ޚަބަރު

އިންތިޚާބެއް ބާއްވާނެކަމަށާއި އާސިޔާނާ ގުޅުންބަދަހިކުރާނެކަމަށް މިޔަންމާގެ އަސްކަރިއްޔާއިން ބުނެފި


ގިނަ ސިޔާސީ ޕާޓީތަކަށް ބައިވެރިވެވޭނެ އިންތިޚާބެއް ބޭއްވުމަށާއި އާސިޔާނާއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މިޔަންމާގެ އަސްކަރީ ސަރުކާރުން އަނެއްކާވެސް ވަޢުދުވެއްޖެއެވެ. މިޔަންމާގެ އަސްކަރީ ސަރުކާރުން އެހެން ބުނެފައިވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ ޤައުމު ވަރަށް ބޮޑަށް ބާކީވެފައިވާ ދަނޑިވަޅެއްގައެވެ.

ފެބުރުއަރީ މަހުގެ 1ވަނަ ދުވަހު މިޔަންމާގެ އިސްވެރިޔާ އަން ސަން ސޫ ކީގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބަޣާވާތްކުރުމަށްފަހު ސޫ ކީއާއި އެނާގެ ސަރުކާރަށް ނިޞްބަތްވާ އިސްވެރިންވަނީ ހައްޔަރުކޮށްފައެވެ. އެއަށްފަހު އަސްކަރިއްޔާއިންވަނީ އެ ޤައުމުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. އަސްކަރިއްޔާއިން ކުރި ބަޣާވާތް ނިމުމަކަށް ގެނެސް ސޫ ކީ މިނިވަންކުރުމަށް ގޮވާލައި މިޔަންމާގެ ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައެވެ. އެ މުޒާހަރާތައް ހުއްޓުވުމަށް އަސްކަރިއްޔާއިން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި 900އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ސިޔާސީ ހަލަބޮލިކަމާއި ކޯވިޑް-19 ނުރައްކާތެރި ރާޅެއްގެ އިތުރުން މިޔަންމާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިޘާތަކާވެސް އެ ޤައުމުންވަނީ ކުރިމަތިލާންޖެހިފައެވެ.

ނުރައްކާތެރި ފައްތަރެއްގައި އޮތް މިޔަންމާގެ އަސްކަރީ ސަރުކާރުންވަނީ އެ ޤައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވާކަމަށް ބުނެފައެވެ. ޚާއްޞަކޮށް އާސިޔާނުގެ ޤައުމުތަކާއި ރަޙްމަތްތެރި ޤައުމުތަކުގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާކަމަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ބުނެފައިވެއެވެ. އެ ގޮތުން ކޯވިޑް-19ން ސަލާމަތްވުމަށް ރައްކާތެރި ފިޔަވަޅުތައް އެޅުމާއި ޞިއްޙީ ސާމާނާއި ކޯވިޑް-19ގެ ވެކްސިން ހޯދުމުގައި އެހީތެރިކަން ބޭނުންވާކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.

މިޔަންމާގެ ދީމިޤްރާޠީ ވެރިކަން ވައްޓާލުމުން އެ ޤައުމު އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ބާކީވެފައެވެ. އޭގެ އިތުރުން ހުޅަނގުގެ ބާރުތަކުންވަނީ އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅައިފައެވެ. މިޔަންމާގައި ކުރި ބަޣާވާތަށްފަހު އެ ޤައުމުގެ އަސްކަރީ ސަރުކާރަށް އެންމެ ބޮޑު އެހީތެރިކަމެއް ދެމުންދަނީ ޗައިނާއާއި ރަޝިޔާއިންނެވެ.