ޚަބަރު

އަފްޣާނިސްތާނާއި ތަޖިކިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ޠާލިބާނުންގެ ބާރުގެ ދަށަށް


އަފްޣާނިސްތާނާއި ތަޖިކިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ޠާލިބާން ޖަމާޢަތުގެ ބާރުގެ ދަށަށް ގެނެސްފިއެވެ.

އަފްޣާނިސްތާނުގެ އުތުރުގައި އޮންނަ ކުންދުޒު ޕުރޮވިންސުގައި އޮންނަ މުހިންމު އަވަށެއްކަމަށްވާ ޝީރު ޚާން ބަންދުރަށް ޠާލިބާނުން ޙަމަލާދޭން ފެށުމުން އެ ޤައުމުގެ ފައުޖުތައްވަނީ އަސްކަރީ މަޤާމުތައް ދޫކޮށްލުމަށްފަހު ފިލައިފައެވެ. އެއާއެކު އަފްޣާނިސްތާނާއި ތަޖިކިސްތާން ގުޅުވައިދޭ އެންމެ މުހިންމު މަގުގެ އިތުރުން ވަށައިގެން އޮންނަ ސަރަޙައްދުތައްވަނީ އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެއީ މެއި މަހުގެ 1ވަނަ ދުވަހުން ފެށިގެން ޠާލިބާނުން ދޭން ފަށައިފައިވާ ޙަމަލާތަކުގައި އެ ޖަމާޢަތަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

އަފްޣާނިސްތާނުގެ އަސްކަރީ ފައުޖުތަކާ ދެކޮޅަށް ޠާލިބާނުން ހޯދަމުންދާ ބޮޑެތި ކާމިޔާބީތަކާ ގުޅޭގޮތުން އެ ޤައުމުގައި ހުންނަވާ އދގެ ޚާއްޞަ މަންދޫބު ޑެބޯރާ ލަޔަންސް ވިދާޅުވި ގޮތުގައި މެއި މަހުގެ 1ވަނަ ދުވަހުގެ ފަހުން އެ ޤައުމުގެ 370 ޑިސްޓުރިކްޓުގެ ތެރެއިން 50 ޑިސްޓުރިކްޓުވަނީ އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި އެއީ އަފްޣާނިސްތާނުގެ އިތުރުން އަވަށްޓެރި ޤައުމުތަކަށް އޮތް ބޮޑު ބިރުވެރިކަމެއްގެ ގޮތުގައި އޭނާވަނީ ސިފަކުރައްވައިފައެވެ.

އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް ބޭނުންވާކަމަށާއި އެކަމަށް ތައްޔާރަށް އޮތްކަމަށް ޠާލިބާނުންވަނީ ބުނެފައެވެ. ނަމަވެސް ޞުލްޙަ ޤާއިމުކުރުމަށް ޤަޠަރުގައި ކުރަމުންދިޔަ މަޝްވަރާތައްވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ހުއްޓިފައެވެ. ދަނޑިވަޅުގެ ބޭނުން ހިފައި ޠާލިބާނުން މަސައްކަތްކުރަނީ ހޯދަމުންދާ އަސްކަރީ ކާމިޔާބީތައް ދައްކައިގެން އެ ޖަމާޢަތުން ބޭނުންވާ ކަންކަން މަޝްވަރާތަކުގައި ޙާޞިލުކުރުމަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަރުކާރުންވަނީ ޠާލިބާނުންނާއެކު ޞުލްޙައިގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން މެއި މަހުގެ 1ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ފައުޖުތައް ބާލަންޖެހެއެވެ. ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ އެ ތާރީޚު ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހަށް ފަސްކުރައްވައިފައެވެ. އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައްވެސް އެ ތާރީޚުގެ ކުރިން އެ ޤައުމުން ފައިބާނެކަމަށްވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މެއި މަހުގެ 1ވަނަ ދުވަހުގެ ކުރިން ބޭރުގެ ސިފައިން އަފްޣާނިސްތާނުން ފައިބަން ޖެހޭނެކަމަށް ޠާލިބާނުންވަނީ ބުނެފައެވެ. އަދި ބޭރުގެ ސިފައިން އެ ޤައުމުން ފޭބުން ލަސްކުރަމުންދާކަމަށް ބުނެ އެ ޖަމާޢަތުގެ ޙަމަލާތައްވަނީ ވަރުގަދަކޮށްފައެވެ.