ޚަބަރު

މުޙްޔިއްދީންގެ ވެރިކަމުގެ ދުވަސްތައް ނިމިއްޖެ: އަންވަރު


މެލޭޝިޔާގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީންގެ ވެރިކަމުގެ ދުވަސްތައް ނިމިއްޖެކަމަށް އިދިކޮޅު ސިޔާސީވެރިޔާ އަންވަރު އިބްރާހީމު ވިދާޅުވެއްޖެއެވެ.

މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް ބޭވުން މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައި އެ ޤައުމުގެ އިދިކޮޅު ޕާޓީތަކަށް ނިޞްބަތްވާ މެންބަރުންވަނީ މަޖިލީހުގެ އިމާރާތަށް ވަންނަން މަސައްކަތްކޮށްފައެވެ. ނަމަވެސް މެލޭޝިޔާގެ ސަލާމަތީ ބާރުތަކުންވަނީ މެންބަރުންނަށް ހުރަސްއަޅައިފައެވެ.

މެލޭޝިޔާގެ ސިޔާސީ މަޞްރަޙް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި މަޖިލީހުގެ ޖަލްސާތައް ބޭވުން މެދުކަނޑާލާފައިވަނީ މަޖިލީހުގެ އިމާރާތުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ކޯވިޑް-19 ޖެހުމުންކަމަށް ބުނެއެވެ. ނަމަވެސް މެލޭޝިޔާގެ އިދިކޮޅު ޕާޓީތަކުން ބުނެފައިވަނީ މަޖިލީހުގެ ޖަލްސާތައް ބޭވުން މެދުކަނޑާލާފައިވަނީ ސިޔާސީ ބޭނުމަކަށްކަމަށެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބުކަން ކުރިން ކުރައްވާފައިވާ އަންވަރު ވިދާޅުވީ މުޙްޔިއްދީންވަނީ ޤާނޫނުތަކާ ޚިލާފުވެވަޑައިގެންފައިވާކަމަށާއި އޭނާގެ ވެރިކަމުގެ ދުވަސްތައް ނިމިއްޖެކަމަށެވެ. އަދި ބޮޑުވަޒީރުގެ މަޤާމުން މުޙްޔިއްދީން ވަކިކުރުމަށް އިދިކޮޅު ޕާޓީތަކަށް ނިޞްބަތްވާ 107 މެންބަރުން މަސައްކަތްކުރާނެކަމަށްވެސް އަންވަރު ވިދާޅުވިއެވެ. މުޙްޔިއްދީންނަށް މަޖިލީހުގެ ގިނަ މެންބަރުންގެ ތާޢީދެއް ނެތްކަމަށާއި އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް ހުށަހަޅުއްވާފައިވާކަމަށް އަންވަރުވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވަނީ އޭގެ ފަހުންނެވެ.

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަޙާތިރު މުޙައްމަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ބޮޑުވަޒީރުގެ މަޤާމުން މުޙްޔިއްދީން ވަކިކުރުން ނޫންގޮތެއް ނެތްކަމަށެވެ. މުޙްޔިއްދީންގެ ކުރިން ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި މަޙާތިރު ވިދާޅުވީ ފާއިތުވި 17 މަސްދުވަހުގެ ތެރޭގައި ބޮޑު އަނދަވަޅަކަށް މެލޭޝިޔާ ވެއްޓިފައިވާކަމަށާއި ޞިއްޙީ ނިޒާމާއި އިޤްތިޞާދު ބޮއްސުންލާފައިވާކަމަށެވެ. އަދި މުޙްޔިއްދީންގެ ބޮޑުވަޒީރުކަމުގައި މެލޭޝިޔާއަށް ދިމާވެފައިވާ ގިނަ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރަން ޖެހޭކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް ބޭވުން މެދުކަނޑާލާފައިވަނީ މުޙްޔިއްދީން އިސްތިޢުފާދެއްވުމަށް ސަރުކާރުގައި ހިމެނޭ އެންމެ ބޮޑު ޕާޓީންނާއި އެ ޤައުމުގެ އިދިކޮޅު ޕާޓީތަކުން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. މުޙްޔިއްދީންގެ އިސްތިޢުފާއަށް ގޮވާލަމުންދާ އަޑުތައް ގަދަވެފައިވަނީ މެލޭޝިޔާގެ ރަސްގެފާނު އަބްދުﷲގެ ފާޑުކިޔުއްވުން އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ޖުލައި މަހުގެ 29ވަނަ ދުވަހު މެލޭޝިޔާގެ ރަސްގެފާނުގެ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުއްލި ޙާލަތު އުވާލާފައިވަނީ ރަސްގެފާނުގެ ޙުއްދަ ނުހޯއްދަވާކަމަށާއި އެއީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށެވެ. ނަމަވެސް މުޙްޔިއްދީންގެ ސަރުކާރުން ބުނެފައިވަނީ ކުއްލި ޙާލަތު އުވާލާފައިވަނީ ޤާނޫނާ އެއްގޮތަކަށްކަމަށެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމުގައި ހުންނެވި އިސްމާޢީލް ޞަބުރީ ބިން ޔަޢުޤޫބު ވިދާޅުވީ ޤާނޫނުހަދާ މަޖިލީހުގައި ހިމެނޭ 222 މެންބަރުގެ ތެރެއިން 110 މެންބަރުގެ ތާޢީދު މުޙްޔިއްދީންނަށް އޮތްކަމަށެވެ.