ވިޔަފާރި

ނޯޑިކް މާކެޓުގައި ރާއްޖޭގެ މަޤްބޫލުކަން ދެމެހެއްޓުމަށް ޚާއްސަ ވެބިނާއެއް


ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ މައުލޫމާތު ނޯޑިކް މާކެޓްގެ ޓްރެވަލް ޓްރޭޑާ ހިއްސާކުރުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީން ވެބިނާއެއް ބާއްވައިފިއެވެ.

1 ގަޑިއިރުގެ ދިގުމިނަށް 29 މާރިޗްގައި ކުރިއަށް ގެންދިޔަ މި ވެބިނާއަކީ ފިންލޭންޑް، ސުވިޑްން، ޑެންމާކް އަދި ނޯވޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަކޮށް ކުރިއަށް ގެންދިޔަ ވެބިނާއެކެވެ.

މިއީ ނޯޑިކް މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކުރިއަށް ގެންދާ 3 ސެޝަންގެ ސިލްސިލާ ވެބިނާތަކެއްގެ އެންމެ ފަހު ވެބިނާއެވެ. މި ވެބިނާ ސީރީޒްގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތު ނޯޑިކް މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފަތުރުވެރިންނަށް ފޯރުކޮށްދިނުމެވެ. އަދި ރާއްޖެއަށް މި މާކެޓުގެ ފަތުރުވެރިންގެ މެދުގައި އޮންނަ މަޤުބޫލުކަން އިތުރުކުރުމެވެ.

މި ވެބިނާގެ ފުރަތަމަ 2 ސެޝަން މިދިޔަ އަހަރު ބާއްވާފައިވާއިރު، މީގެތެރޭގައި ހިމެނެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަޢާރަފްކުރުމުގެ ގޮތުން ބާއްވާފައިވާ "ވެލްކަމް ޓު މޯލްޑިވްސް" ވެބިނާ އާއި "މޯލްޑިވްސް - އަ ސޭފް ހޭވަން ވިތް ޔުނީކް އެކްސްޕީރިއަންސަސް" ވެބިނާއެވެ. މި ސިލްސިލާގެ ތިންވަނަ ވެބިނާރ ބިނާކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ލޯކަލް ޓޫރިޒަމް ސެގްމެންޓުގައި ފަތުރުވެރިންނަށް ލިބެން ހުރި ފުރުސަތުތަކާއި، ލޯކަލް ޓޫރިޒަމް، ޚާއްސަކޮށް ގެސްޓްހައުސް އެކްސްޕީރިއަންސްގެ މައުލޫމާތު ނޯޑިކް މާކެޓުގެ ފަރާތްތަކާ ހިއްސާކުރުމެވެ.

މި ސިލްސިލާގެ އެންމެ ފަހު އަދި ތިން ވަނަ ސެޝަން ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ، ޠައްޔިބް މުހައްމަދު، ވަނީ ރާއްޖެއިން ކޯވިޑްގެ ތެރޭގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާފައެވެ. ޠައްޔިބްގެ ވާހަކަފުޅުގައި ރާއްޖެ އަދި ޚާއްސަކޮށް ލޯކަލް ޓޫރިޒަމް، ޕްރޮޑަކްޓްތަކާއި، އެކްސްޕީރިއަންސްތަކަށް އަލިއަޅުވާލެއްވިއެވެ. މީގެއިތުރުން، ނޯޑިކް މާކެޓް އަކީ ރާއްޖެއަށް މުހިންމު މާކެޓެއްކަންވެސް ފާހަގަކުރެއްވިއެވެ.

އެމްއެމްޕީއާރުސީއާއެކު މި ވެބިނާގައި ސީކްރެޓް ޕެރަޑައިޒް، އަންގްސާނާ ވެލަވަރު އަދި ގަތަރު އެއަރވޭސްއިން ވަނީ ބައިވެރިވެފައެވެ. މި ވެބިނާގެ ތެރެއިން ރާއްޖޭގައި ކޯވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިހާރު ދެމުންދާ ލުއިތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މީގެއިތުރުން ވެބިނާގެ ތެރެއިން ރާއްޖޭގެ ޑެސްޓިނޭޝަން ޕްރެޒެންޓޭޝަނަކާއި، މެންބަރ ޕްރޮޕަޓީސްގެ ޕްރެޒެންޓޭޝަން، އަދި އެއަރލައިން ޕާޓްނަރގެ ޕްރެޒެންޓޭޝަނެއް ވަނީ ދައްކައިދީފައެވެ.

މީގެއިތުރުން، ވެބިނާ ނިމުމުން ކިއުއެންޑްއޭއެއް ކުރިއަށް ގެންގޮސް، މި ވެބިނާގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ޚާއްސަ 'ރެފަލް' ގުރުއަތެއް ނަގާ، އަންގްސަނަ ވެލަވަރުގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު އެއް ނަސީބުވެރިއަކަށް ވަނީ ދީފައެވެ. މި ވެބިނާ ސިލްސިލާގެ ކޮންމެ ސެޝަނެއްގެ ޒަރިއްޔާއިން ނޯޑިކް މާކެޓްގެ 100 އަށްވުރެ ގިނަ ޓްރެވަލް ޓްރޭޑް ބައިވެރިންނާ ބައްދަލުވެ ރާއްޖޭގެ މައުލޫމަތު ހިއްސާކޮށްފައިވެއެވެ.

ނޯޑިކް މާކެޓަކީ ރާއްޖެއަށް ވަރަށް އުންމީދީ މާކެޓެއް ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. މިގޮތުން މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަނަށް ވުރެން ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން 18،507 ފަތުރުވެރިންނަކީ ނޯޑިކް ގައުމުތަކަށް ނިސްބަތްވާ ފަތުރުވެރިންނެވެ.

މިއަހަރު ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް މި މާކެޓުން ދިވެހިރާއްޖެއަށް 9،754 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، ދަމަހައްޓާ، ރާއްޖޭގެ ބްރޭންޑު އިތުރަށް ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ އަހަރު އެމްއެމްޕީއާރުސީން މި މާކެޓަށް އަމާޒުކޮށް ވަނީ މީޑިއާ އަދި ޓްރޭޑް ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، އެންއެލްޓީޖީއާއެކު ކެމްޕެއިނެއް އަދި މި ސިލްސިލާގެ 2 ވެބިނާ ބާއްވާފައެވެ.

މިހާރުވެސް މި މާކެޓަށް އަމާޒުކޮށް ޓުއަރ އޮޕަރޭޓަރ ބްލިކްސަންއާއެކުއެމްއެމްޕީއާރްސީން ކެމްޕެއިނެއް ހިންގައެވެ. އެގޮޮތުން މިއަހަރު މިމާކެޓަށް އަމާޒުކޮށް ނޭޓިވް އެޑް ކެމްޕެއިންތަކާއި، މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، ޑިޖިޓަލް އަދި ބްރޯޑްކާސްޓް ކެމްޕެއިންތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.