ޚަބަރު

ރޯދަމަހާއި ދިމާކޮށް ވެލި ނެގުން އިތުރުވުމުން އީޕީއޭގެ ކަންބޮޑުވުން!


ރޯދަމަހާއި ދިމާކޮށް ޤަވާއިދާއި ޙިލާފަށް ވެލި ނަގާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ވިދާޅުވެއްޖެއެވެ.

އީޕީއޭއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، މިފަހަކަށް އައިސް ފަޅު ރަށްތަކާއި، ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކުންނާއި، ފިނޮޅުތަކުން ގަލާއި ވެލި ޤަވާއިދާއި ޙިލާފަށް ނަގަމުންދާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބޭ މިންވަރު އިތުރުވެފައިވާކަމަށެވެ. އަދި ޙާއްސަކޮށް ކޮންމެ އަހަރެއްގެވެސް ރޯދަ މަހާއި ދިމާކޮށް ގޭގެ ޒީނަތްތެރިކުރުމަށް ގަލާއި ވެލި އަދި އަކިރި، ނަގަމުންދާކަން އީޕީއޭއަށް ފާހަގަކުރެވިފައިވާކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

މިފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށް އީޕީއޭއިން ވިދާޅުވީ، ވެލި ނެގުމާއި މިފަދަ ކަންކަން ކުރުމަށް ޤާނޫނީ އިމުގެ ތެރެއިން އުސޫލުތަކެއް ކަނޑައެޅިފައިވާކަމަށެވެ. އީޕީއޭއިން ވިދާޅުވީ، އާންމުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމަށް ޙާއްސަ ސަރަހައްދުތަކެއް ކަނޑައަޅައި، އެ ސަރަހައްދުތަކުގެ މަޢުލޫމާތު ރަށު ކައުންސިލްތަކާއި ހިއްސާ ކުރެވިފައިވާނެ ކަމަށެވެ. އެހެން ކަމުން މިފަދަ ކަންކަން ކައުންސިލްތަކުގެ ބެލުމުގެ ދަށުން ޤަވާއިދުގެ ތެރެއިން ކުރިއަށް ގެންދިއުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރަށް އީޕީއޭއިން ވަނީ ޤަވާއިދާއި ޙިލާފަށް މިފަދަ ކަންކަން ކުރާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އަންގާފައެވެ. އެގޮތުން ބޮޑެތި އަދަދުތަކުން ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ރަށްރަށުގައި ގަލާއި، ވެލި އަދި އަކިރި ނަގައި ގެ ޒީނަތްތެރި ކުރުމަކީ އާންމު ކަމަކެވެ. ނަމަވެސް އުސޫލެއް ނެތި މިފަދަ ކަންކަން ކުރުމުގެ ރަށްރަށުގެ ހިމާޔަތުގައި އޮންނަ ހޭޅިފަށް ގިރައިގެން ގޮސް، ރައްގިރުމުގެ މައްސަލަތަކާއި ތިމާވެށީގެ އެހެނިހެން ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ. އީޕީޢޭއިން ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ދިމާވާ ރަށްގިރުމުގެ ހައްލު ކުރުމަކީ ޙަރަދު ބޮޑު އަދި އެހާމެ އުނދަގޫ މަސައްކަތެކެވެ.

ރާއްޖޭގެ ރައްތަކުން އާންމުން ވެލި ނެގުން ހުއްޓާލައި މިހާރު އެކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކާއެވެ. ކައުންސިލްތަކުން އެކަންކަން ބެލެހެއްޓުމުގައި އީޕީއޭގެ ހުއްދަ ލިބި ކަނޑައެޅިފައިވާ ސަރަހައްދުތަކުން އާންމުންނަށް ޒަރޫރީ ބޭނުންތަކަށް ވެލި ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއެވެ.