ޚަބަރު

އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ، ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދޭން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ: ރައީސް


ޢިލްމުވެރިންނާއި މުދައްރިސުން، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ، ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދެއްވުމަށް، ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނު ދެއްވި ޚިޠާބުގައެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފޮނުއްވި ހިތާބުގައި ވިދާޅުވީ އަޅުގަނޑުމެންނަށް މާތް ﷲ ދެއްވާފައިވާ އެންމެ މަތިވެރި ނިޢުމަތަކީ، އެކަލާނގެ އެއްކައުވަންތަކަމުގެ ނޫރުން އަޅުގަނޑުމެންގެ ހިތްތައް އުޖާލާކުރެއްވުންކަމަށެވެ. އަދި ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެއްބައިވަންތަކަމާއި އެއްބަނޑު އެއްބަފާކަމުގެ މަތިވެރި ގުޅުމުގެ އަސާސަކީ، އިސްލާމްދީނުގެ މަތިވެރި އަޚްލާޤީ ބިންގަލުގެ މަތީގައި އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރުމުގެ މަތިވެރި ނަސީބު މިންވަރު ކުރައްވާފައިވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ކާބަފައިން މިޤައުމުގައި ޤާއިމުކޮށްދެއްވި ދިވެހި ޤައުމިއްޔަތު ބިނާކުރައްވާފައިވަނީވެސް، މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައިކަންވެސް ރައީސުލްޖުމްހޫއްރިއްޔާގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެ މަތިވެރި ނިޢުމަތުގެ މަތީގައި ތާއަބަދަށް ދެމިތިބެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ބޮލުގައި އެޅިފައިވާ، ދީނީ އަދި ޤައުމީ ވާޖިބެއްކަމަށާއި އެ މަތިވެރި ވާޖިބު އަދާކުރުމަށްޓަކައި، އަޅުގަނޑުމެންގެ ތުއްތު ދަރިންގެ ހިތްތަކުގައި، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ ފުރިހަމައަށް ސާބިތުކޮށްދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އިސްލާމްދީނުގެ ރިވެތި އަޚްލާޤުގެ މަތީގައި އެ ކުދިން ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެން މި އުންމީދުކުރާ ހެޔޮލަފާ ޖީލެއް ބިނާކުރުމުގެ ބިންގާކަން ޔަޤީނެވެ" ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވިދާޅުވީ މިފަދަ މުހިންމު މުނާސަބަތެއް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ އިސްލާމީ ދިވެހި މުޖުތަމަޢަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމްދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި ޢަމަލުތަކެއް، ދީނީ ކަންތަކެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ތެރޭގައި ފެތުރުމަށް، ބަޔަކު ކުރަމުންދާ މަސައްކަތްކަމަށެވެ. އަދި އެކަމުގެ ނަތީޖާއަކަށްވަނީ، އެފަދަ ފިކުރުތައް ޤަބޫލުކުރާ މަދު ބަޔަކު، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުމުގެ ނިރުބަވެރި ޢަމަލުތައް ހިންގަން ފެށުންކަމަށާއި މި ސަބަބަށްޓަކައި، އަޅުގަނޑުމެންގެ ޢިލްމުވެރިންނާއި މުދައްރިސުންވެސް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ، ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދެއްވުމަށް، ޚާއްޞަ ސަމާލުކަން ދެއްވަން ޖެހިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ވިސްނުން މިއަދު އަމާޒުކުރަންވީ އެންމެ މުހިންމު ކަމަކީ، ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ ވަރުގަދަ ގުޅުމުން، މީސްތަކުންގެ ހިތްތައް ގުޅުވައިލަ ދިން، އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ސާބިތުވެ ތިބުމަށްކަމަށް ވިދާޅުވިއެވެ. އަދި އަނެކުންގެ ފުރާނައާއި މުދަލާއި އަބުރަށް ޙުރްމަތްތެރިކޮށް ހިތައި ރައްކާތެރިވުމުގައި، މި އުންމަތުގެ މާތް ނަބިއްޔާ ދެއްކެވި މަތިވެރި ނަމޫނާ، އަޅުގަނޑުމެންގެ ޙަޔާތުގައި ޢަމަލީ ގޮތުން ތަންފީޒު ކުރުމަށާއި ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމުން އެއްކިބާވެ، މީސްތަކުންނަށް މަޢާފްކުރުމަށާއި ބަދަލު ނުހިފުމަށް، މި އުންމަތުގެ މާތް ނަބިއްޔާ ތަކުރާރުކޮށް ދެއްވި އިރުޝާދުތައް ތާއަބަދު ސިކުނޑީގައި ހަރުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ގޮވާލެއްވިއެވެ.