ޚަބަރު

މަޝްވަރާތަކުގައި މިޔަންމާގެ ގުޅިފައިވާ ސަރުކާރު ބައިވެރިކުރުމަށް ގޮވާލައިފި


މިޔަންމާގެ އަސްކަރިއްޔާއިން ކުރި ބަޣާވާތާ ގުޅިގެން އެ ޤައުމުގައި އުފެދިފައިވާ ހަމަނުޖެހުންތައް ޙައްލުކުރުމަށް އަވަށްޓެރި ޤައުމުތަކުން އެހީތެރިވާން ބޭނުންނަމަ މިޔަންމާގެ ގުޅިފައިވާ ސަރުކާރާ މަޝްވަރާކުރުމަށް އެދެފިއެވެ.

މިޔަންމާގެ އިސްވެރިޔާ އަން ސަން ސޫ ކީގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބަޣާވާތް ކުރުމަށްފަހު ސޫ ކީއާއި އެނާގެ ސަރުކާރަށް ނިޞްބަތްވާ އިސްވެރިން ހައްޔަރު ކުރީ ފެބުރުއަރީ މަހުގެ 1ވަނަ ދުވަހުއެވެ. އެއަށްފަހު އަސްކަރިއްޔާއިންވަނީ އެ ޤައުމުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. އަސްކަރިއްޔާއިން ކުރި ބަޣާވާތް ނިމުމަކަށް ގެނެސް ސޫ ކީ މިނިވަންކުރުމަށް ގޮވާލައި މިޔަންމާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ މަގުމައްޗަށް ނުކުމެ މުޒާހަރާކުރަމުންނެވެ. މުޒާހަރާތަކުގައި ގިނަ ޢަދަދެއްގެ މީހުންވަނީ މަރުވެފައެވެ.

އެސޯސިއޭޝަން އޮފް ސައުތު އީސްޓު އޭޝިޔަން ނޭޝަންސް، އާސިޔާނުގައި ހިމެނޭ 10 ޤައުމުން ދަނީ މިޔަންމާއަށް ކުރިމަތިވެފައިވާ ސިޔާސީ ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތަކަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް ހަމަޖެހުން ޤާއިމުކުރުމަށް އަވަށްޓެރި ޤައުމުތަކާ މަޝްވަރާކުރުމަށް މިޔަންމާގެ އަސްކަރިއްޔާގެ ޝައުޤުވެރިކަމެއް ނެތެވެ. އަދި އެ ޤައުމުގެ ކުރީގެ ސަރުކާރާއެކު ވާހަކަދެއްކުމަށްވެސް އަސްކަރިއްޔާއިން ބޭނުމެއް ނުވެއެވެ.

އޭޕުރިލް މަހުގެ 24ވަނަ ދުވަހު އިންޑޮނޭޝިޔާގައި ބާއްވާ އާސިޔާނުގެ ބައްދަލުވުމުގައި އަސްކަރިއްޔާގެ އިސްވެރިޔާ މިން އައުން ލައިންގު ބައިވެރިވާނެކަމަށް ތައިލެންޑުގެ ސަރުކާރުންވަނީ ބުނެފައެވެ. އެއީ މިޔަންމާގެ ސަރުކާރު ވައްޓާލިފަހުން އެހެން ޤައުމުތަކުގެ އިސްވެރިންނާ މިޔަންމާގެ އަސްކަރިއްޔާއިން ބައްދަލުކުރާނެ އަދި ބަޣާވާތުގެ އިސްވެރިން އެހެން ޤައުމަކަށް ދަތުރުކުރާނެ ފުރަތަމަ ފަހަރެވެ.

މިޔަންމާގައި ދީމިޤްރާޠީ ހަމަތައް ޤާއިމުކުރުމަށް ވަކާލާތުކުރާ ސިޔާސީވެރިންނާއި ޤާނޫނުހަދާ މަޖިލީހުގެ ކުރީގެ މެންބަރުން މިދިޔަ ހަފުތާގައި އުފެއްދި ގުޅިފައިވާ ސަރުކާރުންވަނީ އާސިޔާނުން މިޔަންމާގެ އަސްކަރިއްޔާ ބަލައިގަނެގެން ނުވާނެކަމަށް ބުނެފައެވެ. މިޔަންމާގެ އާންމުންގެ ތަޢީދު ލިބިފައިވާ ގުޅިފައިވާ ސަރުކާރާ މަޝްވަރާކޮށްގެން ނޫނީ ކާމިޔާބެއް ނުލިބޭނެކަމަށްވެސް އެ ޤައުމުގެ ގުޅިފައިވާ ސަރުކާރުން ބުނެއެވެ. އަދި އަސްކަރީވެރިންނާ ބައްދަލުކުރުމުގެ ބަދަލުގައި ގުޅިފައިވާ ސަރުކާރުގެ އިސްވެރިންނާ އާސިޔާނުން ބައްދަލުކުރުމަށްވެސްވަނީ ގޮވާލައިފައެވެ.