ޚަބަރު

މިނިވަންކަމަށް ބުރޫއަރާފަދަ އެއްބަސްވުމެއް ހަދާފައިނުވާނެ، އެފަދަކަމަށް ޖާގަވެސް ނުދެއްވާނަން: ރައީސް


ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ބުރޫއަރާފަދަ އެއްބަސްވުމެއް ސަރުކާރުން ހަދާފައިނުވާނެ ކަމަށާ، އެފަދަކަމަށް ޖާގަވެސް ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ އެއްބަސްވުމަކީ މީގެކުރީގެ ސަރުކާރުތަކުން އެކުލަވާލައި އޭގެމަސައްކަތް ހިނގަމުންިޔަ އެއްބަސްވުމެއްކަމަށެވެ. އަދި މިސަރުކާރުންވެސް ކުރަމުންދަނީ ކުރިންވެސް ކުރަމުންދިޔަފަދަ މަސައްކަތްތަކެއް ކަމަށާ، މިނިވަންކަމަށް ބުރޫއަރާފަދަ ކަމެއް މިއެއްބަސްވުމުގެ ދަށުން ނުހިނގާނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ބޭރުގެ އެކިޤައުމުތަކާއެކު ހެދޭ ވަކިކަހަލަ އެއްބަސްވުންތަކަކީ މުޅި ރައްޔިތުންނަށް ހާމަކުރާފަދަ އެއްބަސްވުނަތަކެއް ނޫންކަމަށެވެ. ނަމަވެސް ސުވަލު އުފެދެި ޝައްކު އުފެދޭފަދަ ކަންކަން ހުރިނަމަ ކަމައި ގުޅުންހުރި އިދާރަތަކަށާއި، ވުޒާރާތަކަށް އެފަދަ އެއްބަސްވުން ހިއްސާކުރެވި މަޢުލޫމާތުތައް ޙިއްސާ ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޔަގީންކޮށް މިއަރުވަނީ ރާއްޖޭގެ މިނިވަންކަން ގެއްލޭގޮތަށް އެއްވެސް ކަހަލަ އެއްބަސްވުމެއްގައި މިސަރުކާރުން ސޮއިކޮށްފައި ނޯންނާނެކަމާއި، އަދި ސޮއި ނުކުކުރާނެކަން. އިއްތިޤުލާލާއި މިނިވަންކަން ގެއްލޭގަދަކަމެއް ނުކުރާނެކަމުގެ ޔަގީންކަން ދެން." ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ފަތުރާފައިވާ މައުލޫމާތުތަކަކީ އެއްވެސް ހަގީގަތެއްނެތް ދޮގު މައުލޫމާތު ތަކެއްކަމަށް ދިވެހި ރާއްޖޭގެ އަސްރިއްޔާއިންވެސް ވަނީ ހާމަކޮށްފައެވެ.

އުތުރު ތިލަފަޅު އެއްބަސްވުމުގައިވަނީ އުތުރު ތިލަފަޅުގައި ޖެޓީއަކާއި، ހާބަރ ރިޕެއަރ ފެސިލިޓީ (އެޗް.އާރް.އެފް)، ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނިހެން ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، މުއާޞަލާތީ ވަސީލާތްތަކާއި ރާޑަރުގެ ޚިދުމަތްތައް ތަރައްޤީ ކުރުމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.

އަދި އެއްބަސްވުމުގައިވާ ގޮތުގެ މަތިން، އިންޑިއާގެ ފަންނީ މާހިރުން، ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި، ޑޮކްޔާޑް އަދި ބަނދަރުގައި ޤާއިމުކޮށްފައިވާ އެކިއެކި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި 15 އަހަރު ދުވަހުގެ މުއްދަތަކަށް އިންޑިއާއިން އެހީތެރި ވެދޭނެކަމަށެވެ.