ސިޔާސީ

ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ކެމްޕެއިން އިފްތިތާހު ކުރުން މިރޭ


ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕެއިން ރަސްމީކޮށް ފެށުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ބާއްވާ ޚާއްސަ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

"ރަށްވެހި ފަތިސް" ކެމްޕެއިންގެ ނަމުގައި މިރޭ ފަށާ ކެމްޕެއިން ހަރަކާތަކީ އެމްޑީޕީން ކައުންސިލް އިންތިޚާބުގެ ކެންޕެއިން ރަސްމީކޮށް އިފްތިތާހްކުރުމަށް ބާއްވާ ހަރަކާތެވެ. މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ކެންޕެއިން އިފްތިތާހް ކުރުމަށް ބާއްވާ މިހަރަކާތުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ އެމްޑީޕީގެ މެމްބަރުން ބައިވެރިވާނެ ކަމަށް އެޕާޓީން ބުނެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ މެމްބަރުންނާއި، މުޚާތަބު ކުރައްވާނެއެވެ. ކައުންސިލް އިންތިޚާބު އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންތިޚާބުގެ ތައްޔާރީތައް އެމްޑީޕީން ވަނީ ފަށާފައެވެ.

އެގޮތުން އަތޮޅުތެރޭގެ ރަށްތަކަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅައި ރަށްރަށުގައި ހުރި މައްސަލަތަކާއި، ރަށްތަކަށް ސަރުކާރުން ކޮށްދެއްވަމުންދާ ކަންތައްތައް ދަނީ ހިއްސާ ކުރަމުންނެވެ. މިބައްދަލުވުންތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން ކައުންސިލް އިންތިޚާބުގެ ކެންޕެއިން، ޖަލްސާއެއްގެ ގޮތުގައި ނުބޭއްވުނު ނަމަވެސް ކެންޕެއިން ޖަލްސާތަކާއި، އިވެންޓުތައް އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށް ގެންދާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ކައުންސިލް އިންތިޚާބުގެ ކުރިން މިހާތަނަށް އެމްޑީޕީއަށް ވަނީ 21 ގޮނޑި ކަށަވަރުވެފައެވެ. މީގެތެރެއިން 8 ގޮނޑި އެޕާޓީއަށް ކަށަވަރުވެފައިވަނީ ވާދަކުރި ބައެއް ކެނޑިޑޭޓުން ނަން ނެގުމުންނެވެ. އަނެއް ގޮނޑިތައް ކަށަވަރުވެފައިވަނީ ކުރިން އިންތިޚާބަށް ހުޅުވާލުމުން އިންތިޚާބުކުރަންޖެހޭ އަދަދަށް ކެނޑިޑޭޓުން ކުރިމަތިލާފައިވުމުންނެވެ.