ޚަބަރު

ކާބުލްގެ ވައިގެ ބަނދަރު ބެލެހެއްޓުމަށް އިތުރު ސިފައިންނެއް ނުފޮނުވާނަން: ތުރުކީވިލާތް


އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުން އެ ޤައުމުގެ ވެރިރަށް ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ބަލަހައްޓައި ހިންގުމުގެ ޒިންމާއާ ތުރުކީވިލާތުން ޙަވާލުވި ނަމަވެސް އިތުރު ސިފައިންނެއް ނުފޮނުވާނެކަމަށް ބުނެފިއެވެ.

އަންނަ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާއާއި ނޭޓޯގެ ފައުޖުތައް އެ ޤައުމުން ފޭބުމުން ކާބުލްގެ ވައިގެ ބަނދަރު ބެލެހެއްޓުމަށް ތުރުކީވިލާތުން ހުށަހެޅީ މިދިޔަ ހަފުތާގެ ތެރޭގައި ބޭއްވި ނޭޓޯގެ ބައްދަލުވުމެއްގައެވެ. އެ މަސައްކަތް ކުރާނެ ގޮތަކާމެދު ތުރުކީވިލާތާއި އެމެރިކާއިން ދަނީ މަޝްވަރާކުރަމުންނެވެ. ޚާރިޖީ ވަފުދުތަކުގެ މަސައްކަތްތަކަށް މުހިންމު ކާބުލްގެ ވައިގެ ބަނދަރު ބެލެހެއްޓުމުގެ މަސައްކަތް އިތުރު އެހީތެރިކަމާ ނުލައި ނުކުރެވޭނެކަމަށް ތުރުކީވިލާތުންވަނީ ބުނެފައެވެ.

ތުރުކީވިލާތުގެ ދިފާޢީ ވަޒީރު ހުލޫސީ އަކާރު ވިދާޅުވީ ފާއިތުވި ހަ އަހަރުގެ ތެރޭގައި ނޭޓޯގެ ރިސޮލިއުޓު ސަޕޯޓު މިޝަންގެ ދަށުން ތުރުކީވިލާތުގެ ފައުޖުތައް ކާބުލްގެ ވައިގެ ބަނދަރު ބެލެހެއްޓުމުގައި ޙަރަކާތްތެރިވެފައިވާކަމަށެވެ. އަދި މިހާރުވެސް ތުރުކީވިލާތުގެ 500 ސިފައިން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާކަމަށާއި އެ ޤައުމަށް އިތުރު ސިފައިންނެއް ނުފޮނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. ވައިގެ ބަނދަރު ބަލަހައްޓާނެ ގޮތަކާމެދު އަދިވެސް މަޝްވަރާތައް ކުރަމުންދާކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ނިންމުންތަކެއް އެމެރިކާއާއެކު ނިންމާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި ދުވަސްތަކުގައި ތުރުކީވިލާތާއި ނޭޓޯއާ ދެމެދު އޮންނަ ގުޅުންތައްވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެ ގޮތުން ރަޝިޔާގެ ވައިގެ ދިފާޢީ ނިޒާމެއްކަމަށްވާ އެސް400 ގަތުމުންނާއި ސޫރިޔާއާއި ލީބިޔާއާއި އިރުމަތީ މެޑިޓެރޭނިއަން ސަރަޙައްދާ ގުޅޭގޮތުންނާއި އިންސާނީ ޙައްޤުތަކާބެހޭ މައްސަލަތަކުގައި ޚިޔާލު ތަފާތުވުމުން ތުރުކީވިލާތާއި ނޭޓޯއާ ދެމެދު އޮންނަ ގުޅުންތަކަށްވަނީ ހިޔަނިއެޅިފައެވެ. ބެލެވޭ ގޮތުގައި ކާބުލްގެ ވައިގެ ބަނދަރާ ޙަވާލުވުމަށް ތުރުކީވިލާތުން ނިންމީ ނޭޓޯއާއެކު އޮންނަ ގުޅުންތައް ވަރުގަދަކުރުމަށެވެ.

ކާބުލްގެ ވައިގެ ބަނދަރާ ގުޅޭގޮތުން ތުރުކީވިލާތުން މަޝްވަރާތަކެއް ކުރަމުންދަނީ އެ ޤައުމުގެ ފައުޖުތައްވެސް ފައިބަންޖެހޭނެކަމަށް އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ޠާލިބާން ޖަމާޢަތުން ބުނެފައިވައި ދަނޑިވަޅެއްގައެވެ. އަފްޣާނިސްތާނުގެ ޞުލްޙައިގެ މަޝްވަރާތައް ހުއްޓިފައިވާ ދަނޑިވަޅެއްގައި ޠާލިބާނުން ދަނީ އެ ޤައުމުގެ އަސްކަރީ ފައުޖުތަކާ ދެކޮޅަށް ކުރިމަތިލުމަށްފަހު ބޮޑެތި ކާމިޔާބުތަކެއް ހޯދަމުންނެވެ.