ކުޅިވަރު

ޑެފޯ ކުޅުން ހުއްޓައިލައިފި


އިންގްލެންޑްގެ ގައުމީ ޓީމަށާއި ޕްރިމިއާ ލީގުގައި ކުޅުނު ޖެމައިން ޑެފޯ ފުޓުބޯޅައިން ރިޓަޔާކޮށްފިއެވެ. އޭނާ ވަނީ އިނގިރޭސި ލީގުގައި ގިނަ ކުލަބަތަކަކަށް ކުޅެފައެވެ.

1999 ވަނަ އަހަރު ޑެފޯ، އޭނާގެ އުމުރުން 17 އަހަރުގައި ފުރަތަމަ ޑިވިޝަނަށް ނުކުތީ ވެސްޓް ހޭމް ޔުނައިޓެޑްގެ ޖާޒީގައެވެ. އޭނާގެ ކެރިއަރުގައި އެންމެ ގިނަ މެޗު ކުޅެފައިވަނީ ޓޮޓެންހަމް ޖާޒީގައެވެ. ޓޮޓެންހަމް ޖާޒީގައި ޑެފޯ ވަނީ ގާތްގަނޑަކަށް 300 އެއްހާ މެޗު ކުޅެފައެވެ. އުމުރުން 39 އަހަރުގެ ޑެފޯ ރިޓަޔާކުރިކަން މިއަދު އިއުލާން ކޮށްފައިވަނީ އެކަމަށްޓަކައި ނެރުނު ހާއްސަ ބަޔާނެއްގައެވެ.

ކެރިއަރުގައި ގިނަ ކްލަބުތަކަކަށް 762 މެޗު ކުޅެފައިވާ ޑެފޯ އެކިއެކި ކްލަބުތަކަށް 304 ގޯލު ޖަހައިދީފައިވެއެވެ. އޭގެ އިތުރުން އޭނާ ވަނީ އިންގްލެންޑް ގައުމީ ޓީމަށްވެސް 57 މެޗުން 20 ގޯލު ޖަހައިދީފައެވެ.

ޑެފޯ ވަނީ އޭނާގެ ދިގު ކެރިއަރުގައި 22 އަހަރުވަންދެން ކުޅުން ހުއްޓާ ނުލާ ޕްރޮފެޝަނަލް ފުޓްބޯޅައިގަ ހަރަކާތްތެރިވެފައެވެ.