ޚަބަރު

ރަމަޟާން މަހުގެ ދަރުމައާއި ޘަވާބު ލިބިގަތުމަށް އަވަސްވެގަންނާށެވެ!


ބަރަކާތްތެރި ރަމަޟާން މަހަކީ ދިވެހިން ވަރަށްބޮޑު ސަމާލުކަމެއް ދޭ މައްސަރެކެވެ. މިމައްސަރަށް ދިވެހިން ވަރަށް ބޮޑަށް ތައްޔާރުވަމުން ދެއެވެ. ގޯތިގެދޮރު ސާފުކުރުމާއި، ކުލަލައި ޒީނަތްތެރިކުރުން ފަދަ ކަންތައްތައް ކުރެއެވެ.

ގޭތެރެއާއިޚާއްސަކޮށް ބަދިގެއަށް ބޭނުންވާ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނު އައުކޮށް ހަދައެވެ. އެބައެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން ރޯދަމަހަށް ތައްޔާރުވަނީ، ހަމަޖެހިލައިގެން ތިބެ ރޯދަ ހިފުމުގެ މަތިވެރި ނިޔަތުގައެވެ.

ހެޔޮލަފާ އަޅުވެރިން ރަޙްމަތުން ފުރިގެންވާ މިމައްސަރާ ބައްދަލުކުރީ، ރަމަޟާން މަހަށް ތައްޔާރުވުމަށް ސުންނަތް ރޯދަ ހިފައި، ރޯދައަށްޓަކައި ހަށިގަނޑު ހާނުވައި މި މާތް މައްސަރުގެ ޘަވާބައި ދަރުމައަށް އެދޭ ޙާލުގައެވެ. ރޯދައިގެ އަޅުކަމަށް ފުރިހަމައަށް ތައްޔާރުވުމަށްޓަކައި މާއްދީ ކަންތައްތައް އެއްފަރާތްކޮށް، ރޫޙާނީ ގޮތުން ހިތްތައް އާރޯކުރަމުންނެވެ. ނަފްސު ހިސާބުކޮށް، ހެޔޮ މަގުގައި ކުރިއަށް ދިޔުމަށް އަޒުމު ކަނޑައަޅަމުންނެވެ. އީމާންތެރިކަމުގެ މަތިވެރިކަމުން ދިރިއުޅުމުގެ ކޮންމެ ކަމެއްގައިމެ ރިވެތި އަޚްލާޤް އަށަގަންނަވަމުންނެވެ.

ކޯވިޑް-19ގެ ސަބަބުން ދިވެހީންގެ ސާދާ ދިރިއުޅުމަށް ބަނަ ވިލާގަނޑެއްގެ އަސަރު މިވަނީ ފޯރާފައެވެ. އަޚްވަންތަ ކަމުގެ ގުޅުމުގެ ތެރެއިން އެކަކު އަނެކަކާ ބައްދަލުވުމުގެ ފުރުޞަތު ވަނީ ހަނިވެފައެވެ. މިފަދަ ބައްޔެއް ފެތުރެމުންދާ ދަނޑިވަޅެއްގައި، އަތާ އަތްޖޯޑުކޮށް ސަލާމްކުރުން ރަގަޅު ނޫންކަމަށް، ކަމުގެ މާހިރުން އެދަނީ ފާހަގަ ކުރައްވަމުންނެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިކަމުން މިންޖުވެވެން އޮތް ހުރިހާ ސަބަބުތަކެއްގައި އަޅުގަނޑުމެން ހިފަންޖެހޭނެކަމެވެ. ވެކްސިންޖެހުމާއި، ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުން ފަދަ ކަންކަމަށް ސަމާލުކަން ދިނުން މުހިއްމެވެ.

