ޚަބަރު

ފިލިޕީންސާއި އިންޑިއާއަށް ސުގާ ވަޑާއިނުގަންނަވާނެ


ރަސްމީ ދަތުރުފުޅެއްގައި ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑެ ސުގާ އިންޑިޔާއަށާއި ފިލިޕީންސަށް ވަޑައިނުގަންނަވަން ނިންމަވައިފިއެވެ. އޭނާ އެގޮތަށް ނިންމެވީ އެ ޤައުމުތަކުގައި ކޯވިޑް-19ގެ ޙާލަތު ގޯސްވުމުންނެވެ.

މި ހަފުތާގެ ފަހުކޮޅު ޖަޕާނުގެ ވެރިރަށް ޓޮކްޔޯގައި އެ ޤައުމާއި އިންޑިޔާގެ ޚާރިޖީ ވަޒީރުންނާއި ދިފާޢީ ވަޒީރުންގެ މެދުގައި ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ނަމަވެސް އެ ބައްދަލުވުންތައްވެސް ނުބޭއްވުމަށް މިހާރުވަނީ ނިންމައިފައެވެ. އެ ބައްދަލުވުންތައްވެސް ނުބާއްވަން ނިންމީ ކޯވިޑް-19ގެ ސަބަބުން އިންޑިޔާއާއި ޖަޕާނުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވުމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި ރެކޯދު ޢަދަދެއްގެ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އިންޑިޔާގެ އިތުރުން ޖަޕާނުގައި ބަލިފެތުރޭ މިންވަރު އިތުރުވެ އެ ޤައުމުގެ ޙާލަތުވެސްވަނީ ގޯސްވެފައެވެ.

ޖަޕާނުގެ ބޮޑުވަޒީރު އިންޑިޔާއަށް ކުރެއްވުމަށް ތައްޔާރުވަމުންދިޔަ ދަތުރުފުޅު ދެ ޤައުމުންކުރެ އެއްވެސް ޤައުމަކުން ރަސްމީކޮށް އިޢުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ދަތުރުގެ މަޢުލޫމާތު އެނގޭ ފަރާތްތަކުން ބުނީ އޭޕުރިލް މަހުގެ ފަހުކޮޅު ނުވަތަ މެއި މަހުގެ ކުރީކޮޅު ނިޔު ދިއްލީއަށް ދަތުރެއް ކުރެއްވުމަށް ސުގާ ތައްޔާރުވެވަޑައިގަންނަވަމުންދިޔަ ކަމަށެވެ. އެ ދަތުރުފުޅުގެ ބޭނުމަކީ އިންޑިޔާއާއި ޖަޕާނާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، ޗައިނާއިން އެ ޤައުމުގެ ނުފޫޒު އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި އިންޑޯ-ޕެސިފިކް ސަރަޙައްދުގައި އިންޑިޔާއާއި ޖަޕާނުން ކުރާ މަސައްކަތްތައް އިތުރުކުރުމަށް މަޝްވަރާކުރުމެވެ.

އިންޑިޔާއަށް ވަޑައިނުގަތުމަށް ސުގާ ނިންމަވާފައިވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވެސް އިންޑިޔާއަށް ވަޑައިނުގަތުމަށް ނިންމަވާފައިވަނިކޮށެވެ. އޭގެ ބަދަލުގައި ޖޮންސަނާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަޝްވަރާތައް ބާއްވާނީ އިންޓަނެޓު މެދުވެރިކޮށެވެ. އިންޑިޔާގެ ނިޔު ދިއްލީއަށް ޖޮންސަން ވަޑައިގަންނަވަން ކުރިން ނިންމަވާފައިވަނީ އޭޕްރިލް މަހުގެ 25ވަނަ ދުވަހުއެވެ.

އޭގެ އިތުރުން އިންޑިޔާ-ޔޫރަޕިއަން ޔޫނިއަން ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އަންނަ މަހު ޕޯޗުގަލަށް ވަޑައިނުގަތުމަށްވެސް މޯދީވަނީ ނިންމަވައިފައެވެ. އެ ބައްދަލުވުންވެސް އިންޓަނެޓު މެދުވެރިކޮށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ޖަޕާނާއި އިންޑިޔާގެ ބޮޑުވަޒީރުންގެ މެދުގައި އިންޓަނެޓު މެދުވެރިކޮށް މަޝްވަރާކުރުމަށް މިހާތަނަށް ނިންމައިފައެއް ނުވެއެވެ.