ޚަބަރު

އިދިކޮޅު މުޒާހަރާތައް ބާއްވަމުންދަނީ ގައިޑްލައިންތަކާއި ޚިލާފަށް - އެޗްްއާރުސީއެމް


ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ޑަބްލިއު.އެޗް.އޯގެ މިންގަނޑުތަކާ ޚިލާފަށް، އެއްވެއުޅުމާއި މުޒާހަރާކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަމުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރަމުންދާ މުޒާހަރާތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް އެޗްއާރުސީއެމްއިން ނެރުނު ބަޔާނުގައި ވިދާޅުވީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭންޖެހޭ ހައްގެއް ކަމަށެވެ. ނަމަވެސް ޞިއްޚީ ބޮޑު ހާދިސާއެއް ކުރިމަތިވެ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅުގައި މުޒާހަރާ ކުރުމާއި އެއްވެއުޅުމުގެ ހައްގުގެ ބޭނުންވެސް ވަކި ހުދޫދެއްގެ ތެރެއިން ކުރަން ބަދަލު ކުރަންޖެހޭކަމަށެވެ.

ކޯވިޑްގެ ކޭސްތައް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާ މިހާލަތުގައި މާލެ ސަރަހައްދުގައި އަަމަލުކުރާނެ ވަކި އުސޫލުތަކެއް ބަޔާންކޮށްފައިވާއިރު އެއަށް އެއްވެސް ވަރަކަށް ބެލުމެއްނެތި އެއްވެ، މުޒާހަރާ ކުރުމަކީ އާންމު ޞިއްޙަތުގެ ރައްކާތެރިކަމަށްވެސް އޮތް ނުރައްކަލެއްކަމަށް އެޗްއާރުސީއެމް އިން ވިދާޅުވެއެވެ.

އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރަމުންދާ މުޒާހަރާތަކުގައި އެޗްޕީއޭގެ ގައިޑްލައިނަށް އެއްވެސް ވަރަކަށް ބެލުމެއްނެތި މުޒާހަރާތައް ކުރަމުންދާތީ ކޯވިޑް ފެތުރުމުގެ ފުރުސަތު ބޮޑުވެ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ގޯސްވެދާނެކަމަށް ގަބޫލު ކުރެވޭކަމަށްވެސް އެޗްއާރްސީއެމްގެ ބަޔާނުގައި ވެއެވެ. މިހާލަތުގައި އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ ކަންކަން ކުރިއަށްގެންދަންވާނީ ކަނޑައެޅިފައިވާ ގައިޑްލައިންތަކުގެ ތެރެއިން ކަމަށް އެޗްއާރުސީއެމްއިން ވިދާޅުވެއެވެ.

މީގެ އިތުރުން ފުލުހުން މުޒާހަރާގެ ކަންކަން ބަލަހައްޓަވައި، މުޒާހަރާ ރޫޅާލުމުގެ ކަންކަން ކުރިއަށްގެންދަވާ އިރުވެސް ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ބާރުގެ ބޭނުންކުރުމަށާއި، މުޒާހަރާ މޮނިޓަރ ކުރާ މީޑިއާގެ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް އެޗްއާރްސީއެމުންވަނީ އިލްތިމާސްކުރައްވާފައެވެ.

ކޯވިޑްގެ ނުރައްކާތެރިކަން ބޮޑުވެ، ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު، ތިލަފުށި، އަދި ހުޅުލެ) ގައި އެއްފަހަރާ 10 (ދިހައެއް) މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި ޢާއްމު ތަންތަނަށް މި ދުވަސްވަރު އެއްވެ އުޅުން މަނާކަމެއްގެ ގޮތުގައި އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.