ވިޔަފާރި

އަންގާރަދުވަހުން ފެށިގެން ސްރީލަންކަންއިން ހަފްތާއަކު 2 ފްލައިޓް ގަމަށް ޖައްސާނެ!


އަންގާރަދުވަހުން ފެށިގެން ގަމަށް ހަފްތާއަކު ސްރީލަންކަން އެއަރލައިންސްއިން ދެ ދަތުރު އޮންނާނެކަމަށް އެއެއަރލައިންސްއިން ހާމަކޮށްފިއެވެ.

ސްރީލަންކަން އެއަރލައިންސްއިން ބުނީ މިމަހުގެ 29 އިން ފެށިގެން ހަފްތާއަކު ދެ ދަތުރު ގަމަށް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ސްރީލަންކަންގެ ދަތުރު ކުރަމުން އަންނަނީ ގަމަށް ކޮންމެ ހަފްތާއަކުވެސް ހޮނިހިރު ދުވަހުއެވެ. ނަމަވެސް މިއާއެކު އަންގާރަ ދުވަހުވެސް ދަތުރުތައް ބާއްވަން ފަށާނެއެވެ.

ސްރީލަންކަންގެ ދަތުރުތަކާއެކު ގަމަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރުވަނީ އިތުރުވެފައެވެ. އެގޮތުން ޔޫރަޕުގެ މަންޒިލްތަކުންނާއި މެދު އިރުމަތިންވެސް މީހުން އަންނަން ފަށާފައިވާކަން އޭސް އެވިއޭޝަނުން މީގެ ކުރީން ވަނީ ހާމަކޮށްފައެވެ.

ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ކޯވިޑާއި ގުޅިގެން ހުއްޓާލުމަށްފަހު، އަލުން ފަށާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހުއެވެ. އޭރު ދަތުރުތައް ފެށީ، ޑިމާންޑަށް ބަލައި ދަތުރުތަކުގެ އަދަދު އިތުރު ކުރާ ގޮތަށެވެ. އަދި ސްރީލަންކަން ދަތުރުތަކުގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ ގަމަށް ފަތުރުވެރިން ގެނައުންކަމަށް ސްރީލަންކަންގެ ރާއްޖޭގެ އޭޖެންޓް އޭސް އެވިއޭޝަނުން މީގެ ކުރީން ވަނީ ބުނެފައެވެ.

ސްރީލަންކަންގެ ދަތުރުތައް 2016 ވަނަ އަހަރު ފުރަތަމަ އައްޑޫއަށް ފެށިއިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ ފްލައިޓުތަކަށް ކަނެކްޝަން ނުލިބުމެވެ. އޭގެ ސަބަބުން އެކަށީގެންވާ ޕެސެންޖަރ މޫވްމެންޓެއް ނާންނަކަމަށް އޭރުވެސް އޭސް އެވިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މިފަހަރުގެ ދަތުރުތައް ސްރީލަންކަންއިން ފެށިއިރު، މާ ގިނަ ދުވަސްތަކެއްނުވެ މަންޓާ އެއަރއިން ދެކުނުގެ އަތޮޅުތަކާއި މާލެއަށް ކަނެކްޝަން ފޯރުކޮށްދޭން ވަނީ ފަށާފައެވެ. މިއާއެކު ސްރީލަންކަންގެ ދަތުރުތަކަށް މިހާރު ލިބެމުންދާ ތަރުހީބު ބޮޑުކަމަށް އޭސް އެވިއޭޝަނުންވެސް ފާހަގަކުރެއެވެ.

ގަމާއި ކޮލަމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފެށީ ޑިސެމްބަރު، 1، 2016 ގައެވެ. އެ ދަތުރުތަކުގެ ސަބަބުން އައްޑޫއިން މާލެ ނައިސް، ބޭސް ފަރުވާއަށާއި ވިޔަފާރި ދަތުރުތަކުގައި ރާއްޖެއިން ބޭރަށް ދެވެއެވެ. މީގެ އިތުރުން އައްޑޫގެ ވިޔަފާރިތަކުން ފްރައިޓްކޮށް ކާގޯވެސް ގެނެއެވެ.