ޚަބަރު

ނަތީޖާއަށް ބަދަލު އަންނަފަދަ އެއްވެސް ޝަކުވާއެއް ހުށަހެޅިފައިނުވޭ: އިލެކްޝަންސް


އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ނަތީޖާއަށް ބަދަލު އަންނަފަދަ އެއްވެސް ޝަކުވާއެއް މިހާތަނަށް ހުށަހެޅިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އިންތިޚާބުގައި ހުށަހެޅިފައިވާ ޝަކުވާތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ހުރިހާ ވޯޓު ފޮށްޓެއް ގުނާނިމި ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވާއިރު، ނަތީޖާއަށް އަސަރުކުރާނެ ފަދަ ޝަކުވާއެއް ހުށަހެޅިފައި ނުވާކަމަށެވެ.

ކޯވިޑް-19ގެ ބަލިމަޑު ކަމުގެ ތެރޭގައި މުޅި ރާއްޖޭގައި އިންތިޚާބު ބާއްވާފައިވާއިރު މިއިންތިޚާބަކީ މިހާތަނަށް ރާއްޖޭގައި ބާއްވާފައިވާ އެންމެބޮޑު އަދި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރި އިންތިޚާބެވެ. ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3934 ކެނޑިޑޭޓުން ވާދަކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރި 1670 ކެނޑިޑޭޓުންނެވެ.

މިހާގިނަ ކެނޑިޑޭޓުންނާއެކު ބޮޑު އިންތިޚާބެއް ބޭއްވިގެން ދިޔައިރު، އާންމު ހާލަތްތަކުގައި ބާއްވާ އިންތިޚާބު ތަކުގައި ދިމާވާ މައްސަލަތައް ދިމާނުވެ މިއިންތިޚާބު ނިމިގެންދިއުމަކީ އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދިޔަ އެންމެބޮޑު ހިތްހަމަޖެހުމެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 67 އިންސައްތަ މީހުން ވޯޓުލާފައިވާއިރު، ވަރަށް މަދު މަރުކަޒެއްގައި ފިޔަވައި ހުރިހާ މަރުކަޒެއްގައިވެސް ވޯޓުލުން ކުރިއަށް ދިޔައީ ވަރަށް އަމާންކަމާއި އޮމާން ކަމާއި އެކީގައެވެ.

މީގެ ކުރީގެ އިންތިޚާބުތަކުގައި ތޮއްޖެހުމާއި، ދިގު ކިއުތަކެއް ފެނިގެން ދިޔަނަމަވެސް މިއިންތިޚާބުގައި ވަކި އަދަދަށް ކޮންމެ ފޮށްޓަކަށްވެސް މީހުންނަށް ވޯޓުލެވޭ ގޮތަށް ހަމަޖެއްސުމުން ކުރީގެ އިންތިޚާބުގައި ދިމާވިފަދަ އެތައް މައްސަލަތަކެއް މިއިންތިޚާބުގައި ވަނީ ވަރަށް ބޮޑަށް ހައްލު ވެފައެވެ.

އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބުގެ އިންތިޒާމުތައް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވަނީ އެއްވެސް ޝަކުވާއެއް ނެތް މިންވަރަށްކަން އިންތިޚާބު އޮބްޒާވްކުރި ފަރާތްތަކުންވެސް ވަނީ ބުނެފައެވެ. ޚާއްސަކޮށް އިންތިޚާބަށް އަމާޒުކޮށް މާލެ ސަރަހައްދުގައި ގާއިމްކުރި ވޯޓުލާ މަރުކަޒުތަކުގައިވެސް އިންތިޚާބުގައި މީހުންނަށް ފަސޭހަކަމާއިއެކު ވޯޓްލެވޭނެފަދަ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. އިންތިޚާބަށް ތައްޔާރުވާން ލިބުނު ވަގުތާއި، އޮފިޝަލުން ތަމްރީން ކުރުމަށް ހުރި ދަތިތަކާއިއެކުވެސް އިލެކްޝަންސް ކޮމިޝަނުންވަނީ ޝަކުވާ މަދުކޮށް، ކާމިޔާބު ކަމާއިއެކު ހުރިހާ ކަމެއްވެސް ފުރިމައަށް ކޮށްދެއްވާފައެވެ.

އިންތިޚާބު އަމާންކަމާއި އޮމާންކަމާއިއެކު ނިމިގެން ގޮސްފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބު މިހާ ކާމިޔާބު ކަމާއިއެކު ނިންމާލެވުނީ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުންކަމަށެވެ. ޚާއްސަކޮށް ސިޔާސީ ޕާޓީތަކާއި، ކެނޑިޑޭޓުންނާއި، އިލެކްޝަންސްގައި ހަރަކާތްތެރިވި އޮފިޝަލުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމަކީ އިންތިޚާބު ކާމިޔާބު ކަމާއިއެކު ނިންމާލުމުގެ އެންމެބޮޑު ސަބަބުކަމަށް ޝަރީފް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާއި އަންހެންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 1912 މީހުން ވަނީ އިންތިޚާބުކޮށްފައެވެ. އޭގެ ތެރޭގައި ރަށު ކައުންސިލްތަކަށް އިންތިޚާބުކުރި 918 ކައުންސިލަރުންނާއި، ރަށު ކައުންސިލް ރައީސް އާއި އަތޮޅު ކައުންސިލް ރައީސް ހިމެނޭހެން 196 ކައުންސިލަރުންނާއި، ސިޓީކައުންސިލްތަކަށް 4 މޭޔަރުންނާއިއެކު 42 ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް، 930 ކަނބަލަކު ވަނީ އިންތިޚާބު ކޮށްފައެވެ.