީ ކަންކަމާއި ބެހޭ ނޫހެއް ކަމަށްވާ ފައިނޭންޝަލް ޓައިމްސްއަށް ދިން ބަސްތީގަތުމެއްގައި އޭނާ ވިދާޅުވީ، ރަޝިޔާއިން ޔޫކްރެއިނަށް ދޭ ހަމަލާތަކާއި ގުޅިގެން އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރު ބާރު ދަށްވުމަށް ވަރަށް ބޮޑަށް މަގުފައިވާކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާލަތުގައިވެސް ޑޮލަރު އަދިވެސް ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ވިޔަފާރީގެ މުޢާމަލާތް ކުރުމަށް ބޭނުން ކުރިއަސް، އެއަށް ވުރެ ދަށްފަންތީގެ ވިޔަފާރީގެ މުޢަމާލާތުގައި ޑޮލަރު ބޭނުންކުރާ މިންވަރު ދައްވާނެ ކަމަށެވެ.

އެކަމަށް ހެކި ދައްކަވަމުން ގީތާ ވިދާޅުވީ، ހުޅަނގުގެ ޤައުމުތަކުން ފިޔަވަޅުތައް އެޅުމުން މިހާރުވެސް ދުނިޔޭގެ ބައެއް ޤައުމުތަކުން ޑޮލަރުގެ ބަދަލުގައި އެ ޤައުމުތަކުގެ ފައިސާއިން ވިޔަފާރިކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

ގިތާ މިގޮތަށް ވިދާޅުވިއިރު، ދާދި ފަހުން ރަޝީޔާގެ ރައީސް ޕޫޓިން ވަނީ އެކުވެރި ނޫން ޤައުމުތަކުން އެ ޤައުމުން ވިއްކާ ތެލާއި ގޭސް ގަންނައިރު، ފައިސާ ދައްކަންޖެހޭނީ އެ ޤައުމުގެ އަމިއްލަ ފައިސާ ރޫބަލްއިންކަމަށް ބުނެފައެވެ. މިކަމާއި މެދު ޔޫރަޕްގެ ލީޑަރުން ނުރުހުން ފާޅުކޮށްފައިވާއިރު، ރަޝިޔާ ސަރުކާރުގެ ތެލާއި ގޭހުގެ ވިޔަފާރިކުރާ ގޭޒްޕްރޮމްއިން ދަނީ މިގޮތަށް ބަދަލުކުރުމުން ވެދާނެ ގެއްލުމަކާއި، އަދި މިގޮތަށް ޢަމަލު ކުރެވޭނެތޯ ބެލުމަށް ދިރާސާ ކުރަމުންނެވެ.

އައިއެމްއެފްގެ ޗީފް އިކޮނޮމިސްޓް ގީތާ ގޯޕިނާތު ވިދާޅުވީ ޔޫކްރެއިންއާއި ރަޝިޔާގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދީ ދުވެލި ދަށްވިޔަސް ދުނިޔޭގެ އިޤްތިޞާދު ރިސެޝަނަކަށް ނުދާނެކަމަށެވެ. އަދި ކްރިޕްޓޯ ކަރަންސީތަކާއި، ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ޑިޖިޓަލް ކަރަންސީ ބޭނުން ކުރަން ފަށާމިންވަރު އިތުރުވެގެންދާނެކަމަށާއި މިއާއެކު ބައިނަލްއަޤްވާމީ ބޭންކުންތުގައި ހުރި ރިޒާވް އެސެޓްތަކުގެ ސިންދަފާތުވުން ބޮޑުވެގެންދާނެކަމަށްވެސް ގީތާ ވިދާޅުވިއެވެ.