ރިޕޯޓް

ހެލްތުން ވަޒީފާދިނުމުގައި އިސްކަންދެއްވަނީ ދިވެހިންނަށް


ހެލްތު
މިނިސްޓްރީއާއި، އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ހުރިހާ އިދާރާތަކުން،
ވަޒީފާތަކަށް ދިވެހި މުވައްޒަފުން ހޯދުމަށް އިސްކަން ދެއްވާފައިވާކަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން
ހާމުރައްވައިފިއެވެ.



އެސީސީން މިކަން
ހާމަކުރެއްވީ ހެލްތް މިނިސްޓްރީ ހިންގަމުން ގެންދާކަންކަން ބެއްލެވުމަށްފަހު
އެކުލަވާލި ޞިއްޙީ ދާއިރާގެ ކޮރަޕްޝަން ރިސްކް އެސެސްމެންޓް ދިރާސާ ރިޕޯޓްގައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކުރި ޞިއްޙީ ދާއިރާގެ ކޮރަޕްޝަން
ރިސްކް އެސެސްމެންޓް ދިރާސާ ގެ މައިގަނޑު އަމާޒަކީ ޞިއްޙީ ދާއިރާއަށް ޑޮކްޓަރުން،
ނަރުހުން އަދި އެހެނިހެން ފަންނީ ވަޒީފާތަކަށް މުވައްޒަފުން ހޯދާ ހަމަޖެއްސުމުގައި
ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ހުރިތޯއާއި އެފަދަ ކަންކަން ހިނގުމުގެ
ފުރުސަތު އޮތްތޯބެލުމާއި އަދި މެޑިކަލް ކޮންސިއުމަބަލްސްއާއި، ރީއެޖެންޓްސްއާއި
އަދި މެޝިނަރީ ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހުރިތޯ
ބެއްލެވުމެވެ.



ޞިއްޙީ ދާއިރާއަކީ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރެވޭ އެއް
ދާއިރާކަމަށްވާއިރު،އެދާއިރާގައި 7000 އެއްހާ މުވައްޒަފުން މަސައްކަތްކުރެއެވެ. މި
ދާއިރާގެ ހުރިހާ ކަމެއް ވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދެވޭނެ
އިންތިޒާމެއް ހަމަޖައްސާފައިވާކަމަށް އޭސީން ނެރުއްވާފައިވާ ދިރާސާ ރިޕޯތުގައި ފާހަގަކުރައްވާފައިވެއެވެ.
 



ސިއްހީ ދާއިރާގައި ކޮރަޕްޝަން ހުރި މިންވަރު ދިރާސާކުރެއްވުމަށްފަހު ނެރުއްވި
މި ރިޕޯޓުގައި ދިރާސާއިން ފާހަގަކުރވުނު ރަނގަޅު ކަންތައްތަކާއި، ފާހަގަކުރެވުނު
މައްސަލަތައް އަދި އެމައްސަލަތައް ޙައްލުކުރުމަށް ކޮމިޝަނުން ވަނީ ލަފާ އަރުއްވާފައެވެ.
 
އޭސީސީން ކުރެއްވި ދިރާސާގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ ބޮޑު މަސްއޫލިއްޔަތަކަށްވުމުގެ
ސަބަބުން ތަފާތު ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައި ވީނަމަވެސް ހެލްތު މިނިސްޓްރީގެ
އަމާޒަކީ ރައްޔިތުންނަށް ވީހާވެސް އަވަހަށް ޚިދުމަތް ދިނުންކަން ފާހަގަކޮށްފައިވެއެވެ.



މިގޮތުން ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ބޭހާއި، އެހެނިހެން ތަކެތި ހުސްނުވެ
ފޯރުކޮށްދިނުމާާއި، ދެމެހެއްޓެނިވި ގޮތެއްގައި ތަކެތި ލިބުމާއި، މެދުކެނޑުމެއްނެތި
ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މެޑިކަލް ކޮންސިއުމަބަލްސްއާއި
ރީއޭޖެންޓްސް މެދުކެނޑުމެއްނެތި ހުސްނުވާނެގޮތަށް ފޯރުކޮށްދެމުންދާކަން
ފާހަގަކުރައްވާފައިވެއެވެ. 



ހެލްތު މިނިސްޓްރީއާއި، އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ހުރިހާ
އިދާރާތަކުން ވަޒީފާތަކަށް ދިވެހި މުވައްޒަފުން ހޯދުމަށް އިސްކަން
ދެއްވާފައިވާކަން އޭސީސީގެ ރިޕޯޓްގައިވެއެވެ.  އެގޮތުން ބިދޭސީ މުވައްޒަފުން ހޯދަނީ ހަމައެކަނި ދިވެހިން ނުލިބޭ މަޤާމުތަކަށް
ނުވަތަ އެ ދާއިރާތަކުން ބޭނުންވާވަރަށް ދިވެހިން ތަމްރީނުވެފައިނުވާ ދާއިރާތަކަށް ކަން
ދިރާސާގައި ފާހަގަކޮށްފައިވެއެވެ. 



