ދުނިޔޭގެ ވިޔަފާރި

ޓެސްލާ ކުންފުނީގެ ޔޫރަޕުގެ ފުރަތަމަ ފެކްޓަރީ ޖަރުމަނުގައި ހުޅުވައިފި


އެމެރިކާގެ ބިލިއަނަރ އެލަން މަސްކުގެ ޓެސްލާ ކުންފުނީގެ ގިގަ ފެކްޓަރީ ޖަރުމަނުގައި ހުޅުވައިފިއެވެ.

މި ފެކްޓަރީ ހުޅުވިގެން ދިޔައީ ކުރިން ތާވަލްކޮށްފައި އޮތް ތާރީޙަށްވުރެ 8 މަސް ފަހުންނެވެ.

މިފެކްޓަރީން އަހަރެއްގެ މައްޗަށް 500،000 އެލެކްޓްރިކް ކާރު ނެރެވޭނެ ކަމަށް ޓެސްލާއިން ބުނެއެވެ. މިއާއިއެކު އެލެކްޓްރިކް ކާރު ސިނާޢަތުގައި ޓެސްލާއާއި ވާދަކުރާ ވޯލްކްސްވެގަން ކުންފުންޏަށް ވުރެ 50،000 ކާރު އިތުރަށް ޔޫރަޕުގެ ބާޒާރަށް ޓެސްލާއަށް ކާރުތައް ނެރެވޭނެއެވެ. މީގެ އިތުރުން މި ފެކްޓަރީ 50 ގިގަވޯޓް އަވަރ ބެޓަރީ ހަކަތަވެސް އުފައްދާނެއެވެ.

ޓެސްލާ ކުންފުނިން ޖަރުމަނުގެ ވެރިރަށް ބާލިންގައި ހުޅުވި މި ފެކްޓަރީއަކީ ޔޫރަޕުގައި ހުޅުވި އެކުންފުނީގެ ފުރަތަމަ ފެކްޓަރީއެވެ. މިފެކްޓަރީ ހުޅުވުމަށް ކުންފުނީގެ ވެރިޔާ އެލަން މަސްކް އަދި ޖަރުމަން ޗާންސެލަރ އޯލާފް ސްކޯލްޒް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޓެސްލާއިން 4 ބިލިއަން ޔޫރޯ ޙަރަދުކުރި މި ފެކްޓަރީ ހުޅުވުމުގައި ލަސްވެގެން ދިޔައީ ޖަރުމަން ސަރުކާރުން ކުންފުންޏަށް ލިބެންޖެހޭ ލައިސެންސްތައް ލިބުމުގައި ލަސްވެގެން ދިއުމުގެ ސަބަބުންނެވެ. އެގޮތުން ލައިސަންސް ދިނުމަށް ޖަރުމަން ސަރުކާރުން އެއްބަސްވީ، ފެން ޕްލާންޓާއި އަދި ވައިގެ ސާފުކަމަށް ފެކްޓްރީގެ ސަބަބުން ކުރާ އަސަރު ކުޑަ ކުރުމުގެ ޔަޤީން ކަމާއެކުއެވެ.

މިހާރު ފެކްޓަރީ ހުޅުވާފައިވަނީ ފެކްޓަރީގައި މަސައްކަތް ކުރާނެ 12،000 މުވައްޒަފުންގެ ތެރެއިން، 3000 މުވައްޒަފުން ވަނީ ފެކްޓަރީއަށް ނަގާފައި ކަމަށް ޓެސްލާއިން ބުނެއެވެ. އަދި އަންގާރަ ދުވަހު ޓެސްލާގެ މޮޑެލް "ވައި" ކާރުތައް ޖަރުމަނުގެ ބާޒާރަށް ނެރޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

ފެކްޓަރީ ހުޅުވުމުގެ ރަސްމީއްޔާތުގައި އެލަން މަސްކް ވިދާޅުވީ މިއީ ދެމެހެއްޓެނިވި ކުރިމަގަކަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ފެކްޓަރީގެ ޕްރޮޑަކްޝަން ކެޕޭސިޓީ މިހާރު ހުރިވަރަށްވުރެ މައްޗަށް ޖެއްސުމަށް އިތުރު ދެ އަހަރު ނަގާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޔޫރަޕުގެ އެލެކްޓްރިކް ކާރު މާކެޓަށް ބަލާއިރު މިވަގުތު އެންމެ ކުރީގައި އޮތީ 25 އިންސައްތައިގެ ކުރިއެރުމަކާއިއެކު ވޯލްކްސްވެގަން އެވެ. ޓެސްލާ ކުންފުނިން މިވަގުތު މިމާކެޓުގައި ހިއްސާ ކުރަނީ އެންމެ 13 އިންސައްތައެވެ.