ސަރުކާރު ބިންތަކުގައި ހަދާފައިހުރި ސިޔާސީ ޕާޓީތަކުގެ ޖަގަހަތައް އެއްމަސްދުވަހުގެ ތެރޭގައި ހުސްކުރުމަށް ހޯމް މިނިސްޓްރީން އަންގަވައިފިއެވެ.
 
އެ މިނިސްޓްރީން މިއަދު  ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕާޓީތަކުގެ ޖަގަހަތައް ހުރި ބިންތައް ކައުންސިލްތަކަށް ނެގުމަށް ސަރުކާރުން ނިންމަވައި، އެކަން މިހާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލްތަކަށް އަންގަވާފައިވާކަމަށެވެ.
 
ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނެފައިވަނީ، އެޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 20،000 މެންބަރުން ހަމަވާ ޕާޓީތަކުގެ އިދާރީ އޮފީހާއި، އެޕާޓީތަކުގެ ހަރަކާތްތައް ހިންގުމަށް މާލެއިން 1000 އަކަފޫޓުގެ ބިމެއް މާލެ ސީޓީ ކައުންސިލުން ހަމަޖައްސައިދޭންވާނޭކަމަށެވެ.  އަދި މިގޮތަށް ބިން ދޫކުރޭވޭނީ ކުލި ދައްކާ ގޮތަށްކަމަށާއި ޕާޓީގެ މެންބަރުންގެ އަދަދު ވިހި ހާހައްވުރެ މަދުވާ ހިނދު އެޕާޓީއެއްގެ އަތުން އެ ބިން އަތުލަން ޖެހޭނެކަމަށްވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވެއެވެ.
 
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމް ވިދާޅުވީ ޤާނޫނުގައި ބުނާ އެއްހާސް އަކަފޫޓްގެ ޖާގަ ސިޔާސީ ޕާޓީތަކަށް ހޯދާދިނުމަށް އެކޮމިޝަނުން  މަސައްކަތް  ކުރައްވަމުން ގެންދަވާކަމަށެވެ. ބައެއް ސިޔާސީ ޕާޓީތަކުން އެޕާޓީގެ ޖަގަހަތައް ސަރުކާރަށް ނިސްބަތްވާ ބިންތަކުގައި ހިގަމުން އާދެއެވެ.