ޚަބަރު

ވެކްސިން ޖަހާފައިވާ މީހަކަށްވެސް ބަލިޖެހިދާނެ، މާސްކު އެޅުން މުހިންމު: ބަރަތު ބަޔޮޓެކު


ކޯވިޑް-19 ވެކްސިން ޖަހާފައިވާ މީހަކަށްވެސް ބަލިޖެހިދާނެކަމަށާއި ވެކްސިން ޖެހުމަށްފަހުވެސް މާސްކު އެޅުން މުހިންމުކަމަށް ބޭހާއި ވެކްސިން އުފައްދާ އިންޑިޔާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ބަރަތު ބަޔޮޓެކުން ބުނެފިއެވެ.

ކޯވިޑް-19އާ ދެކޮޅަށް ބޭނުންކުރުމަށް އިންޑިޔާއިން ތައްޔާރުކޮށްފައިވާ ކޮވެކްސިން އުފައްދާ ކުންފުނިކަމަށްވާ ބަރަތު ބަޔޮޓެކުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ޑރ ކުރިޝްނާ އެއްލާ ވިދާޅުވީ ވެކްސިނުން ރައްކާތެރިކޮށްދެނީ އިންސާނާގެ ފުއްޕާމޭގެ ތިރީބައި އެކަނިކަމަށެވެ. އަދި ފުއްޕާމޭގެ މަތީބަޔަށް ވެކްސިންގެ ސަބަބުން ރައްކާތެރިކަން ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި ނަމަވެސް ބަލިޖެހުމުގެ ފުރުޞަތު އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ވެކްސިން ޖެހުމަށްފަހުވެސް މާސްކު އެޅުމުގައި ދެމިތިބުމަކީ ވަރަށް މުހިންމުކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ވެކްސިން ޖަހާފައިވާ މީހަކަށް ބަލި ޖެހުނު ނަމަވެސް އެ މީހެއްގެ ޙާލު ގޯސްނުވާނެކަމަށާއި ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާނުވާނެކަމަށެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އިންޑިޔާގައި މިހާތަނަށް 15.9 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 184،672 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 315،728 މީހުންނަށް ބެލިޖެހިފައިވެއެވެ. އެއީ އެއް ދުވަހުގެ ތެރޭގައި އެއް ޤައުމެއްގައި މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ދުވަހެވެ. ބަލީގެ ސަބަބުން ޤައުމުގެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވެ އޮކްސިޖަނާއި ބޭހާއި ވެކްސިން ލިބުމުގައި އެ ޤައުމަށްވަނީ ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ.

މެއި މަހުގެ 1ވަނަ ދުވަހުން ފެށިގެން އިންޑިޔާގެ އުމުރުން 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ދޭންވަނީ ނިންމައިފައެވެ. ކުރިއަށްއޮތް މަހުގެ ތެރޭގައި ބަރަތު ބަޔޮޓެކުން ވެކްސިންގެ 30 މިލިއަން ޑޯޒު ތައްޔާރުކުރާނެއެވެ. އެ ކުންފުނިން އޭޕުރިލް މަހުގެ ތެރޭގައި ތައްޔާރުކުރާނީ 20 މިލިއަން ޑޯޒެވެ. އަދި މާރިޗު މަހުގެ ތެރޭގައި ތައްޔާރުކޮށްފައިވަނީ 15 މިލިއަން ޑޯޒެވެ. ބަރަތު ބަޔޮޓެކުން ބުނީ އަހަރެއްގެ ތެރޭގައި ވެކްސިންގެ 700 މިލިއަން ޑޯޒް ތައްޔާރުކުރުމުގެ ޤާބިލުކަން އެ ކުންފުންޏަށް މިހާރު ލިބިފައިވާކަމަށެވެ.