ޚަބަރު

އިންޑިޔާއަށް ކުރިމަތިވެފައިވަނީ ކޯވިޑް-19ގެ ތޫފާނެއް: މޯދީ


އިންޑިޔާއަށް ކުރިމަތިވެފައިވަނީ ކޯވިޑް-19ގެ ތޫފާނެއްކަމަށާއި އެކަމުގެ ސަބަބުން އިންޑިޔާގެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވެފައިވާކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 15 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 182،570 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ދުވަސްތަކުގައި އިންޑިޔާގެ ޙާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެ ޤައުމުން ދުވާލެއްގެ މައްޗަށް 200،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވެއެވެ. އޭޕުރިލް މަހުގެ 20ވަނަ ދުވަހު އެކަނިވެސް އެ ޤައުމުގައި 295،041 މީހުންނަށް ބަލިޖެހި 2،023 މީހުންވަނީ މަރުވެފައެވެ.

ހަސްފަތާލުތަކުގައި ހުރި އެނދުގެ ޢަދަދު އިތުރުކުރުމަށާއި އޮކްސިޖަނާއި ބޭސް މަދުނުވާ މިންވަރަށް ލިބޭނެކަން ޔަޤީންކުރުމަށް އިންޑިޔާގެ ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް މޯދީ ވިދާޅުވިއެވެ. ކޯވިޑް-19ގެ ދެވަނަ ރާޅަކާ އިންޑިޔާއިން ކުރިމަތިލާންޖެހިފައިވަނީ ކުއްލިއަކަށް އައި ތޫފާނެއްހެންކަމަށް މޯދީ ވިދާޅުވިއެވެ. ނުރައްކާތެރި ޙާލަތެއްގައި ޤައުމު އޮއްވައި ރައްޔިތުން ބޭރަށް ނުކުމެ ނޫޅުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރުމުގައި ދެމިތިބެ ހާސްނުވުމަށް މޯދީވަނީ ގޮވައިލައްވައިފައެވެ. އަދި އެ ޤައުމުގައި މަސައްކަތްކުރާ ހިޖުރަވެރިންނަށް ވަރަށް އަވަހަށް ވެކްސިން ދޭނެކަމުގެ ޔަޤީންކަންވެސް މޯދީވަނީ ދެއްވައިފައެވެ.

އިންޑީޔާގެ ޙާލަތު ގޯސްވުމުން އެ ޤައުމުގެ ބައެއް ސްޓޭޓުތައްވަނީ ފުރަބަންދުކޮށްފައެވެ. އެގޮތުން ވެރިކަންކުރާ ނިޔު ދިއްލީވެސްވަނީ ހަފުތާއެއްގެ މުއްދަތަށް ފުރަބަންދުކޮށްފައެވެ. މޯދީ ވިދާޅުވީ ޤައުމުގެ ޙާލަތު ގޯސްވި ނަމަވެސް ސްޓޭޓުތައް ފުރަބަންދުކުރަންވާނީ އެހެން ގޮތެއް ނެތުމުންކަމަށް ސަރަޙައްދީ ސަރުކާރުތަކުގައި ދަންނަވާފައިވާނެކަމަށެވެ. ފުރަބަންދަކަށް ނުގޮސް ޤައުމު ސަލާމަތްކުރަންޖެހޭނެކަމަށާއި ފުރަބަންދުކުރަންވާނީ ބަލި ބޮޑަށް ފެތުރެމުންދާ ކުދި ސަރަޙައްދުތައްކަމަށްވެސް މޯދީ ވިދާޅުވިއެވެ.