ޚަބަރު

ޓްރާންސް ޕެސިފިކް ވިޔަފާރީގެ އެއްބަސްވުމާއި ގުޅުމަށް އިނގިރޭސިވިލާތުން މަޝްވަރާކުރަނީ


އެގާރަ ޤައުމެއް ހިމެނޭ ޓްރާންސް ޕެސިފިކް ވިޔަފާރީގެ އެއްބަސްވުމާ ގުޅުމަށް ރަސްމީކޮށް އަންނަ ހަފްތާ ހުށަހަޅާނެ ކަމަށް އިނގިރޭސި ވިލާތުން އިޢުލާނުކޮށްފިއެވެ.

މި އެއްބަސްވުމުގައި ބައިވެރިވުމުގެ ބޭނުމަކީ އިޔޫ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށްފަހު ޔޫރަޕުން ބޭރުވެ ސަރަޙައްދީ ގޮތުން ބަލާއިރު ދުރުގައި އޮތް ނަމަވެސް އިޤްތިޞާދީ ކުރިއެރުން ބޮޑަށް އޮންނަ ސަރަޙައްދަކަށް އެޤައުމުގެ ވިޔަފާރިތައް އަމާޒުކުރުމުގެ ގޮތުންކަމުގައިވެސް މީޑިއާތަކުން ރިޕޯޓް ކުރެއެވެ. ދަ ކޮމްޕްރިހެންސިވް އެންޑް ޕްރޮގްރެސިވް އެގްރީމެންޓް ފޯރ ޓްރާންސް ޕެސިފިކް ޕާރޓްނަރޝިޕް (ސީޕީޓީޕީޕީ) ނަމުން ނަންދީފައިވާ މި އެއްބަސްވުމުން މެމްބަރު ޤައުމުތަކުން 95 އިންސައްތައިގެ ޓެކްސްއެއް އުނިކޮށްދެއެވެ. ސީޕީޓީޕީޕީ ގެ ސަބަބުން ޤާނޫނީ ގޮތުންނާއި މާލީ ގޮތުން އަދި އެހެނިހެން ގޮތްގޮތުންވެސް ބާޒާރުތެރެއަށް އެހެން ޤައުމުތަކުން ވަނުން މި އެއްބަސްވުން މަނާ ކުރެއެވެ.

ސީޕީޓީޕީޕީ ގެ ދަށުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް ވަކިގޮތްތަކެއް ގެންގުޅުމާއި، ބޭރުގެ އިންވެސްޓަރުންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅުމާއި، އެހެން ޤައުމުތަކުން މުދާ އެތެރެކުރުން މަނާކުރުމާއި، ކުންފުނިތަކުގެ ޒާތީ މަޢުލޫމާތު ދޭން މަޖުބޫރު ކުރުވުން ފަދަ ހަރުކަށި ޤަވާއިދުތަކެއް ނުގެންގުޅޭނެކަމަށާއި އިނގިރޭސި ވިލާތުން މި އެއްބަސްވުމާއި ގުޅިއްޖެނަމަ ބައިނަލްއަޤުވާމީ ގޮތުން މިކަހަލަ އިންސާފުން ބޭރު ޢަމަލުތައް ހުއްޓުވަމަށް ބާރު ލިބިގެންދާނެކަމަށް ސީޕީޓީޕީޕީ ގެ ވިޔަފާރިއާއި ބެހޭ ޑިޕާރޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިނގިރޭސިވިލާތް ޔޫރަޕް އިއްޠިޙާދުން ވަކިވީ ޔޫރަޕް ދޫކޮށް އިޤްތިޞާދީ ގޮތުން އަވަހަށް ކުރިއެރުން ހޯދާ ބާޒާރުތައް ހޯދުމަށް ކަމަށްވެސް އިނގިރޭސވިލާތުގެ ވިޔަފާރިއާއިބެހޭ ވަޒީރު ލިޒް ޓްރަސް ވަނީ ވިދާޅުވެފައެވެ.