ޚަބަރު

މިއީ މައްސަލަތައް ހައްލުކުރުމަށް ރައްޔިތުން ދެއްވި މެސެޖެއް: ރައީސް


ކައުންސިލް އިންތިޚާބުގައި މާލެ ސިޓީން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަކީ، މާލޭގައި ހުރި މައްސަލަތައް ހައްލުކުރަން ދިން މެސެޖެއްކަމަށް ޤަބޫލުފުޅުކުރައްވާކަމަށާއި، އެކަންކަން ދެނެގަނެ ހައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.

ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މާލެ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. ރައީސް ވިދާޅުވީ، އެކަން ބޮޑަށް އެނގޭނީ ދިރާސާތަކެއް ހެދިގެންކަމަށާއި، އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ފާހަގަކުރެއްވިފައިވާކަމަށާއި، އެއީ ހައްލު ހޯދައިދޭންޖެހޭ މައްސަލައެއްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކުގެތެރެއިން ވަރަށް ބޮޑަށް މާލޭގެ ރައްޔިތުންނަށް އޭގެ އަސަރުކުރިކަމަށާއި، އޭގެތެރޭގައި އެކި ވިޔަފާރިތަކާއި، ޓެކްސީ ޑްރައިވަރުންނާއި އެކި މަސައްކަތްތެރިންނާއި، އެނޫންވެސް މީހުންގެ މުޅި ދިރިއުޅުމަށް އަސަރުކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އޭގެ އަސަރު އެންމެ ބޮޑަށް ކުރީ މާލޭގެ ރައްޔިތުންނަށް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް ކޯވިޑްގެ އެ ޙާލަތުގައި ސަރުކާރުން މަސައްކަތްކުރެއްވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އަދި މުޅި ޤައުމަށް އެންމެ ފައިދާހުރި ގޮތަށް ކަމަށް ދެކިގެންކަމަށާއި، ނަމަވެސް އިޤްތިޞާދީ ގޮތުން ކުރި އަސަރު މި ވޯޓުން ފެނިގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ އިތުރުން ކޮރަޕްޝަނާއި ޚާއްޞަކޮށް އެމްއެމްޕީއާރުސީގެ ތަހުގީގްކުރުމަށް ވަގުތު ހޭދަވަމުންދާ ދިއުން އަދި މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމުގައި ލަސްވެގެންދާދއިުން މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީއަށް ސަރުކާރު ލިބި ރައްޔިތުންގެ މަޖިލީހުގެ %75 ވެސް ރައްޔިތުންގެ މަޖިލީހުގައި އޮވެ މުހިންމު ދާއިރާތަކުން އެމްޑީޕީއަށް ގޮނޑި ގެއްލުނު ދާއިރާތަކަށް އިތުރަށް މަސައްކަތްކުރައްވާނެކަމަށެވެ.

"އެހެންވީމަ މި ވޭތުވެދިޔަ 2 އަހަރުދުވަހުގެ ތެރޭގައި އަޅުގަނޑުމެން އެންމެނަށް މި ކުރެވުނު ކަންތައްތައް އެބަޖެހޭ ބަލާލަން. ކޮބައިތޯ މައްސަލަތަކަކީ. ސަރުކާރުގެ ތެރޭގައި ހުރީ ކޮން މައްސަލަތަކެއްތޯ، ކޮންކޮން ކަންތައްތަކެއްތޯ ބަދަލުކުރަންޖެހެނީ، މަޖިލިސް ތެރޭގައި މައްސަލަތަކެއް ހުރިތޯ؟ ހުރިއްޔާ އަޅުގަނޑުމެން އެއަށް އެޑްރެސްކުރާނަން. އެހެންވީމަ މަޖިލީހުގެ މި މެޖޯރިޓީއާއި ސަރުކާރާއެކީގައިއޮވެ މިކަހަލަ ބަދަލެއް މާލޭގެ އިންތިޚާބަށް އައިސަބަބު ދެނެގަނެ އެ ކަންތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިޞްލާޙުކުރާނަން."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއީ ކަންކަން ރަނގަޅުކުރުމަށް ރައްޔިތުން ދެއްވި މެސެޖެއްކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ.

"އެމްޑީޕީގެ މެންބަރުން ކަންތައްތަކެއް ބަދަލުކުރަން ބޭނުންވޭ. ވައްކަމާއި އިދިކޮޅު، ކޮރަޕްޝަނާއި އިދިކޮޅު، ޚިޔާލުފާޅުކުރުމާއި މިނިވަންކަމާއި އެއްކޮޅު، މިހެން ގޮސް ވެލިއުތަކެއް އެބަހުރި އެމްޑީޕީން ޤަބޫލުކުރާ. މިކަންތައްތައް މިހާރަށްވުރެ ރަނގަޅުކުރަން ދިން މެސެޖެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވެ މި ފާހަގަކުރެވުނު ކަންތައްތަކާއެކުގައި ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން ގެންނާނަން."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މައްސަލަތައް ދެނެގަނެ މައްސަލަތައް ހައްލު ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމަށެވެ. އަދި ޚިދުމަތް ދިނުމުގައި އޮތީ ކޮން ކައުންސިލެއްތޯ ނުބަލައި އެމީހުންނަށް ދޭންޖެހޭ ބާރުދީގެން ކަންކަން ހާސިލް ކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.