ޚަބަރު

މިޔަންމާގެ މައްސަލަ ޙައްލުކުރުމަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއަޅާ: ވިލާތުގެ އިއްތިޙާދު


މިޔަންމާގައި ހިނގަމުންދާ އަސްކަރީ ބަޣާވާތާ ދެކޮޅަށް ދުނިޔޭގެ ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއަޅަމުންދާކަމަށް ވިލާތުގެ އިއްތިޙާދުން ބުނެފިއެވެ. ޗައިނާއާއި ރަޝިޔާއަކީ މިޔަންމާގެ އަސްކަރިއްޔާއާ ގާތް ގުޅުމެއް ބާއްވާ ދެ ޤައުމެވެ. އަދި ޗައިނާއާއި ރަޝިޔާއަކީ މިޔަންމާއަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ދެ ޤައުމެވެ.

ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތުތަކާބެހޭ އިސްވެރިޔާ ޖޮސެޕު ބުރެލް ވިދާޅުވީ މިޔަންމާގެ މައްސަލައާ ގުޅިގެން އދގެ ސަލާމަތީ މަޖިލީހުން އެޅުމަށް މަސައްކަތްކުރަމުންދާ ފިޔަވަޅުތަކަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއަޅާކަމަށެވެ. މިޔަންމާ އޮންނަ ސަރަޙައްދުގެ ސަބަބުން އެ މައްސަލައާ ގުޅިގެން ޤައުމުތަކުގެ ސިޔާސަތުތައް އެއްގޮތްކުރަން އުނދަގޫވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ކިތަންމެ އުނދަގޫ މަސައްކަތެއް ނަމަވެސް އެކަން ޙާޞިލުކުރުމަށް މަސައްކަތްކުރުމަކީ ޤައުމުތަކުގެ ޒިންމާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިޔަންމާގެ އަސްކަރިއްޔާގެ އިސްވެރިންނާއި ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވިލާތުގެ އިއްތިޙާދުން ދަނީ ތައްޔާރުވަމުންނެވެ. އަސްކަރީ ބަޣާވާތާ ގުޅުންހުރި 11 މީހަކާ ދެކޮޅަށް މިދިޔަ މާރިޗު މަހުގެ ތެރޭގައި އެ އިއްތިޙާދުންވަނީ ފިޔަވަޅު އަޅައިފައެވެ.

2019ވަނަ އަހަރުގެ ތެރޭގައި ވިލާތުގެ އިއްތިޙާދުންވަނީ މިޔަންމާއަށް 700 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައެވެ. ނަމަވެސް އެ ޤައުމަށް ޗައިނާއިން ޚަރަދުކުރި ޢަދަދު 19 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރެވެ. މިޔަންމާގެ މައްޗަށް ވިލާތުގެ އިއްތިޙާދުގެ އިޤްތިޞާދީ ނުފޫޒު އޮންނަ މިންވަރު ކުޑަވި ނަމަވެސް އެ ޤައުމުގައި ޑިމޮކުރަސީ ޤާއިމުކޮށްފިނަމަ އެ ޤައުމާއެކު އޮންނަ ވިޔަފާރީގެ ގުޅުންތައް އިތުރުކުރުމަށް ވިލާތުގެ އިއްތިޙާދުން އޮތީ ތައްޔާރަށެވެ. އޭގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން މިޔަންމާއަށް ގިނަ ފުރުޞަތުތަކެއް ލިބޭނެއެވެ.