ކޯވިޑް-19އާ ގުޅިގެން ވޭތިވެދިޔަ އަހަރު ރާއްޖޭގެ މިސްކިތްތައް ބަންދުކޮށް ޖަމާޢަތުގައި ނަމާދު ކުރުމުގެ ފުރުޞަތު ނުލިބުނު ނަމަވެސް، މާތް ﷲގެ ހެޔޮ ރަޙްމަތްފުޅުން، މި ބަލިން އަރައިގަތުމުގެ އުއްމީދާއެކު، މިއަހަރުގެ ރަމަޟާން މަސް މި ބައްދަލުކުރަނީ މިސްކިތްތައް ހުޅުވި، އަޅުކަމުގެ ފޯވައްސަށް ފުރުޞަތުތައް ތަނަވަސްވެފައިވާ ޙާލަތުގައެވެ. ނަމަވެސް ކޯވިޑް-19 މުޅިން ކޮންޓްރޯލް ކުރެވިފައި ނުވާތީ، އަޅުކަންތައް އަދާކުރުމުގައި މިބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަކީ މުހިންމު ކަމެކެވެ.

ކީރިތި މާތް ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގާ ވެއެވެ. "ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުތައް ހުޅުއްވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރައްވެއެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުއްވެއެވެ." މިފަދަ އުފާވެރިކަމުގެ އުއްމީދީ ޚަބަރުތަކުން އަޅުގަނޑުމެންގެ ނަފްސަށް ދިރުން ގެނުވައެވެ.

އެހެންކަމުން، މިބަރަކާތްތެރި މައްސަރަށް އަޅުގަނޑުމެންގެ ނަފުސު ހޭލަންޖެހެއެވެ. ގަވާއިދުން ފަރުޟު ނަމާދުތައް ޤާއިމުކުރުމަށް ސަމާލުކަންދޭންޖެހެއެވެ. ސުންނަތް ނަމާދުތައް ކުރުން ގިނަ ކުރަންޖެހެއެވެ. ތަރާވީޙް ނަމާދު ކުރުމަށް އިސްކަންދޭން ޖެހެއެވެ. ރޭ އަޅުކަމުން ލިބޭ ޘަވާބުގެ މަތިވެރިކަން ހިތަށް ގެނެސް، ރޭ އަޅުކަމުގައި މަސްއޫލްވާންޖެހެއެވެ. ދުވަހުގެ ތާވަލުގައި ހިމަނައި ޤުރުއާން ކިޔެވުމުގައި ވަގުތުތައް ހޭދަކުރަންޖެހެއެވެ.

އެދުވަހެއްގައި ކިޔެވުމަށް ހަމަޖެހިފައިވާ މިންވަރު ދުވަހުގެ އެކި ގަޑިތަކަށް ބަހާލެވިދާނެއެވެ. އެގޮތުން ކޮންމެ ނަމާދެއްގެ ކުރިން އަދި ފަހުން 2 ޞަފްޙާ ކިޔަވާނަމަ، ރަމަޟާން މަސް ނިމެންވާއިރަށް މާތް ﷲގެ އިރާދަފުޅާއެކު ޚަތިމެއް ކުރުމަށް މަގު ތަނަވަސް ވާނެއެވެ. މާތް ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިންކަން ބޮޑު ޢަމަލަކީ ކިތަންމެ މަދުންވިޔަސް ދާއިމީ ގޮތެއްގައި ކުރެވޭ ޢަމަލުކަން ސުންނަތުން އެނގެން އޮވެއެވެ. ރަމަޟާން މަހުގައި ޞަދަޤާތް ކުރުމަކީވެސް ގިނަގުނަ ޘަވާބާއި ދަރުމަ ލިބިގެންދާނެކަމެކެވެ. ޞަދަޤާތްކުރުމަށްޓަކައި ވަކި މިންވަރެއް ރައްކާކޮށް، ﷲގެ މަގުގައި ހޭދަކުރާށެވެ. ލިބޭ މިންވަރަކުން ދާއިމީ ގޮތެއްގައި ހޭދަކުރެވޭތޯ ބަލާށެވެ.

