ޚަބަރު

އިންޑިޔާގެ ހަސްފަތާލުތަކުން އޮކްސިޖަން ހުސްވެ، މަރުގެ ގިނަ ޙާދިޘާތަކެއް


ހަސްފަތާލުތަކަށް އޮކްސިޖަން ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެ އިންޑިޔާގެ މަހާރަޝްތުރާ ސްޓޭޓުގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ 22 މީހުން މަރުވެއްޖެއެވެ.

މަހާރަޝްރުތާގެ ނަޝިކް ޑިސްޓުރިކްޓުގައި ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދެމުންދާ ޒާކިރު ޙުސައިން ހޮސްޕިޓަލުގެ ބޭރުގައި އޮކްސިޖަން ޓޭންކެއް ލީކުވުމުން ބައި ގަޑިއިރަށް އޮކްސިޖަން ފޯރުކޮށްދިނުން މެދުކެނޑުނެވެ. އޭގެ ސަބަބުން ވެންޓިލޭޓަރުން ފަރުވާހޯދަމުންދިޔަ 22 މީހުންވަނީ މަރުވެފައެވެ. އޮކްސިޖަން ޓޭންކަށް ދިމާވި މައްސަލަތައް 15 މިނެޓުގެ ތެރޭގައި ޙައްލުކޮށް އެ ހަސްތަފާލުގައި ފަރުވާހޯދަމުންދިޔަ 150 ބަލިމީހުންނަށް އަލުން އޮކްސިޖަން ފޯރުކޮށްދީފައިވެއެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 15 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 182،570 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ދުވަސްތަކުގައި އިންޑިޔާގެ ޙާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެ ޤައުމުން ދުވާލެއްގެ މައްޗަށް 200،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވެއެވެ. އޭޕުރިލް މަހުގެ 20ވަނަ ދުވަހު އެކަނިވެސް އެ ޤައުމުގައި 295،041 މީހުންނަށް ބަލިޖެހި 2،023 މީހުންވަނީ މަރުވެފައެވެ.

އޮކްސިޖަން ފޯރުކޮށްދިނުމުގައި ދަތިތަކަކާ ކުރިމަތިލަނީ ޙާލަތު އެންމެ ގޯސްވެފައިވާ މަހާރަޝްތުރާ ސްޓޭޓުގައި އެކަންޏެއް ނޫނެވެ. އިންޑިޔާގެ ހަސްފަތާލުތަކަށް ބާރުބޮޑުވެ ބަލިމީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށްވެސްވަނީ ދަތިވެފައެވެ. އައިސީޔޫތައް ފުރި ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައްވަނީ މަދުވެފައެވެ. އިންޑިޔާގެ ވެރިރަށް ނިޔު ދިއްލީގެ ހަސްފަތާލުތަކުގައި އޮކްސިޖަން ލިބެންހުރީ 8 ގަޑިއިރާއި 24 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ފުދޭ މިންވަރަކަށެވެ. އޮކްސިޖަނަށް ބޭނުން ޖެހިފައިވާ މިންވަރު އިތުރުވުމުގެ ސަބަބުން އޮކްސިޖަން ފޯރުކޮށްދޭ ކުންފުނިތަކަށްވެސްވަނީ ބޭނުންވާ މިންވަރަށް އޮކްސިޖަން ބަންދުކުރުމުގައި ނުކުޅެދިފައެވެ. ނިޔު ދިއްލީގައި ހުރި 142 ހަސްފަތާލުގެ ތެރެއިން 80 ހަސްފަތާލުގެ ހުރިހާ އެނދެއްވަނީ ފުރިފައެވެ.

ޤައުމުގެ ޙާލަތާގުޅޭގޮތުން ޓީވީ މެދުވެރިކޮށް ދެއްވި ޙިޠާބެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ހަސްފަތާލުތަކުގައި ހުރި އެނދުގެ ޢަދަދާއި އޮކްސިޖަން ލިބެންހުރި މިންވަރާއި ބައްޔަށް ތަހުލީލުކުރާ މިންވަރާއި ވެކްސިން ދެމުންދާ މިންވަރު އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށެވެ. ނަމަވެސް އެ ޤައުމުގައި ބަލި ފެތުރެނީ ތޫފާނެއްފަދައިންކަމަށް ސިފަ ކުރައްވަމުން މޯދީ ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކަކީ އުނދަގޫ ދުވަސްތަކަކަށްވާނެކަމަށެވެ.