ޚަބަރު

ބެކަޕް ޖަނަރޭޓަރު ވޭމަންޑުއަށް ގެންދިއުމުގެ މަސައްކަތް ފަށައިފި - ސަޢީދު


ތ.ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ބެކަޕް ޖަނަރޭޓަރު މިރޭ މާލެއިން ގެންދިއުމުގެ މަސައްކަތް ފެށޭނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މޭނޭޖަރު އަޙްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވޭމަންޑޫން ކަރަންޓު ކެޑި އެރަށަށް ކަރަންޓު ދިނުމަށް ކުރަމުންދާ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގެން ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސައީދު ވިދާޅުވީ މާލެއިން ދެ ޖަނަރޭޓަރު ގެންދިއުމުގެ މަސައްކަތް މިރޭ ފަށާނެކަމަށެވެ. މާލެއިން ވޭމަންޑޫއަށް ގެންދަނީ 600 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި، 450 ކިލޯ ވޯޓުގެ ޖަނަރޭޓަރެއްކަމަށް ސައީދު ވިދާޅުވިއެވެ.

ޖަނަރޭޓަރު ގެންދިއުމުގެ މަސައްކަތް ކުރަމުންދާއިރު އިންޖީނުގޭގައި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެއްވެސް އިންޖީނެއްގެ މަސައްކަތް މަރާމާތު ކޮށްގެންވެސް ބޭނުންކުރެވޭތޯ ހުއްޓުމެއްނެތި މިހާރުވެސް މަސައްކަތް ކުރެވެމުންދާކަމަށް ސައީދު ވިދާޅުވިއެވެ. މިމަސައްކަތުގައި ވޭމަންޑޫގެ ރައްޔިތުންނާއި، މުވައްސަސާތަކުގެ ވަރަށްބޮޑު އެއްބާލުލުމެއް ލިބިގެންދާކަމަށް ސަޢީދު ފާހަގަކުރެއްވިއެވެ.

މިހާދިސާ ހިނގި ވަގުތުން ފެށިގެން ކަންކަން ހިނގައިދިޔަ ގޮތާއި، ހާދިސާގައި ލިބުނު ގެއްލުން ވަރަށް ކައިރިން ރައީސުލްޖުމްހރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބައްލަވަމުން ދާކަމަށާ، އެމަނިކުފާނު ވަނީ މިކަމުގައި ރައްޔިތުންނަށް ދިމާވެފައިވާ މާޔޫސްކަމަށް ވީހާވެސް އަވަހަކަށް ހައްލު ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރެއްވުމަށް ވިދާޅުވެފައިކަމަށެވެ.

މި ހައްސާސް ދަނޑިވަޅުގައި ވޭމަންޑޫ ރައްޔިތުންގެ ފަރާތުން ފެނިގެންދާ ކެތްތެރިކަމާއި އެއްބާރުލުމަށް ސަޢީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރުކާރުން ވޭމަންޑޫއަށް އަވަސް ގޮތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާނެކަމުގެ ޔަގީންކަންވެސް ސައީދު ވަނީ ދެއްވާފައެވެ.