ރޯދަމަހުގެ ވަގުތުތައް ބަހާލައި، ހެނދުނާއި ހަވީރުގެ ޒިކުރުތައް އަދި އެހެނިހެން ޒިކުރުތަކާއި ދުޢާތައް ކިޔުމުގައި ދެމިހުރުމަށް ޢަޒުމް ކަނޑައަޅާށެވެ. މިކަމަށް ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއް ބޭނުންކުރެވިދާނެއެވެ. ހަމައެހެންމެ، ރަމަޟާން މަހުގެ ބަރަކާތް ޙާޞިލުކުރުމުގެ ގޮތުން، ތަފާތު މަޢުލޫމާތުތައް ހޯދައި ދިރާސާކުރުމަށް ރަމަޟާން މަހާ ގުޅޭ ފޮތްތަކާއި ލިޔުންތައް ކިޔައިހެދުމުން އޭގެ ފައިދާ ކުރާނެއެވެ. ރަމަޟާން މަހާ ގުޅޭ ދަރުސްތައް އަޑުއަހައި އެއަށް ފިކުރު ހިންގުމަކީވެސް ނުހަނު ބޭނުންތެރިކަމެކެވެ.

މި ނޫނަސް ރަގަޅު އާދަތަކަށް ތިމާގެ ނަފްސު ހޭނުވުމަށް ސަމާލުކަން ދިނުން މުހިއްމެވެ. ގޯސް އާދަތަކުން ދުރުވުމަށް މިހާރުއްސުރެ މަސައްކަތް ކުރާށެވެ. ބޭކާރު ގޮތުގައި މީސް މީޑީއާގައި ވަގުތަށް ހޭދަކުރުމާ ދުރުހެލިވާށެވެ. ގޭތެރޭގައި އެކަކުއަނެކަކަށް އެހީތެރިވުމާއެކު، ގޭތެރެ ސާފުކޮށް ތަރުތީބުކުރާށެވެ. ރަމަޟާން މަހުގައި ބަރުހެލިވެ ލޮޑުވެ، އަޅުކަންތަކަށް ބުރޫ ނާރާނެފަދަ ގޮތަކަށް ކެއުމުގެ ކަންކަން ބައްޓަންކުރާށެވެ. ކާމިންވަރު ކޮންޓްރޯލްކުރުމަށް މިހާރުއްސުރެ މަސައްކަތް ކުރާށެވެ.

ރޯދަ ހިފުމަކީ ކެތްތެރިކަން އަށަގެންނެވުމަށް ބާރު އަޅާ އައްޑަނައެކެވެ. މިމަތިވެރި އަޅުކަމުގެ ފުރިހަމަކަން އިތުރުކުރުމަށްޓަކައި، ކެތްތެރިކަމުގެ މަތިވެރި ނަމޫނާ އަޅުގަނޑުމެން ދައްކަންޖެހެއެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަމާ ކުރިމަތިލާންވާނީ، އަޒުމާއި ހިތްވަރާއެކު ކެތްތެރިކަން އިސްކޮށްގެންނެވެ. ދަތި ޙާލަތްތަކުގައިމެ، އުއްމީދު އާލާކޮށް، ދިރިއުޅުމާއިގެން ކުރިއަށްދާނެ ގޮތްތައް ރޭވުމަކީ އެހާމެ މުހިންމުކަމެވެ. އުނދަގޫ ދަތި ޙާލަތެއް މެދުވެރިވާކަށް އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ބޭނުމެއް ނުވާނެއެވެ. އެހެންނަމަވެސް ދައްޗާއި އުނދަގޫ ތަޙައްމަލުކޮށް، ކެތްތެރިކަމުގެ ގަހަނާއިން ޒީނަތްތެރިވުމުގެ ހެޔޮކަން ބޮޑެވެ.

އިސްލާމްދީނަކީ ސަމާޙަތުގެ ދީނެވެ. ކޮންމެ ކަމަކަށް، ކޮންމެ ޙާލަތަކަށް، ކޮންމެ ޒަމާނަކަށް އެންމެ ހެޔޮ އެންމެ އެކަށޭނަ ދީނެވެ. އެހެންކަމުން، ބަރަކާތްތެރި ރަމަޟާން މަހާ އަޅުގަނޑުމެން ކުރިމަތިލާއިރު، ޙާލަތަށް ރިޢާޔަތްކޮށް، ހެޔޮކަންތަކުގައި މަޝްޣޫލުވުމަށް އިސްކަންދޭންޖެހެއެވެ. ގިނަ ގިނައިން ތައުބާވެ އިސްތިޣްފާރު ކުރާންޖެހެއެވެ. ތިބާގެ ރޫޙާނީ ހަކަތައިންނަފްސުތަކަށް ދިރުން ގެންނާށެވެ.