ކުޅިވަރު

ފ. އަތޮޅުގެ ފިރިހެން ޗެމްޕިއަންކަން ބިލެއްދޫއަށް


ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ބިލެއްދޫ ރައިސިން ސްޓާ ހޯދައިފިއެވެ.

ބިލެއްދޫ ރައިސިން ސްޓާ ޗެމްޕިއަން ހޯދީ ފައިނަލުގައި މަގޫދޫ ޒުވާނުންގެ ކުލަބާ ވާދަކޮށެވެ. މަގޫދޫ ރަސްމީ ވޮލީ ކޯޓުގައި ކުޅުނު މި މެޗު ބިލެއްދޫން ކާމިޔާބުކޮށްފައިވަނީ ތިން ސެޓު އެއް ސެޓުންނެވެ. ފައިނަލުގެ ފުރަތަމަ ސެޓު މަގޫދޫއިން ކާމިޔާބުކުރި ނަވަވެސް ޖެހިގެން އައި ދެ ސެޓް ގެންދިޔައީ ބިލެތްދޫއިންނެވެ. ބިލެއްދޫން ސެޓު ކާމިޔާބުކޮށްފައިވަނީ 25-15 އިންނެވެ. އަދި ޖެހިގެންއި ވަނަ ސެޓު ކާމިޔާބުކޮށްފައިވަނީ 25-19 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބިލެއްދޫ ޓީމުގެ އަޙުމަދު ނާފިޔުއެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވިފައިވަނީ ބިލެއްދޫ ޓީމުގެ އަޙުމަދު ޝަރީފުއެވެ. މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނިލަންދޫ ސްޕޯޓްސް ޖެނަރޭޝަން ކުލަބް (އެސްޖީސީ)ގެ އަސީލް އަބްދުއް ރަޝީދުއެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ އެމްޒެޑްސީގެ ޓީމުގެ ޔޫޝައު ޙަސަން، މުޙައްމަދު އަރީފް، އިބްރާހިމް ނަދީން، އެފްޑީއެސްގެ އަޙުމަދު ޝާހު، ޑީޕީޕީގެ ޒިޔާން ޙުސެއިން އަދި ބީއާރުއެސްގެ އަޙުމަދު ނާފިޔުއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ބިލެއްދޫ ޓީމުގެ ކޯޗު އަލީ ޒާހިރުއެވެ. މުބާރާތުގެ ތިން ވަނަ ޓީމަކަށް ހޮވުނީ ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް)އެވެ. މުބާރތުގެ އަންހެން ޑިވިޝަންގެ ތަށި ކާމިޔާބުކުރީ މަގޫދޫންނެވެ.