ވިޔަފާރި

ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކަށް ބޮޑެތި ހުށަހެޅުންތަކާއެކު ރަނގަޅު ތަރުހީބެއް


ފަތުރުވެރިކަމަށް ހުޅުވާލި ރަށްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ވަރަށް ބޮޑު ތަރުހީބެއް ލިބި، މިނިސްޓްރީން ހުށަހެޅި އަގަށް ވުރެ އެތައް ގުނަ ބޮޑު އަގުތައް ރަށްތަކަށް ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އެކުއިޒިޝަން ކޯސްޓުގެ ބޮޑެތި އަގުތައް ލިބިފައިވަނީ، ނަލަ އަދި ފަސޭހައިން ދަތުރުކުރެވޭ ރަށްތަކަށް ކަމަށެވެ. އެގޮތުން އެންމެ ކުޑަކޮށް އެކުއިޒިޝަން ކޯސްޓު ހުށަހެޅި ރަށަށްވެސް މިނިސްޓްރީން ފެށި އަގަށްވުރެ 250 އިންސައްތަ ބޮޑުކޮށް ވަނީ ހުށަހަޅާފައެވެ. އެންމެ ބޮޑު އެކުއިޒިޝަން ކޯސްޓެއް ލިބުނު ރަށަށް 929 އިންސައްތަ އިތުރަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިހުށަހެޅުންތަކާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިއީ ދިވެހި ރާއްޖޭގެ މި ރަށްތަކަށް އިންވެސްޓަރުންގެ ޝައުޤުވެރިކަން އޮތް މިންވަރު ދޭހަވި ކަމެއް ކަމަށެވެ.

މި ރަށްތައް ބީލަމަށް ހުޅުވާލީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގައެވެ. ރަސްމީ ބީލަން ހުށަހެޅުން ކުރިއަށް ގެންދެވިފައިވަނީ މިމަހުގެ 22 އަދި 23 ވަނަ ދުވަހުއެވެ. މިނިސްޓްރީން ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ހުރިހާ ބީލަންތަަކެއް ވެސް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށާއި، އަމާޒަކީ އެޕްރީލް މަހުގެ ނިޔަލަށް ރަށްތައް ބީލަން ކާމިޔާބު ކުރި ފަރާތްތަކާއި ހާވަލު ކުރުމެވެ.

މިފަހަރު ހުޅުވާލި ފުރުސަތުގައި، ޖުމްލަ 29 ބީލަން ފޮތް ވަނީ ގަނެފައެވެ. އަދި 13 ފަރާތަކުން 18 ރަށަކަށް ކުރިމަތިލާފައިވެއެވެ. މިގޮތުން ބީލަން ހުށަހަޅާފައިވަނީ ހއ. އަތޮޅުގެ 2 ރަށަކަށް 3 ބީލަން، މ. އަތޮޅުގެ ރަށަކަށް 2 ބީލަން، ފ. އަތޮޅު 2 ރަށަކަށް 8 ބީލަން، ތ. އަތޮޅު ރަށަކަށް 1 ބީލަން، ގއ. އަތޮޅު ރަށަކަށް 1 ބީލަން އަދި ގ.ދ އަތޮޅުގެ 2 ރަށަކަށް 3 ބީލަމެވެ.

ޓޫރިޒަމް މިނިސްޓްރީން ރަށްތައް ދޫކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަނީ ފަތުރުވެރިކަމުގެ ސަބަބުންނެވެ. އެހެން ކަމުން އެ މިނިސްޓްރީން ދަނީ ފަތުރުވެރިކަމުގެ ހުރިހާ ގިންތިއެއްވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންނެވެ.