ޚަބަރު

އަފްޣާނިސްތާނުގެ ޞުލްޙައިގެ މަޝްވަރާތައް ފަސްކޮށްފި


ތުރުކީވިލާތުގެ އިންތަންބޫލުގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ އަފްޣާނިސްތާނުގެ ޞުލްޙައިގެ މަޝްވަރާތައް ފަސްކޮށްފިއެވެ.

ތުރުކީވިލާތާއި ޤަތަރާއި އދން ގުޅިގެން އިންތިޒާމުކުރާ ޞުލްޙައިގެ މަޝްވަރާތައް ބޭއްވުމަށް ކުރިން ތާވަލުކޮށްފައިވަނީ އޭޕްރިލް މަހުގެ 24ވަނަ ދުވަހަށެވެ. ތުރުކީވިލާތުން ބުނީ މަޝްވަރާތައް ދެން ބާއްވާނީ ރަމަޟާން މަސް ނިމުމުންކަމަށެވެ.

އެމެރިކާގެ ސަރުކާރުންވެސް ތާޢީދުކުރާ މަޝްވަރާތައް ފަސްކޮށްފައިވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ފޭބުމަށް ނިންމި ތާރީޚާމެދު ޠާލިބާނުން ހިތްޖަމަނުޖެހި އެ ޖަމާޢަތުން މަޝްވަރާތަކުގައި ބައިވެރިވުމަށް ދެކޮޅު ހެދުމުންނެވެ. ނަމަވެސް ތުރުކީވިލާތުން ބުނީ މަޝްވަރާތައް ފަސްކުރީ އެ ބައްދަލުވުންތައް އިންތިޒާމުކުރުމުގައި ދިމާވި ބައެއް މައްސަލަތަކުގެ ސަބަބުންކަމަށެވެ. ރަމަޟާން މަހަށްފަހު މަޝްވަރާތަކުގައި ޠާލިބާނުން ބައިވެރިވާނެކަމުގެ ޔަޤީންކަމެއް ތުރުކީވިލާތުން ދީފައެއް ނުވެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަރުކާރުންވަނީ ޠާލިބާނުންނާއެކު ޞުލްޙައިގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އަންނަ މެއި މަހުގެ 1ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ފައުޖުތައް ބާލަންޖެހެއެވެ. މެއި މަހުގެ 1ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ފައުޖުތައް އަނބުރާ ގެންދަވާނެކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންވަނީ އިޢުލާނުކުރައްވައިފައެވެ. ނަމަވެސް ސިފައިން އަނބުރާ ގެންދާ ތާރީޚު ކުރިން އެއްބަސްވި ތާރީޚަށްވުރެ ލަސްކުރުމުން ޠާލިބާނުންވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.