ޚަބަރު

ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް އެމެރިކާއިން އެއްބަސްވެފައިވާކަމަށް އީރާނުން ބުނެފި


އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އުވައިލުމަށް އެއްބަސްވެފައިވާކަމަށް އީރާނުން ބުނެފިއެވެ.

2015ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އީރާނުން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ޤައުމުގެ ނިޔުކްލިޔަރ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެއްބަސްވުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ރަޝިޔާއާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި ވިލާތުގެ އިއްތިޙާދާއި ޗައިނާއިން ބައިވެރިވެފައިވެއެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަލުން އަޅައިފައެވެ. އޭގެ ސަބަބުން އީރާނުންވަނީ އެއްބަސްވުމާ ޚިލާފަށް ބައެއް ކަންތައްތައް ކުރަން ފަށައިފައެވެ.

އެމެރިކާއިންވަނީ އެއްބަސްވުމުގައި އަލުން ބައިވެރިވުމުގެ ޝައުޤުވެރިކަން ފައުޅުކޮށްފައެވެ. އަދި އަލުން އެއްބަސްވުމަށް ޢަމަލުކުރާނެ ގޮތްތަކާމެދު ދުނިޔޭގެ ބާރުތަކުން ދަނީ މިދިޔަ އޭޕުރިލް މަހުން ފެށިގެން އޮސްޓުރިޔާގެ ވެރިރަށް ވިޔެނާގައި އިރާނާއެކު މަޝްވަރާތައް ކުރަމުންނެވެ. އެ މަޝްވަރާތަކުގެ 6ވަނަ ބުރު ނިންމާލާފައިވަނީ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.

ދުނިޔޭގެ ބާރުތަކާއެކު ކުރަމުންދާ މަޝްވަރާތަކާ ގުޅޭގޮތުން އީރާނުގެ ރައީސް ޙަސަން ރޫޙާނީގެ ޗީފު އޮފް ސްޓާފު މަޙްމޫދު ވައިޒީ ވިދާޅުވީ އީރާނުގެ އިންޝުރަންސާއި ތެލާއި މުދާ ބޭރުކުރުމުގެ ދާއިރާއަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅެއް އުވައިލުމަށް އެމެރިކާއިން އެއްބަސްވެފައިވާކަމަށެވެ. އޭގެ އިތުރުން އީރާނުގެ ބައެއް އިސްވެރިންނާ ދެކޮޅަށް އަޅާފައިވާ ހުރަސްތައް އުވައިލުމަށްވެސް އެއްބަސްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން އެމެރިކާގެ ކުރީސް ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ 1،040 ފިޔަވަޅެއް އުވާލައި ބައެއް އަމިއްލަ ފަރާތްތަކާއި އީރާނުގެ އެންމެ އިސްވެރިޔާ އާޔަތުﷲ ޚާމަނާއީގެ އަރިސް ބޭފުޅުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަށް އެމެރިކާއިން އެއްބަސްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ފިޔަވަޅުތައް އުވައިލުމަށް މަޝްވަރާކުރި ނަމަވެސް ހުރިހާ މައްސަލައަކަށް ޙައްލެއް ލިބެންދެން ވަކިގޮތެއް ނުނިންމާނެކަމަށެވެ.

އީރާނުގެ ނިޔުކްލިޔަރ މަރުކަޒުތަކުގެ ކެމެރާތަކުން ފެންނަ މަންޒަރުތައް އދގެ ނިޔުކްލިޔަރ ހަކަތަޔާބެހޭ އިދާރާކަމަށްވާ އައިއޭއީއޭއާއެކު ޙިއްޞާކުރުމަށް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އީރާނުންވަނީ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ. އެފަދަ އެއްބަސްވުމެއް ޤާއިމުކުރީ އައިއޭއީއޭއިން އީރާނުގެ ނިޔުކްލިޔަރ މަރުކަޒުތައް ބަލައި ފާސްކުރުމަށް ދެމުންދާ އެއްބާރުލުން ކުޑަކަމަށް ބުނުމުންނެވެ. އީރާނުގެ ނިޔުކްލިޔަރ މަރުކަޒުތަކުގެ ކެމެރާތަކުން ނަގައި ފޮޓޯތައް ތިން މަސް ދުވަހުގެ މުއްދަތަށް އައިއޭއީއޭއާ ޙިއްޞާކުރުމަށް ވެފައިވާ އެއްބަސްވުން މެއި މަހުގެ 22ވަނަ ދުވަހު ނިމުމަކަށް އައުމުން ޖޫން މަހުގެ 24 ވަނަ ދުވަހާ ހަމައަށް އެ އެއްބަސްވުމުގެ މުއްދަތުވަނީ އިތުރުކޮށްފައެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އީރާނުގެ ޤައުމީ ސަލާމަތާބެހޭ އެންމެ މަތީ މަޖިލީހުން އެ ކަމަށް ގޮތެއް ނިންމާނެއެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާކަމަށް އީރާނުން ބުނި ނަމަވެސް ނިޔުކްލިޔަރ އެއްބަސްވުން ފުރިހަމައަށް ރުޖޫޢަކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެ އެއްބަސްވުމުގައި ބައިވެރިވާ އެހެން ޤައުމުތަކުން ބުނެއެވެ. ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ހައިކޯ މާސް ވިދާޅުވީ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބުނު ނަމަވެސް މައިގަނޑު މައްސަލަތަކާ ގުޅޭގޮތުން ނިންމުމަކާ ހަމައަށް އަދިވެސް ނާދެވޭކަމަށެވެ. އެއްބަސްވުމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމުމަށް އަދިވެސް ގިނަ ވަގުތުތަކެއް ނެގުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ. ފަރަންސޭސިވިލާތުން ބުނީ ނިންމުމަކާ ހަމައަށް އައުމަށް ވަގުތު ކުޑަތަންވަމުންދާކަމަށާއި އެހާ އަވަހަށް ނިންމުމަކާ ހަމައަށް ނާދެވުމަކީވެސް އެކަށީގެންވާކަމެއްކަމަށެވެ.

ޖޫން މަހުގެ 18ވަނަ ދުވަހު ބޭއްވި އީރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހީމު ރައީސީ އަންނަ އޮގަސްޓު މަހުގެ ތެރޭގައި މަޤާމާ ޙަވާލުވެވަޑައިގަންނަވާނެއެވެ. އޭގެ ކުރިން ނިޔުކްލިޔަރ އެއްބަސްވުމާ ގުޅޭގޮތުން ނިންމުމަކާ ހަމައަށް އައުމަށް އީރާނުން ބޭނުންވާކަމަށް ބެލެވެއެވެ. ނިޔުކްލިޔަރ އެއްބަސްވުމާ ގުޅޭގޮތުން ނިންމުންތަކެއް ނިންމަވާނީ އީރާނުގެ އެންމެ އިސްވެރިޔާ އާޔަތުﷲ ޚާމަނާއީއެވެ. އެހެންކަމުން ވެރިކަމުގެ ހުވައި ރައިސީ ކުރެއްވި ނަމަވެސް ނިޔުކްލިޔަރ އެއްބަސްވުމާ ގުޅޭގޮތުން ނިންމުންތަކެއް ނިންމުމަކަށް އަސަރެއް ކުރާނެކަމަކަށް ނުބެލެވެއެވެ.