ދުނިޔޭގެ ވިޔަފާރި

6 އަހަރުތެރޭގައި އެޕަލްއިން 100 ކުންފުނީގެ ކޮންޓްރޯލް ނަގައިފި


މިދިޔަ 6 އަހަރު ތެރޭގައި އެޕަލްއިން 100 އަށްވުރެ ގިނަ ކުންފުނީގެ މެޖޯރިޓީ ހިއްސާ ގަނެފައިވާކަމަށް އެކުންފުނީގެ ސީއީއޯ ޓިމް ކުކް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އަދި ދުނިޔޭގެ އެންމެ މުއްސަނދި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެޕަލްގެ ހިއްސާދާރުންނާއެކު ބޭއްވި އަހަރީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ، އެޕަލް ކުންފުނިން އެވްރެޖްކޮށް ކޮންމެ 3 ހަފްތާއަކުން ނުވަތަ 4 ހަފްތާއަކުން އެހެން ކުންފުންޏެއް މެޖޯރިޓީ ހިއްސާ ގަންނަކަމަށެވެ. އެގޮތުން ވޭތުވެދިޔަ 6 އަހަރު ތެރޭގައި ގާތްގަނޑަކަށް 100 އެއްހާ ކުންފުނީގެ މެޖޯރިޓީ ހިއްސާ އެޕަލްއިން ގަނެ، އެކުންފުނިތަކުގެ ކޮންޓްރޯލް ހޯދާފައިވާކަމަށް ޓިމް ކުކް ވިދާޅުވިއެވެ.

ޓިމް ކުކް ވިދާޅުވީ އެޕަލްއިން ކުންފުނިތައް ގަންނައިރު އެންމެ ބޮޑަށް އިސްކަންދެނީ ޓެކްނޮލޮޖީއާއި ހުނަރަށްކަމަށެވެ.

6 އަހަރު ތެރޭގައި 100 އަށްވުރެ ގިނަ ކުންފުނީގެ ކޮންޓްރޯލް އެޕަލްއިން ނަގާފައިވާއިރު، އެކުންފުނިން މިދިޔަ 10 އަހަރު ތެރޭގައި ހިންގި އެންމެ އަގުބޮޑު މުއާމަލާތަކަކީ ހެޑްފޯނު އުފައްދާ މަޝްހޫރު ބީޓްސް ކުންފުނި ގަތުމަށް ހިންގި މުޢާމަލާތެވެ. އެފަހަރު އެޕަލްއިން ބީޓްސް ކުންފުނި ގަނެފައިވަނީ 3 ބިލިއަން ޑޮލަރަށެވެ. އޭގެ އިތުރުން 2008 ވަނަ އަހަރު "މިއުޒިކް ރިކޮގްނިޝަން ސޮފްޓެއަރ" ކުންފުންޏެއްކަމަށްވާ "ޝަޒަމް" ކުންފުނި އެޕަލްއިން ވަނީ 400 މިލިއަން ޑޮލަރަށް ގަނެފައެވެ.

ކުންފުނިތައް ގަންނައިރު އާއްމު ގޮތެއްގައި އެޕަލްއިން ކަންކުރާ ގޮތަކީ، އެކުންފުންޏެއްގެ ކޮންޓްރޯލް ނެގުމަށްފަހު، އެކުންފުންޏެއްގެ ޓެކްނޮލޮޖީ އެޕަލްގެ އުފެއްދުންތަކުގައި ބޭނުންކުރުމެވެ. އޭގެ އެއް މިސާލަކީ އެޕަލްއިން ގަތް ތްރީޑީ ސެންސިންގ ޓެކްނޮލޮޖީ ތަރައްޤީކުރާ އިސްރާއިލްގެ ޕްރައިމް ސެންސް ކުންފުންނެވެ. އެޕަލްގެ ފޭސް އައިޑީ ޓެކްނޮލޮޖީ ތަރައްޤީކުރުމުގައި އެކުންފުނީގެ ހިއްސާ ބޮޑެވެ.

