ޚަބަރު

ޤަޠަރު އިޤްތިޞާދީ ފޯރަމް ޤަޠަރުގެ އަމީރު ހުޅުއްވާދެއްވައިފި


މިއަހަރުގެ ޤަޠަރު ޢިޤްތިޞާދީ ފޯރަމް އެ ޤައުމުގެ އަމީރު ޝައިޚް ތަމީމު ބިން ހަމަދް އަލް ޘާނީ ރަސްމީކޮށް ހުޅުއްވާދެއްވައިފިއެވެ.

މި ފޯރަމްގައި ބޮޑަށް ވާހަކަ ދައްކާނީ ކޯވިޑްގެ ބަލިމަޑުކަމަށްފަހު ޤައުމުތަކުގެ އިޤްތިޞާދު ކުރިއަރުވާނެ ހަރުދަނާ ގޮތްތަކާއި މިކަމުގައި ދުނިޔޭގެ ލީޑަރުންގެ ބައިވެރިވުމުގެ މައްޗަށެވެ.

ތިން ދުވަހުގެ މުއްތަށް ވާރޗުއަލްކޮށް ކުރިއަށްދާ މި ފޯރަމުގައި ތީމެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ 'ނިއު ހޮރައިޒަން ފޯ ޓުމޯރޯ' އެވެ. 100 އަށްވުރެ ގިނަ ވިޔަފާރިވެރިންނާއި ޑިޕްލޮމެޓުންނާއި، ދުނިޔޭގެ ލީޑަރުން ބައިވެރިވާ މި ފޯރަމް ފަށާފައިވަނީ ހޯމަ ދުވަހުއެވެ.

ފޯރަމް ހުޅުއްވާދެއްވަމުން ޢަމީރު ދެއްކެވި ވާހަކަފުޅުގައިވަނީ އިޤްޠިޞާދީ އަދި އިޖްތިމާޢީ ގޮތުން ޤައުމުތައް ކުރިއަށްދާއިރު ޞިއްޙީ ދުޅަހެޔޮކަންވެސް އެއްހަމައެއްގައި ކުރިއަށް ގެންގޮސް ދެމެހެއްޓުމަށްޓަކައި ހަމަހަމަގޮތެއްގައި ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ޤައުމުތަކަށްވަނީ ގޮވާލައްވާފައެވެ.

ފޯރަމްގެ އެޖެންޑާވަނީ ޖުމްލަ 6 ތީމަކަށް ބަހާލާފައެވެ. މި ތީމްތަކުގައި ބޮޑަށް ވާހަކަދައްކާނީ ދެމެހެއްޓެނިވި އިޤްޠިޞާދެއް ތަރައްޤީ ކުރުމަށް ހުރި ފުރުޞަތުތައް ހޯދުމުގައި އިންވެސްޓަރުންގެ ދައުރާއި ބެހޭ ގޮތުންނެވެ.

މިފޯރަމުގެ ތެރޭގައި ހިމަނައިގެން މެދު އިރުމަތީގެ އިޤްޠިޞާދަށް ހުރި ފުރުޞަޠުތަކާއި ގޮންޖެހުންތަކަށް ހުރި ޙައްލުތައް ހޯދުމަށް 2000 ށް ވުރެ ގިނަ ބައިވެރިންނާއެކު ބައްދަލުވުމެއް ބޭއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.