ޚަބަރު

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރި މަޝްވަރާތައް ނާކާމިޔާބުވެއްޖެ


އިސްރާއީލުގެ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ފަލަސްޠީނުގެ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އދއާއެކު ކުރި މަޝްވަރާތައް ނާކާމިޔާބުވެފައިވާކަމަށް ޙަމާސް ޖަމާޢަތުން ބުނެފިއެވެ.

މެއި މަހުގެ 10ން 21އަށް އިސްރާއީލުގެ ޔަހޫދީ ފައުޖުތަކުންވަނީ ޣައްޒާއަށް ވަރުގަދަ ޢުދުވާނީ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި 250އަށްވުރެ ގިނަ މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އަދި 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ.

ޔަހޫދީންގެ އަނިޔާވެރި ޙަމަލާތަކުގައި ޣައްޒާގެ ޢުމުރާނީ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެ ގޮތުން ޙަމަލާތަކުގައި ޣައްޒާގެ 1،500 ގެދޮރު ބިމާހަމަވެފައިވާކަމަށާއި އިތުރު 1،500 ގެދޮރު ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައިވާކަމަށާއި 17،000 ގެދޮރަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސުން ބުނެއެވެ. އެ ގެދޮރުތައް މަރާމާތުކުރުމަށް ގާތްގަނޑަކަށް 150 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް ބެލެވެއެވެ.

ޣައްޒާގައި ހުންނަވާ ޙަމާސްގެ އިސްވެރިޔާ ޔަޙްޔާ ސިންވާރު ވިދާޅުވީ އދގެ ވަފުދާއެކު ކުރި މަޝްވަރާތަކުން އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަމަށެވެ. އަދި ބައްދަލުވުމުގައި ޙަމާސުން ދެއްކި ވާހަކަތައް ވަފުދުން އަޑުއެހި ނަމަވެސް ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިޘާއަށް ޙައްލެއް ހޯދައިދިނުމަށް އދން މަސައްކަތްކުރާނެކަމުގެ އެއްވެސް އިޝާރާތެއް ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިޘާއާ ގުޅިގެން ޙައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ސަރުކާރުން ފަލަސްޠީނުގެ ސަރުކާރަށާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކަށް ބިރުދައްކަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ގާތްގަނޑަކަށް 2 މިލިޔަނެއްހާ މީހުން ދިރިއުޅޭ ޣައްޒާއަށް ބޭނުންވާ ސާމާނު އެތެރެކުރެވެނީ އިސްރާއީލުން ޙުއްދަ ދިނުމުން އެކަންޏެވެ. ޣައްޒާއަށް ވަދެނުކުމެވޭ ހުރިހާ މަގެއް އިސްރާއީލުން ބަންދުކޮށްފައިވަނީ 2007ވަނަ އަހަރުގެ ތެރޭގައެވެ.