ޓެކްނޮލޮޖީއާ ގުޅުންހުރި ތަފާތު އެކި ކުންފުނިތަކުގެ ކޮންޓްރޯލް އެޕަލްއިން ނަގަމުންދާއިރު، އެކުންފުނިން މިދިޔަ އަހަރުތަކުގެ ތެރޭގައި، އާޓިފިޝަލް އިންޓެލިޖެންސް ތަރައްޤީކުރާ ކުންފުނިތަކާއި، ޕޭމަންޓް ސްޓާޓް އަޕްސްތަކާއި ޕޮޑްކާސްޓް ވިޔަފާރި ކުންފުނިތަކުގެ ކޮންޓްރޯލް ނަގާފައިވެއެވެ. އަދި މިދިޔަ އަހަރު އެޕަލްއިން ވަނީ އެކުންފުނިން ތަރައްޤީކުރާ ސެލްފް ޑްރައިވިންގ ޓެކްނޮލޮޖީގެ މަސައްކަތަށް، އެފަދަ މަސައްކަތްކުރާ ކުންފުންޏެއްވެސް ގަނެފައެވެ.

2 ޓްރިލިއަން ޑޮލަރުގެ އަގުހުރި އެޕަލް ކުންފުނިން އެކިއެކި ކުންފުނިތަކުގެ ކޮންޓްރޯލް ނެގުމުގެ ގާބިލްކަން ލިބިފައިވީނަމަވެސް، ކުންފުންޏެއްގެ ކޮންޓްރޯލް ނެގުމުގެ ކުރިން އެޕަލްއިން ވަރަށް ގިނަ ކަންތައްތަކަކަށް ބަލައެވެ. އެކަން އެންމެ ރަނގަޅަށް އެނގެނީ އިލޯން މަސްކުގެ މަޝްހޫރު ޓެސްލާ ކުންފުނީގެ ކޮންޓްރޯލް ނެގުމަށް އެޕަލް ކުންފުންޏަށް ލިބުނު ފުރުޞަތު ދޫކޮށްލުމުންނެވެ. އިލޯން މަސްކު ދާދިފަހުން މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، 2013 ވަނަ އަހަރު ޓެސްލާގެ އިލެކްޓްރިކް ކާރުގެ ވިޔަފާރި އަޑިއަޅާލުމުން އެކުންފުނި ވިއްކާލުމަށް ނިންމައި، އެކަން އެޕަލްގެ ސީއީއޯ ޓިމް ކުކްއަށް ހުށަހެޅިކަމަށެވެ. ނަމަވެސް އެޕަލްގެ ސީއީއޯ އެކަމަށް މާބޮޑު އިޖާބައެއް ނުދެއްވާކަމަށް މަސްކު ވިދާޅުވިއެވެ.

އެޕަލްއިން އެހެން ކުންފުނިތަކުގެ ކޮންޓްރޯލް ނެގުމަށް ޚަރަދުކުރާ މިންވަރަށް ބަލާއިރު، އެ އަދަދުތައް އުޅެނީ އެޕަލްއާ ވާދަވެރި އެހެން ކުންފުނިތަކަށްވުރެ ދަށުގައެވެ. އެގޮތުން މައިކްރޯސޮފްޓުން 26 ބިލިއަން ޑޮލަރަށް ލިންކްއިޑް ކުންފުނި ގަތްއިރު، އެމޭޒަންއިން ހޯލްފުޑްސް ގަނެފައިވަނީ 13.7 ބިލިއަން ޑޮލަރަށެވެ. އަދި ފޭސްބުކްއިން މަޝްހޫރު ވަޓްސްއެޕް ގަނެފައިވަނީ 19 ބިލިއަން ޑޮލަރަށެވެ. އެހެންކަމުން އެޕަލްގެ އެންމެ އަގުބޮޑު 10 މުޢާމަލާތް އެއްކޮށްލުމުންވެސް މީގެއިން މުޢާމަލާތަކާ ގާތްނުކުރެއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ބޮޑު އާމްދަނީ ލިބޭ ކުންފުނިތަކުގެ ތެރޭގައި އެޕަލް ހިމެނޭއިރު، މިދިޔަ ކުއާޓަރުގައިވެސް އެކުންފުންޏަށް 111 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.