ޚަބަރު

ކޯވިޑް-19 ލީކުވީ ވޫހާނުގެ ލެބަކުންކަމަށް ސާބިތުވާ ހެކި ލިބިފައިވާކަމަށް ބުނެފި


ކޯވިޑް-19 ލީކުވީ ޗައިނާގެ ވޫހާނުގައި ޤާއިމުކޮށްފައިވާ ދިރާސާކުރާ މަރުކަޒަކުންކަމަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕު ނިޞްބަތްވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީން ބުނެފިއެވެ.

ކޯވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ 2020ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާނުންނެވެ. އަދި ބަލިމަޑުކަން އެންމެ ފުރަތަމަ ފެތުރުނީ ވޫހާނުގައި ޤާއިމުކޮށްފައިވާ ދިރާސާކުރާ މަރުކަޒަކުންކަމަށް އެމެރިކާގެ އެކި ސިޔާސީވެރިންވަނީ ތުޙްމަތުކޮށްފައެވެ. އެ ތުޙްމަތުތައް ތަޙްޤީޤުކުރަމުންދިޔަ ނަމަވެސް ކޯވިޑް-19 ލީކުވީ ޗައިނާގެ ވޫހާނުގައި ޤާއިމުކޮށްފައިވާ ދިރާސާކުރާ މަރުކަޒަކުންކަމަކަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ކަނޑައެޅިގެން ބުނެފައެއް ނުވެއެވެ.

ކޯވިޑް-19ގެ އަޞްލު ދެނެގަންނަން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ އިސްވެވަނީ ތަޙްޤީޤުތަކެއް ކޮށްފައެވެ. ނަމަވެސް އެ ތަޙްޤީޤުތަކުން ބަލިމަޑުކަމުގެ އަޞްލު ދެނެގަނެވިފައެއް ނުވެއެވެ. އަދި އެ ތަޙްޤީޤުތަކުގެ ދަށުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ވަފުދެއް ވޫހާނުގައި ހުންނަ ދިރާސާކުރާ މަރުކަޒަކަށްވެސްވަނީ ޒިޔާރަތްކޮށްފައެވެ. ނަމަވެސް އެ ތަޙްޤީޤަށް އެދިވިގެންވާ އެއްބާރުލުމެއް ޗައިނާއިން ނުދޭކަމަށްވަނީ ތުޙްމަތުކޮށްފައެވެ. އެ ގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނެފައިވަނީ ކޯވިޑް-19ގެ އަޞްލު ދެނެގަންނަން ކުރަމުންދާ ތަޙްޤީޤަށް ޗައިނާގެ އެއްބާރުލުން ބޭނުންވާކަމަށާއި އިތުރު މަޢުލޫމާތުތައް ޙިއްޞާކުރަން ޖެހޭކަމަށެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ސައިންސަސުން ބުނެފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ކުރަމުންދާ ތަޙްޤީޤަށް އިތުރަށް އެއްބާރުލުން ނުދޭނެކަމަށެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން އިސް ނަގައިގެން ކުރަމުންދާ ތަޙްޤީޤުގެ ދެވަނަ ފިޔަވަހީގައި އަލިއަޅުވާލަން ނިންމާފައިވަނީ ކޯވިޑް-19 ފެތުރުނީ ޗައިނާގެ ވޫހާންގެ ޤާއިމުކޮށްފައިވާ ދިރާސާކުރާ މަރުކަޒަކުންކަމަށް ކުރެވޭ ތުޙްމަތުތަކަށްށެވެ.

ރިޕަބްލިކަން ޕާޓީން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ކޯވިޑް-19 ފެތުރިފައިވަނީ މަސްމާރުކޭޓެއްގައި ގެންގުޅުނު ޖަނަވާރުންގެ ޒަރިއްޔާއިންކަމަށް ދެކެވޭ ވާހަކަތައް ހުއްޓާލަންޖެހޭކަމަށާއި އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން ގުޅިގެން ތަޙްޤީޤެއް ކުރަންޖެހޭކަމަށެވެ. އަދި ކޯވިޑް-19 ލީކުވީ ޗައިނާގެ ވޫހާނުގައި ޤާއިމުކޮށްފައިވާ ދިރާސާކުރާ މަރުކަޒަކުންކަމަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާކަމަށާއި އެ ޙާދިޘާ ހިނގާފައިވަނީ 2019ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ 12ވަނަ ދުވަހުގެ ކުރިންކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ވޫހާނުގައި ޤާއިމުކޮށްފައިވާ ދިރާސާކުރާ މަރުކަޒުގެ ސަލާމަތީ ކަންކަން ވަރަށް ދޯދިޔާކަމަށް ފާހަގަކުރެވޭކަމަށާއި 2019ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ މަރުކަޒުގައި އުފެދޭ ނުރައްކާތެރި ކުނިބުނި ރައްކާތެރިކަމާއެކު ނައްތާލެވޭނެ ނިޒާމެއް ޤާއިމުކުރުމަށް 1.5 މިލިޔަން އެމެރިކާ ޑޮލަރު ހޯދުމަށް އެދިފައިވާކަން އެނގޭކަމަށްވެސް ރިޕަބްލިކަން ޕާޓީން ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ.

ކޯވިޑް-19 ލީކުވީ ޗައިނާގެ ވޫހާނުގައި ޤާއިމުކޮށްފައިވާ ދިރާސާކުރާ މަރުކަޒަކުންކަމަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާކަމަށް ބުނެ ރިޕަބްލިކަން ޕާޓީން ރިޕޯޓެއް އެކުލަވާލައި ޢާންމުކޮށްފައިވަނީ ކޯވިޑް-19ގެ އަޞްލު ދެނެގަތުމަށް ޚާއްޞަ ތަޙްޤީޤެއް ކުރުމަށް އެ ކަމުގެ މަޢުލޫމާތު 90 ދުވަހުގެ ތެރޭގައި އެރުވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އެ ޤައުމުގެ ޖާސޫސީ އިދާރާތަކަށް ޢަމުރުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.