ޚަބަރު

އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމުގެ މަޝްވަރާތައް އަވަސްކުރަންޖެހޭ: ވިލާތުގެ އިއްތިޙާދު


އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް ވަޤުތު ކުޑަތަންވަމުންދާކަމަށާއި މަޝްވަރާތައް ކާމިޔާބުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ ވިލާތުގެ އިއްތިޙާދުގެ ޚާއްޞަ މަންދޫބު ތޮމަސް ނިކްލަސޮން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަރުކާރުންވަނީ ޠާލިބާނުންނާއެކު ޞުލްޙައިގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން މެއި މަހުގެ 1ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ފައުޖުތައް ބާލަންޖެހެއެވެ. ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ އެ ތާރީޚު ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހަށް ފަސްކުރައްވައިފައެވެ. އެ ނިންމުމުގެ ސަބަބުން ޠާލިބާން ޖަމާޢަތުންވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އަދި އޭގެ ސަބަބުން މިދިޔަ ސެޕުޓެންބަރު މަހުން ފެށިގެން ކުރަމުންދާ ޞުލްޙައިގެ މަޝްވަރާތައްވަނީ އޭޕުރިލް މަހުގެ ތެރޭގައި މެދުކަނޑާލައިފައެވެ. ނަމަވެސް ފާއިތުވި ދެ ހަފުތާގެ ތެރޭގައި މަޝްވަރާތަކުގެ ބައިވެރިންވަނީ ޤަޠަރުގެ ދައުޙާގައި އަނެއްކާވެސް ބައްދަލުކޮށްފައެވެ.

އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ ވިލާތުގެ އިއްތިޙާދުގެ ޚާއްޞަ މަންދޫބު ނިކްލަސޮން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ޞުލްޙައިގެ މަޝްވަރާތަކުގައި ބޮޑު ކުރިއެރުންތަކެއް ލިބިފައިނުވާކަމަށެވެ. އެހެންކަމުން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. މަޝްވަރާތަކުގައި ޙަޤީޤީ ކުރިއެރުންތަކެއް ހޯދުމަށް ދެ ފަރާތުންވެސް ރަނގަޅު ހުށަހެޅުންތަކެއް ހުށަހަޅަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ އެއްވެސް ހުށަހެޅުންތަކެއް ޠާލިބާނުންގެ ފަރާތުން މިހާތަނަށް ހުށަހަޅާފައިނުވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ. ޠާލިބާނުންގެ ހުށަހެޅުންތަކަށް އިތުރު ބަދަލުތަކެއް ގެނައުމަށް އެ ޖަމާޢަތުން ބޭނުންނުވި ނަމަވެސް މަޝްވަރާތަކަށް އެ ހުށަހެޅުންތައް މުހިންމުވާނެކަމަށް ނިކްލަސޮން ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ދެ ފަރާތުން ދޫދޭންޖެހެނީ ކޮން ދާއިރާތަކަކުންކަން ދެނެގަނެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޠާލިބާނުން ބުނެފައިވަނީ އެ ޖަމާޢަތުން ބޭނުންވާ ގޮތް ޢާންމުކުރަން އަދި ބޭނުން ނުވާކަމަށެވެ.

ޠާލިބާނުންނާއެކު ގާތް ގުޅުމެއް ބާއްވާ ޕާކިސްތާނުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ނިކްލަސޮން ވިދާޅުވީ އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަކީ ޕާކިސްތާނުގެ މަސްލަޙަތަށްވެސް ރަނގަޅު ގޮތްކަމަށް އެ ޤައުމުގެ ސަރުކާރުން ދެކޭކަމަށް އޭނާ ޤަބޫލުކުރައްވައިކަމަށެވެ. އެހެންކަމުން އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް ޠާލިބާނުންނަށް ހިތްވަރު ދިނުމަށް ކުރެވެންހުރިކަމެއް ކޮށްދިނުމަށް އޭނާވަނީ އެދިވަޑައިގެންފައެވެ.

ޕާކިސްތާނުން މީގެ ކުރިން ބުނެފައިވަނީ އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް އެ ޤައުމުން ފުރިހަމައަށް ތާއީދުކުރާކަމަށެވެ. ނަމަވެސް ޞުލްޙައިގެ މަޝްވަރާތަކުން ކުރިއެރުން ނުލިބިއްޖެނަމަ ޕާކިސްތާނަށް އޭގެ އަސަރުކުރަން ބޭނުންނުވާކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.