ޚާއްޞަކޯށް ނަރުހުންގެ މަޤާމުތަކަށް ދިވެހި މުވައްޒަފުން ހޯދުމުގައި
ފާހަގަކޮށްލެވޭފަދަ ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި، ދިވެހިންނަށް އިސްކަން
ދިނުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން ކުރަމުންދާ ބައެއް ކަންކަން
ފާހަގަކޮށްފައިވެއެވެ. 



އެގޮތުން ފާހަގަކުރައްވާފައިވާ ކަންކަމުގެ ތެރޭގައި 



1- ފެކަލްޓީ
އޮފް ހެލްތު ސައިންސަސް އިން ދަރުވަރުން ދަވެނިވާ ދުވަސްވަރާ ދިމާކޮށް
ވަޒީފާތަކަށް އިޢުލާންކުރުން.
2-އަމިއްލަ ރަށުން ފުރުޞަތު ދިނުމުގައި އިސްކަން ދިނުން.
3- އެދޭ ރަށަކަުން ވަޒީފާ ހަމަޖައްސައިދެވެން ނެތްނަމަ ދެވަނަ  އަދި ތިންވަނައަށް ވަޒީފާ ބޭނުންވާ ރަށެއްވެސް އިސްކަންދޭ ތަރުތީބުން
ހުށައެޅުމުން އެތަނަކުން ވަޒީފާ ހަމަޖައްސައިދިނުން. 
4- ދިވެހި މުވައްޒަފުން ލިބުމުން އެތަނެއްގައި ހުރި ބިދޭސީ މުވައްޒަފުން އެހެން
މަރުކަޒުތަކަށް ބަދަލުކުރުން.



އޭސީސީގެ
ދިރާސާއިން ފާހަގަކުރެވުނު މައްސަލަތަކާއި، އެމައްސަލަތައް ޙައްލުކުރުމަށް
ކޮމިޝަނުން ދެއްވާފައިވާ ލަފާތަކުގެ ތެރޭގައި.



1-
ޑޮކްޓަރުން، ނަރުހުން އަދި އެހެނިހެން ފަންނީ މުވައްޒަފުން ހޯދުމުގައި
ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް ނުވަތަ ހިއުމަން ރިސޯސަސް ޕޮލިސީ އެކުލަވާލައި
އާންމުކުރުން. 
2- ޑޮކްޓަރުން، ނަރުހުން އަދި އެހެނިހެން ފަންނީ މުވައްޒަފުން އެއްރަށުން
އަނެއްރަށަށް ބަދަލުވުމުގައި ޢަމަލުކުރާނެ އުޞޫލުތައް ލިޔުން އެކުލަވާލައި
އާންމުކުރުން.
3- އިމްތިހާނުކޮށްގެން މުވައްޒަފުން ހޯދުމަށް މިހާރުން މިހާރަށް ދަތިވާނަމަ،
އިންޓަރވިއު ކޮށްގެން މުވައްޒަފުން ސްކްރީންކުރެވޭނެ އުޞޫލެއް ޤާއިމްކުރެއްވުން. 
4- އޮޅުވާލުމާއި މަކާ ޙީލަތް ހެދުންފަދަ ޢަމަލުތައް ހިންގާ ރެކްރޫޓްމަންޓް
އޖެންސީތަކާމެދު ފިޔަވަޅު އެލޭނެ އުޞޫލެއް ހަމަޖެއްސުމާއި މިނޫންވެސް ރަނގަޅުކުރުމަށް ތަފާތު
ކަންކަމުގައި ލަފާ ދެއްވާފައިވެެއެވެ. 



 އޭސީސީގެ
ރައީސް ހަސަން ލުތުފީ ސޮއިކުރައްވާ ނެރުއްވާފައިވާ މި ދިރާސާ ރިޕޯޓު
އެކުލަވާލައްވާފައިވަނީ، ސިއްހީ ދާއިރާއާއި އާންމުންނާއި އެނޫންވެސް ތަފާތު
ދާއިރާތަކުގެ މީހުންނަށް ސުވާލުކުރުމަށްފަހުއެވެ.



އޭސީސީގެ މި
އިސްނެންގެވުން ނަމޫނާއަކަށް ދެކިގެން އެހެން މުއައްސަސާތަކުން ސަރުކާރުގެ އެކި
އޮފީސްތަކަށް ބޭނުންވާ “އިންޑިޕެންޑެންޓް އިންކުއަރީ” ހައްދަވާދެއްވައި ދައުލަތް
ހިންގުން ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ހުށަހަޅައިދެއްވުމަށް ހެލްތު މިނިސްޓަރ
އިރުތިޝާމް އާދަމް ވަނީ އިލްތިމާސްކުރައްވާފައެވެ.