ވިޔަފާރި

އީޔޫގެ އެހީ ރާއްޖޭގެ 180އަށްވުރެ ގިނަ ގެސްޓް ހައުސްއަށް


ކޯވިޑުގެ ސަބަބުން ލިބުނުގެ ގެއްލުމުން އަރައިގަތުމަށް 219 ކުދި އަދި މެދު ފަންތީގެ ޓުއަރިޒަމް ވިޔަފާރިއަށް އީޔޫއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އީޔޫއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިން އެހީތެރިކަން ފާހަގަކުރުމަށް ކ. ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، އީޔޫގެ އެހީތެރިކަމާއިއެކު 181 ގެސްޓް ހައުސްއަށާއި 38 ސަފާރީއަކަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 8.13 މިލިއަން ރުފިޔާގެ ހިލޭ އެހީ ގެސްޓް ހައުސްތަކަށް ފޯރުކޮށްދެވުނު ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އީޔޫގެ ގްރާންޓް އެހީ ވިޔަފާރިތަކާއި ހަމައަށް ފޯރުކޮށްދިނީ މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން މެދުވެރިވެގެންނެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރުގެ ނާއިބު ހުސެއިން ޒަމީރު ވިދާޅުވީ، ކޯވިޑުގެ ސަބަބުން ގެސްޓް ހައުސްތަކަށް ވަރަށް ބޮޑު އަސަރެއް ކުރި ކަމަށެވެ. އެގޮތުން ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ތަފާސްހިސާބުތަކާއި ހަވާލާދީ އޭނާ ވިދާޅުވީ، ޕެންޑެމިކްގެ ސީދާ އަސަރު 66 އިންސައްތަ ގެސްޓް ހައުސްއަށް ވަރަށް ބޮޑަށް ކުރި ކަމަށާއި، އޭގެ ތެރެއިން 2020 ވަނަ އަހަރު އެކަނިވެސް 28.9 މިލިއަން ޑޮލަރުގެ ގެއްލުން މިވިޔަފާރިތަކަށް ވެފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިހާލަތުގައި އީޔޫއިން ދިން އެހީގެ ތެރެއިން ސިއްޙީ ދާއިރާއަށް ދިން 1 މިލިން ޔޫރޯ އަދި ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުން ދިން 20 މިލިއަން ޔޫރޯގެ ސޮފްޓް ލޯން ހިމެނޭއިރު، މީގެ ތެރެއިން 1.5 މިލިއަން ރުފިޔާ ޚަރަދުވީ ޑައިރެކްޓް ޓްރާންސްފާ ނިޒާމު ހަރުދަނާ ކުރުމަށް ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި 6 ލައްކަ ޔޫރޯ ކުދި ވިޔަފާރިތަކުގެ އޮޕަރޭޝަނަލް ޓްރެއިނިންގް ތަކަށް ޚަރަދު ކުރަން ހަމަޖެހިގެން ދިޔަކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މި އެހީގެ ސަބަބުން ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި، ވިލުންވެރި ވިޔަފާރިތަކެއްގެ ގޮތުގައި ބިނާކުރެވި ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަޤީންކަން އެބައޮތް އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދިން ވިޔަފާރިތައް ކުރިއަށްއޮތް ތަނުގައިވެސް ވިލުންވެރި ވިޔަފާރިތަކަށްވެ، މަޑު ނުޖެހޭނެ ކަމަށް. އަޅުގަނޑުމެންނަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތައް ވަރަށް ސާފު. އަޅުގަނޑުމެން މިތިބީ މި ވިޔަފާރިތަކަށް ދޭން ޖެހުނު ކޮންމެ އެއްބާރުލުމެއް ދީ، ޢާލަމީވަބާއިން އަރައިގަނެ ވިލުންވެރި ވަރުގަދަ ވިޔަފާރީގެ ގޮތުގައި އަލުން ބިނާކުރެވިގެންދާނެ ކަމަށް ޔަޤީން ކޮށްގެން." އިކޮނޮމިކް މިނިސްޓަރުގެ ނައިބު ޒަމީރު ވިދާޅުވިއެވެ.

އީޔޫގެ ފަރާތުން މިވަފުދުގައި ހިމެނިވަޑައިގަންނަވާ ހެޑް އޮފް ޑެލިގޭޝަން ޓު ސްރީލަންކާ އެންޑް މޯލްޑިވްސް ޖެނީ ކޮރެއިއާ ނޫންސް ވިދާޅުވީ، މި ޕްރޮޖެކްޓުތަކުގެ މައިގަނޑު އަމާޒަކަށްވީ ރާއްޖޭގެ ކުދި ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ނެގެހެއްޓުމަށް ކުރެވެން ހުރިކަންކަން ކޮށްދިނުން ކަމަށެވެ. އެގޮތުން ކުރިމަގުގައިވެސް މި ވިޔަފާރިތަކަށް އެހީތެރިވެވޭނެ ގޮތްތަކަށް ބަލައި އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ތުލުސްދޫގައި ތިބި ގެސްޓް ހައުސްތަކުގެ ތެރެއިން، މި އެހީ ލިބުނުގެ ގެސްޓް ހައުސްތަކަށް ވަނީ ރަމްޒީ ޗެކެއް ދީފައެވެ.