ޚަބަރު

ޠާލިބާނުންނަށް އިތުބާރެއް ނުކުރެވޭ: އެމެރިކާ


އަފްޣާނިސްތާނުގެ މައްސަލައިގައި ޠާލިބާން ޖަމާޢަތަށް ފުރިހަމައަށް އިތުބާރު ނުކުރެވޭކަމަށް އެމެރިކާގެ އަސްކަރިއްޔާގެ އިސްވެރިޔަކު ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ ތުރުކީވިލާތުގައި ބާއްވައި އަފްޣާނިސްތާނުގެ ޞުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިނުވާނެކަމަށް ޠާލިބާނުން ބުނެފައިވަނިކޮށެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަރުކާރުންވަނީ ޠާލިބާނުންނާއެކު ޞުލްޙައިގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އަންނަ މެއި މަހުގެ 1ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން ބާލަން ޖެހެއެވެ. މެއި މަހުގެ 1ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ގެންދަވާނެކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންވަނީ އިޢުލާނުކުރައްވައިފިއެވެ. ނަމަވެސް ސިފައިން އަނބުރާ ގެންދާ ތާރީޚު ކުރިން އެއްބަސްވި ތާރީޚަށްވުރެ ލަސްވާތީ ޠާލިބާނުންވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

އެމެރިކާގެ ސެންޓުރަލް ކޮމާންޑުގެ އިސްވެރިޔާ ޖެނެރަލް ކެނެތު މެކެންޒީ ވިދާޅުވީ އެމެރިކާއާއި އަފްޣާނިސްތާނުގެ ސަރުކާރާއެކު މަޝްވަރާތައްކުރުމުގައި ޠާލިބާނުންގެ އެއްބާރުލުން ލިބޭނެކަމާމެދު ޝައްކުތަކެއް ހުރިކަމަށެވެ. އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފޭބުމުން އެއްބަސްވުމާ އެއްގޮތަށް ޠާލިބާނުން ޢަމަލުކުރާނެކަމުގެ ޔަޤީންކަމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެމެރިކާއިން ފޭބުމަށް ތައްޔާރުވަމުންދިޔަ ނަމަވެސް އަވަށްޓެރި ޤައުމެއްގައި އެމެރިކާގެ ސިފައިން މަރުކަޒުކުރުމާގުޅޭ އެއްބަސްވުމެއް ޤާއިމުނުކުރެވޭކަމަށާއި ކުރިއަށް އޮތް ތަނުގައި އަލްޤައިދާ ނުވަތަ އައިއެސްފަދަ ޖަމާޢަތްތަކުގެ ފަރާތުން އަފްޣާނިސްތާނަށް ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެ އެކަމާ ދެކޮޅަށް ޢަމަލުކުރާނެ ނިޒާމެއް އެމެރިކާއިން މިހާތަނަށް ޤާއިމުކޮށްފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އެމެރިކާގެ އެންބަސީގައި ތިބޭ ސަލާމަތީ މުވައްޒަފުންނާބެހޭ ސިޔާސަތުތައް އެކުލަވާލުމަށް ޚާރިޖީ އެއްބަސްވުމެއް އެކުލަވާކުމުގެ މަސައްކަތްވެސް ނުފޮނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޖެނެރަލް މެކެންޒީ ވިދާޅުވީ އަފްޣާނިސްތާނަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގެންފައިވާ ޤައުމަކަށް ހެދުމަށް ބޭނުންވާނަމަ ޠާލިބާނުން ސޮއިކޮށްފައިވާ އެއްބަސްވުންތަކާ އެއްގޮތަށް އެ ޖަމާޢަތުން ޢަމަލުކުރަންޖެހޭނެކަމަށެވެ. އެމެރިކާގެ ސިފައިން ޞުލްހަވެރިކަމާއެކު އަފްޣަނިސްތާނު ދޫކޮށް ދިޔުމުގެ ފުރުޞަތު ޠާލިބާނުން ދޭނެކަމެއް ސާފެއްނުވެއެވެ. މެއި މަހަށްފަހު އެމެރިކާގެ ސިފައިންނަށް ޠާލިބާނުން ޙަމަލާ ދިނުން މަނާކުރާ އެއްބަސްވުމެއް ނެތްކަން ފާހަގަކުރައްވަމުން މެކެންޒީ ވިދާޅުވީ ޠާލިބާނުން ޙަމަލާ ދީފާނެކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރަށް އޮތްކަމަށެވެ.