ކުޅިވަރު

ޗެލްސީއަށް ފައިދާ ނުވާގޮތަށް ޓިކެޓް ވިއްކަން ހުއްދަ ދީފި


ޗެލްސީއަށް މާލީގޮތުން ފައިދާ ނުވާގޮތަށް, މެޗު ޓިކެޓް ވިއްކުމުގެ ހުއްދަ އެކްލަބަށް ދީފިއެވެ.

ޗެމްޕިއަންސް ލީގު ކްއާޓަރ ފައިނަލް ފުރަތަމަ ލެގުގައި އަންނަ މަހު 6 ވަނަ ދުވަހު ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗާއި, ވެމްބްލީގައި ކުޅޭ އެފްއޭކަޕް ސެމީފައިނަލްގައި ކްރިސްޓްލް ޕެލަސްއާއި ދެކޮޅަށް އޭޕްރީލް 16 ވަނަ ދުވަހު ކުޅޭ މެޗުގެ ޓިކެޓު ވިއްކުމުގެ ހުއްދަވަނީ ދީފައެވެ.

ޓިކެޓް ވިއްކާގެން އެފައިސާވެސް ޕްރިމިއަރ ލީގު މެދުވެރިކޮށް ލިބޭނ އެހެން ފަރާތްތަކަށެވެ. މީގެއިތުރުން ޗެލްސީގެ ދަނޑުގައި ކުޅޭ ޕްރިމިއަރ ލީގުގެ މެޗުތަކަށް އަވޭ ޓީމްގެ ސަޕޯޓަރުންނަށްވެސް ޓިކެޓް ވިއްކޭނެއެވެ. އެކަމަކު އެފައިސާ ދާނީ ޕްރިމިއަރ ލީގަށެވެ.

ޗެލްސީން އަވޭގައި ކުޅޭ މެޗުތަކުގެ ޓިކެޓް ގަތުމުގެ ފުރުޞަތު ޗެލްސީގެ ސަޕޯޓަރުންނަށް ދިން ނަމަވެސް އެކަމުންވެސް މާލީ ފައިދާއެއް ޗެލްސީއަކަށް ނެތެވެ. އެފައިސާ ލިބޭނީ ޗެލްސީއާއި ދެކޮޅަށް ކުޅޭ ހޯސްޓް ކްލަބަށެވެ. ރަޝިޔާއާއި ޔުކްރެއިނާއި ދެމެދު ކުރަމުންދާ ހަނގުރާމަ އާއި ގުޅިގެން ރަޝިޔާގެ ވިޔަފާރިތަކަށާއި, ރަޝިޔާއަށް ވާގިވެރިވާ ވިޔަފާރިތަކަށް އިނގިރޭސި ސަރުކާރުން އެޅި ފިޔަވަޅުތަކާއި ގުޅިގެން ޗެލްސީގެ ވެރިޔާ އަބްރޯމަވިޗަށްވެސް ވަނީ ފިޔަވަޅު އަޅާފައެވެ. އެފިޔަވަޅުތަކުގެ ތެރެއިން ޗެލްސީގެ މެޗު ޓިކެޓް ވިއްކުންވެސް ހުއްޓުވިއެވެ.

ޗެލްސީގެ ފިހާރަތަކުގެ ވިޔަފާރިއާއި, ޓްރާންސްފަރުގެ ކަންތަކާއި, ކްލަބް ވިއްކާލުމުގެ ކަންކަންވެސް ކުރިއަށް ނުގެންދެވޭނެހެން ފިޔަވަޅުތައް އެޅިއެވެ. އެކަމަކު ސަޕޯޓަރުންގެ ހައްޤު ގެއްލި, ސަޕޯޓަރުންނަށް މެޗުތައް ބަލަން ވަނުމުގެ ފުރުޞަތު ގެއްލޭތީ އެކަމަށް އިނގިރޭސި ސަރުކާރުން ވަނީ ލުޔެއް ދީފައެވެ. އެއީ ވަކި މެޗުތަކެއްގެ ޓިކެޓް ވިއްކުމުގެ ހުއްދަ ދިނުމެވެ.

ޗެލްސީގެ އަންހެން ޓީމް ކުޅޭ މެޗުތަކުގެ ޓިކެޓް ވިއްކުމުގެ ހުއްދަވެސް ވަނީ ދީފައެވެ.