ޚަބަރު

ބުރެޒިލުގެ ވޯޓުލުމުގެ ނިޒާމު ބަދަލުކުރުމަށް ބޮޑެތި މުޒާހަރާތަކެއް


ބުރެޒިލުގެ ވޯޓުލުމުގެ ނިޒާމު ބަދަލުކުރުމަށް ބޮޑެތި މުޒާހަރާތަކެއް ކުރަން ފަށައިފިއެވެ. ބުރެޒިލުގެ ރައީސް ޖައިޚް ބޮލްސޮނާރޯއަށް ތާޢީދުކުރާ ފަރާތްތަކުންވަނީ އެ ޤައުމުގެ އެކި ސަރަޙައްދުގައި މުޒާހަރާކޮށްފައެވެ. އަދި ބޮލްސޮނާރޯ ބޭނުންފުޅުވާ ގޮތަށް އިންތިޚާބުގައި ޗާޕުކޮށްފައިވާ ވޯޓު ކަރުދާސް ބޭނުންކުރުމަށް އެ ފަރާތްތަކުންވަނީ ގޮވާލައިފައެވެ.

ބުރެޒިލުގައި ވޯޓުލުމަށް މިހާރު ބޭނުންކުރަނީ ކޮންޕިޔުޓަރު ނިޒާމެކެވެ. އޭގެ ބަދަލުގައި ބޮލްސޮނާރޯ ބޭނުންފުޅުވަނީ ޗާޕުކޮށްފައިވާ ވޯޓު ކަރުދާސް ބޭނުންކުރުމަށެވެ. ބޮލްސޮނާރޯ ވިދާޅުވެފައިވަނީ ކޮންޕިޔުޓަރު ނިޒާމެއް ބޭނުންކުރާނަމަ ގިނަ މައްސަލަތަކެއް ދިމާވާނެކަމަށާއި އޭގެ ތެރެއިން އެއް މައްސަލައަކީ އިންތިޚާބުގައި ބައިވެރިވާ ކޮންމެވެސް އެއް ފަރާތަކުން އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކުރުންކަމަށެވެ. އަދި އެ ފަރާތަކީ އޭނާއަށް ވެދާނެކަމަށް ބޮލްސޮނާރޯ ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ބޮލްސޮނާރޯވަނީ ރިޔާސީ އިންތިޚާބުގައި އެއްވެސް އޮޅުވާލުމެއް އޮތްނަމަ ވޯޓަށްފަހު އެހެން ފަރާތަކާ ވެރިކަން ޙަވާލުނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ބުރެޒިލުގެ ވޯޓުލުމުގެ ނިޒާމު ބަދަލުކުރުމަށް ބަދަލުކުރުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ކޮމިޓީއަކުން ވޯޓަށް އެހުމަށްވަނީ ނިންމައިފައެވެ. ނަމަވެސް ވޯޓުލުމުގެ ނިޒާމު ބަދަލުކުރުމަށް ކޮމިޓީން ފާސްކުރާނެކަމަކަށް ނުބެލެވެއެވެ.