ޚަބަރު

އެމެރިކާގެ 51ވަނަ ސްޓޭޓުގެ ގޮތުގައި ވޮޝިންޓަން، ޑީސީ ކަނޑައަޅަނީ


ވޮޝިންޓަން، ޑީސީއަކީ އެމެރިކާގެ ސްޓޭޓެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ތާޢީދު ކުރައްވައިފިއެވެ.

އެމެރިކާގެ މައި ސަރުކާރު މަރުކަޒުވެފައި އޮންނަނީ ވޮޝިންޓަން، ޑީސީގައެވެ. އެމެރިކާގެ ޤާނޫނުގައި ބުނާގޮތުން އެމެރިކާގެ ވެރިރަށަކީ އެއްވެސް ސްޓޭޓެއްގެ ބައެއްކަމަށްވެގެން ނުވާނެއެވެ. 1700ގެ އަހަރުތަކުގައި ވޮޝިންޓަން، ޑީސީ އެކުލަވާލުމަށް ވާޖީނިޔާ ސްޓޭޓާއި މެރީލެންޑު ސްޓޭޓުންވަނީ ބިން ހަދިޔާކޮށްފައެވެ. ޤާނޫނުގައި ބުނާ ގޮތަށް އެ ސަރަޙައްދަކީ އެއްވެސް ސްޓޭޓަކަށް ނިޞްބަތްވާ ސަރަޙައްދެއް ނޫނެވެ. އެހެންކަމުން ޤާނޫނުހަދާ މަޖިލީހުގެ މަތިގޭގައި އެ ސަރަޙައްދު ތަމްޞީލުކުރާ އެއްވެސް މެންބަރަކު ނުތިބޭނެއެވެ. ނަމަވެސް ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގައި ވޮޝިންޓަން ޑީސީ ތަމްޞީލުކުރާ އެއް މެންބަރު އިންނަވައެވެ. ނަމަވެސް އެ މެންބަރަށް ލިބިފައިވާ ވޯޓުލުމުގެ ހައްޤުތައް އެހެން މެންބަރުންނަށްވުރެ ހަންޏެވެ.

އެމެރިކާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެ ޤައުމުގެ 51ވަނަ ސްޓޭޓުގެ ގޮތުގައި ވޮޝިންޓަން، ޑީސީ ކަނޑައަޅައި އެ ސްޓޭޓަށް ޑަގުލަސް ކޮމަންވެލްތުގެ ނަން ދިނުމަށް ޑިކޮމުރަޓިކު ޕާޓީން ހުށަހަޅާފައިވާ ޤަރާރަސް ބައިޑަންގެ ސަރުކާރުން ތާޢީދުކުރާކަމަށެވެ. އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގައި ވޮޝިންޓަން ޑީސީގެ 700،000އަށްވުރެ ގިނަ މީހުން ފުރިހަމައަށް ތަމްޞީލު ނުކުރެވޭކަމަށާއި އެ ޙާލަތުގައި އެހެން ސްޓޭޓުތަކުގެ ރައްޔިތުންނެކޭ އެއްގޮތަށް ވޮޝިންޓަނުގައި ދިރިއުޅޭ ރައްޔިތުންގެ އަތުން ޓެކުސް ނެގުމަކީ އެމެރިކާގެ ދީމިޤުރާޠީ ހަމަތަކާ އުޞޫލުތަކަށް ފުށުއަރައިކަމެއްކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.

އެމެރިކާގެ ވެރިރަށަކީ އެއްވެސް ސްޓޭޓަކަށް ނިޞްބަތްނުވާ ސަރަޙައްދަކަށް ވާންޖެހޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާތީ ސަރުކާރު ހިންގުމަށް ޚާއްޞަ ކުޑަ ސަރަޙައްދެއް ކަނޑައެޅުމަށްވަނީ ހުށަހަޅައިފައެވެ. ބާކީ އޮތް ސަރަޙައްދު ސްޓޭޓެއްގެ ގޮތުގައި ކަނޑައެޅުން ވެގެންދާނީ 1958ވަނަ އަހަރުގެ ފަހުން ޤާނޫނުހަދާ މަޖިލީހަށް މެންބަރުން އިތުރުކުރާ ފުރަތަމަ ފަހަރަށެވެ. ވޮޝިންޓަން ޑީސީއަކީ ސްޓޭޓެއްގެ ގޮތުގައި ކަނޑައެޅުމުން އެ ސްޓޭޓު ތަމްޞީލުކުރާ ދެ މެންބަރުން ޤާނޫނުހަދާ މަޖިލީހުގެ މަތިގެއަށް އިތުރުވާނެއެވެ. އަދި ޤަނޫނުހަދާ މަޖިލީހުގެ ތިރިގެއަށް އިތުރު މެންބަރަކު އިތުރުވާނެއެވެ. އެ ހުރިހާ މެންބަރުންނަކީވެސް ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ބޭފުޅުންނަށްވާނެކަމަށް ބެލެވެއެވެ.