ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ ވައިގެ ދަތުރުފަތުރުކުރާ ފަސިންޖަރުންގެ އަދަދު އިތުރުވަނީ


އެމެރިކާގެ ވައިގެ ދަތުރުފަތުރުކުރާ ފަސިންޖަރުންގެ އަދަދު މިދިޔަ މާޗުމަހަށްފަހު ފުރަތަމަ ފަހަރަށް އިތުރުވާން ފަށައިފިއެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ ހުކުރު ދުވަހަކީ ކޯވިޑާއި ގުޅިގެން ފަސިންޖަރުންގެ އަދަދުތައް ދަށަށް ދާން ފެށުމަށްފަހު، ފަސިންޖަރުންގެ އަދަދު އެންމެ ބޮޑަށް އިތުރުވި ދުވަހެވެ.

ކޯވިޑާއި ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ސިނާއަތަށް ދަތުރުފަތުރުކުރުމުގެ ސިނާޢަތްވެފައިވާއިރު، އެމެރިކާގެ ގިނަ އެއަރލައިންތަކަކަށް ވަނީ ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތިވެފައެވެ. ނަމަވެސް މަޑުމަޑުން ވައިގެ ދަތުރުފަތުރުތައް އަލުން ފަށަމުންދާއިރު، އެމެރިކާގައިވެސް ވައިގެ ދަތުރުފަތުރުކުރާ ފަސިންޖަރުންގެ އަދަދުތައްވެސް ދަނީ އިތުރުވަމުންނެވެ.

އެމެރިކާގެ ޓްރާންސްޕޯޓް ސޭފްޓީ އެޑްމިނިސްޓްރޭޝަނުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހުކުރުދުވަހު އެމެރިކާގެ އެއަރޕޯޓްތަކުން ވަނީ 1.35 މިލިއަން ފަސިންޖަރުން ދަތުރުކޮށްފައެވެ. މިއީ މިދިޔަ މާޗުމަހުގެ 15 ވަނަ ދުވަހަށްފަހު އެމެރިކާގެ އެއަރޕޯޓްތަކުން އެންމެ ގިނަ އަދަދަކަށް ފަސިންޖަރުން ދަތުރުކުރި ދުވަހެވެ.

މިދިޔަ މާޗުމަހަށްފަހު އެމެރިކާގެ ވައިގެ ދަތުރުފަތުރާކުރާ ފަސިންޖަރުންގެ އަދަދު އިތުރުވިނަމަވެސް، މިހާރު ހުރި އަދަދުތަކަކީ އާއްމުކޮށް އެހެން އަހަރުތަކުގެ މިދުވަސްވަރާ އަޅާބަލާއިރު ދެބައިކުޅަ އެއްބައި ދަށް އަދަދެކެވެ.

ކޯވިޑް ފެތުރެން ފެށިފަހުން މިދިޔަ ހުކުރު ދުވަހުގެ ކުރިން ފަސިންޖަރުން ދެން އެންމެ ގިނައިން ދަތުރުކޮށްފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 3 ވަނަ ދުވަހުއެވެ. އެއީ 1.33 މިލިއަން ފަސިންޖަރުންނެވެ. އޭގެފަހުން އޭޕްރީލްމަހުގެ ތެރޭގައި މިއަދަދު ވަނީ 87 ހާހަށް ތިރިވެފައެވެ.

ކޯވިޑް ޖެހުނު މީހުން އެންމެ ގިނަ ޤައުމުތަކުގެ ތެރޭގައި އެމެރިކާ ހިމެނޭއިރު، އެޤައުމުން ގާތްގަނޑަށް ބައި މިލިއަނެއްހާ މީހުން ވަނީ މަރުވެފައެވެ. ނަމަވެސް ވެކްސިންއާއެކު ކޯވިޑް ޖެހޭ މީޙުންގެ އަދަދު އެމެރިކާގައި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.