ޚަބަރު

ކުރީގެ ބޮޑުވަޒީރު ކެމަރަންގެ މައްސަލަތަކެއް ތަޙުޤީޤުކުރަނީ


އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑު ކެމެރަންގެ މައްސަލަތަކެއް ތަޙުޤީޤުކުރަން ފަށައިފިއެވެ.

2010ވަނަ އަހަރުން 2016ވަނަ އަހަރާހަމައަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަޤާމުގައި ކެމެރަން ހުންނަވައި ސަރުކާރުގެ މުޝީރެއްގެ ގޮތުގައި ބެންކުގެ ދާޢިރާގައި މަސައްކަތްކުރާ އޮސްޓުރޭލިޔާއަށް ނިޞްބަތްވާ ލެކުސް ގުރީންސިލްވަނީ ޢައްޔަނުކޮށްފައެވެ. ބޮޑުވަޒީރުގެ ދަޢުރު ކެމެރަން ފުރިހަމަ ކުރެއްވުމަށްފަހު މިހާރު ބަނގުރޫޓުވެފައިވާ ގުރީންސިލް ކެޕިޓަލުގެ މުޝީރެއްގެ ގޮތުގައި ކެމެރަންވަނީ މަސައްކަތްކުރައްވައިފައެވެ.

ގުރީންސިލުގެ ބައެއް ކަންކަމުގައި އިނގިރޭސިވިލާތުގެ ބައެއް ވަޒީރުންނާ ކެމެރަން މުއާމަލާތް ކުރައްވާފައިވާކަމަށްވަނީ ތުހުމަތުކުރެވިފައެވެ. އެގޮތުން މާލީ ވަޒީރު ރިޝީ ސުނަކަށް މެސެޖު ފޮނުއްވުމާއި ޞިއްޙަތާބެހޭ ވަޒީރު މެޓު ހެންކޮކާއި ގުރީންސިލާއި ދެމެދު ނުރަސްމީ ބައްދަލުވުންތަކެއް ހަމަޖައްސަވާދެއްވާފައިވާކަމަށްވަނީ ތުހުމަތުކުރެވިފައެވެ.

އިނގިރޭސިވިލާތުގެ ޓުރެޜަރީ ޑިޕާޓުމަންޓުން ބުނާގޮތުގައި މާލީ ވަޒީރާއި އެ ޑިޕާޓުމަންޓުގެ އެހެން ދެ ވަޒީރަކަށް ކެމެރަން ގުޅުއްވައި ކޯވިޑް-19ގެ ޙާލަތުގައި ދޫކުރާ ލޯނު ގުރީންސިލަށް ލިބޭނެތޯވަނީ އައްސަވާފައެވެ. އެ މައްސަލަ ރަނގަޅަށް ތަހުޤީޤުކުރުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ ވަޒީރުންގެ މަޖިލީހުންވަނީ ޚާއްޞަ ކޮމިޝަނަކާ ޙަވާލުކޮށްފައެވެ. ގުރީންސިލުގެ މައްސަލަ ބެލުމުގެ އިތުރުން ކުންފުނިތަކުން ސަރުކާރާ މުޢާމަލާތް ކުރާ ގޮތްވެސް އެ ތަހުޤީޤުގައި ބަލާނެއެވެ. އެ މައްސަލައަށް އޮތް ސަމާލުކަން މިހާރުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަނަށް އެނގިވަޑައިގަންނަވާކަމަށާއި އެ މައްސަލަ ބެއްލެވުމަށް އޭނާ ބޭނުންފުޅުވާކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެއެވެ.

އެ މައްސަލައާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ކެމެރަންވަނީ އެފަދަ މުޢާމަލާތްތަކެއް ހިންގަވާފައިވާކަމަށް އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް އޭނާ އެއްވެސް ޤާނޫނަކާއި ޤަވާއިދަކަށް ޚިލާފުވެފައިނުވާނެކަމަށް ވިދާޅުވިއެވެ.